ކުއްލި ޚަބަރު

އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ ޖަލްސާއަށް ހާޒިރުވެވެން ނެތްކަން އަބްދުﷲ ރިޔާޒު އަންގައިފި

އަލީ ޔާމިން

އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްކަން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަންގަވައިފިއެވެ.

މެންބަރު އަބްދުﷲ ރިޔާޒް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވީ ނަމަވެސް، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފަށަން ނިންމާފައިވުމުންނެވެ.

މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ.

މެންބަރު ރިޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެގެން ނެތްވާހަކަ މަޖިލީހުގައި ދަންވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒް މިރޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، މީގެ ކުރިން ހުއްދަ ހޯދައިގެން ރަށުން މާލެ އައުމުން އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލާފައިވާ ފަދައިން ހުއްދަނެތި މަޖިލީހަށް ދިޔަ މައްސަލަ މާދަމާ އެހެން ތަނަކުން ބެލުން އެކަށީގެންވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ޖަލްސާތައް ފަށާއިރު، މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެއެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.