އާސަންދަ

އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާގެ ހިދުމަތް ފަށައިފި

އައިދާ އަބްދުލް ހަކީމް

3

އާސަންދައާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން) ގެ ޚިދުމަތް ފަށައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ މި ހިދުމަތް ފެށުމުގެ މަގުސަދަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން މި ހާލަތުގެ ގޮތުން ރާއްޖެއިން ނުފޮނުވޭތީ، މި ހާލަތު ބަދަލުވަންދެން، އެފަދަ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ގާއިމުކުރެވިފައިވާ ހާއްސަ ނިޒާމު މެދުވެރިކޮށް، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިޔަށް ގެންދިއުން ކަމަށެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި މި ހިދުމަތް ހަފުތާޔަކު ފަސް ދުވަހު ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހާއްސަ ބަލިތައް، ހިތުފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ، އެހެންނަމަވެސް މި ހާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ދުރުތާ ބެލުން މެދުވެރިކޮށް އާސަންދަ ސްކީމްގެ ހަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުވައި ދެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ދުރުތާ ފަރުވާގެ ހިދުމަތް ކުރިއަށް ގެންދަން އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަން ނިންމައިފައިވާ ކަމަށް ވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.