މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ހިނގަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ފޯނުން ގުޅުއްވާ މިރޭ ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ މައްސަލަ ބަލަމުން އަންނަނީ ޖޮއިންޓް ތަހުގީގެއްގެ ގޮތުގައި ކަމަށެވެ. އެ ޖޮއިންޓް ތަހުގީގުގައި ހިމެނެނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ އިތުރުން ފުލުހުންނެވެ.
"މިކަންތަކާ ގުޅިގެން މުއައްސަސާތަކުގެ ވެރިންގެ މެދުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުވެސް ވަނީ ދެ ފަހަރަކު އޮންލައިންކޮށް ބައްދަލުކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، ހިޔާނާތުގެ ފައިސާ އެކި ގޮތްގޮތަށް ލިބިފައިވާ 267 މީހުންގެ މައްސަލަ މިހާރުން މިހާރަށް ބަލަމުން އަންނަ މަށެވެ.
މީގެ އިތުރުން ތިން މުއައްސަސާއިން އެ މައްސަލަ ތަހުގީގުކުރަން ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް ގޮސްފައިވާ މިންވަރު ހާމަކުރުމަށް އެ ތިން މުއައްސަސާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް ކަމާ ބެހޭ މުއައްސަސާތަކުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ މަސައްކަތް ފަށައިފައެވެ.