ޚަބަރު

ބެލަރޫސް އާއި އިނގިރޭސިވިލާތުގައި ތިބި 73 ދަރިވަރަކު އަންނަ އާދީއްތަ ދުވަހު ރާއްޖެ ގެންނަނީ

ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، މި ދިވެހިން ދަތުރުކުރާނީ ލަންޑަނުން، ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ކަމަށެވެ. އަދި ބެލަރޫސްގައި ތިބި ދަރިވަރުން މި ފްލައިޓާ ގުޅުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ، ފްލައިޓުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީ އާއި ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީ އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ސްރީލަންކަން އެއާލައިންސް އާއި އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައެވެ. އަދި ރާއްޖެ އައުމަށްފަހު 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ.