އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުން ފާސްކޮށްފައި އޮތަސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ވޯޓު ނުދެއްވާނެކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ދެއްވައިފިއެވެ.
ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، އެ އިސްލާހު އޮތް ގޮތަށް ފާސްކުރަން، ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ނިންމި ނިންމުމާ ބެހޭގޮތުން، އިންތި ވިދާޅުވީ، އެބިލަށް ވޯޓު ދެއްވާނީ އަމިއްލަ ނަފްސު އަންގާ ގޮތަށް ކަަމަށާއި އެއީ ޕާޓީން އަންގާ ގޮތް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުން އަންގާ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ، އެ ބިލާ ބެހޭގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީ މަރުހަލާ އާއި މުޅި މަޖިލީހުން އެ އިސްލާހު ފާސް ކުރަން ތްރީލައިން ވިޕެއް ނެރުމަށް ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެކަމާ ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ. އެގޮތަށް ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އިންތި ހިމެނިވަޑައިގަންނަވައެވެ.
އިންތި ވިދާޅުވީ، މިވަގުތަކީ ގާނޫނޫއަސާސީއަށް އިސްލާހު ގެންނަން ޖެހޭ ވަގުތެއް ނޫން ކަމަށާއި، އެ ނޫން ގޮތަކަށްވެސް އެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކައުންސިލަރުންގެ ދައުރު އިތުރު ކުރިނަމަވެސް އެއީ އިންތިހާބުކޮށްފައިވާ ބަޔަކަށް ނުވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ. އެހެންކަމުން އެއީ ބޭނުމެއް އޮތް ކަމެއްތޯ ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީ އިސްލާހު ނުކޮށް އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ސަންސެޓް ގާނޫނެއް އެކުލަވައިލުމަށް ރައްޔިތުންގެ އިއްޔެގެ ޖަލްސާގައި އިންތި ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އިންތިގެ އެ ހުށަހެޅުމުގައި ވަނީ، މިހާރު ތިބި ކައުންސެލަރުންގެ ބަދަލުގައި އެ މަގާމުތަކަށް ބަޔަކު އައްޔަން ކުރުމުގެ ބާރު ލޯކަލް ގަވަންމަންޓް އޮތޯރިޓީއަށް ދިނުމަށެވެ.