ވާހަކަ

ދެކިލަން އެދޭތީ - 13

1

''އަހަރެން ކަމެއް އެބަ ކުރަންތަ؟، ތިކުއްޖާއެއްނު ގޮތް ބޮޑުވެގެން އުޅެނީ...'' ހައިރާންކަން މޫނުމައްޗަށް ވެރިކުރުވަމުން މާކިން ބުނެލިއެވެ. އެދެލޮލުން ފެންނަނީ މުޅިން ތަފާތު ވިދުވަރެކެވެ. ސިއްރުވެރިކަން އެކުލެވިފައި ވިއެވެ.

''ކިތައް ފަހަރު ބުނާނީ އަހަންނަށް ކިޔަނީ ތިކުއްޖާއެއް ނޫނޭ!... އަހަރެންގެ ނަމަކީ އީވާ... އީވާ!!!'' ދަތްކުނޑިވިކައިގަންނަމުން އީވާ ހަޅޭއްލަވައިގަތެވެ.

ފަރުވާކުޑަކަމާއެކު މާކިން ކޮނޑު އަރުވާލިއެވެ.

''ހަނދާންވޭތަ ތިކުއްޖާ ކުރީ ދުވަހު އަހަންނާ ދިމާއަށް ބުނި ވާހަކަ؟، އަހަންނާ ވާހަކަދައްކަން ބޭނުމެއް ނުވެޔޯ، ދެން މިހާރު ކޮންކަމެއްތަ ތިކުރަނީ؟...'' ޖެއްސުމުގެ ރާގަކަށް މާކިން ބުންޏެވެ. ވަކި ދުވަހެއް އީވާއަށް ހަނދާންކޮށްދޭން މާކިން އުޅޭ ކަހަލައެވެ. ވަގުތުން އީވާ މޫނު އަނބުރާލިއެވެ. ދުވަން ދިޔަ ދުވަހުގެ ހަނދާންތައް އާލާކުރަނީ އޭނަ ލަދުގަންނަވާލަން ނޫން އިތުރު އެއްވެސް މަޤުސަދެއްގައެއް ނޫނެވެ.

''ޔޫ އޯ މީ އޭން އެޕޮލޮޖީ ފޯރ ޔޯރ ވައިލްޑް ތޯޓްސް!، ޑޯން ޓް ޔޫ؟...'' މަލާމާތުގެ ރާގަކަށް މާކިން ބުނެލިއެވެ.

މާކިން އޭނައަށް ޖެއްސުންކުރާހެން ހީވުމުން އީވާގެ ދެލޮލުން އަލިފާން ކަނި ބުރާލިއެވެ. އެއީ އޭނަގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަން ރަމްޒުކޮށްދިން ނިޝާނެކެވެ. އުނގުތެރޭގައި އޮތް އަތްތިލައަށް އޭނައަށް ބާރުކޮށްލެވުނީ ހެދުމުގެ ފަސްބަޔާއެކުގައެވެ. ލޮލުގެ ހިމަކޮޅުން އޭނަ މާކިންއަށް ބަލައިލިއެވެ. މާކިން އިނީ ނިކަން ހަމަޖެހިލައިގެންނެވެ. އީވާއަށް ފުރައްސާރައެއް ކޮށްލެވިއްޖެކަމުގެ ހިތްހަމަޖެހުން އެމޫނުމަތިން އީވާއަށް ފާހަގަ ކުރެވުނެވެ. އިތުރަށް ރުޅިގަދަވެގެން ދިޔައީ އެސަބަބާ ހުރެއެވެ. ކެކިކެކި ހުރި އަލިފާންފަރުބަދައަކާ އެއްފަދައެވެ. އުމުރު ދުވަހު ވެސް އެހާ ރުޅިއައި ހަނދާނެއް އީވާ ނުވެއެވެ. މާކިންގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުން ޖަހައިގަންނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނަ ނަފުސު ކޮންޓްރޯލް ކުރިއެވެ. ހަމަނުޖެހުމެއް ހިނގުމުގެ ފުރުސަތެއް ދެވެން ނެތީތީއެވެ.

މާކިންގެ މަޤުސަދަކީ ކޮބައިކަން ލިބިފައިވި ތޫނުފިލިކަމުން އީވާއަށް ނަގައިގަނެވުނެވެ. އޭނަ ރުޅިއަރުވާލުން ނޫން އިތުރު ނިޔަތެއް މާކިންގެ ނެތެވެ. އޭނަ ހަޅޭއްލަވައިގަތުމުން ވެސް ދުރަށް ނުގޮސް އެއިނީ އެސަބަބާ ހުރެއެވެ. އެތުންފަތުގައިވި މަކަރުވެރި ހިނިތުންވުމުން އެކަން ރަމްޒުކޮށްދިނެވެ.

ފުންނޭވާއެއް ދޫކޮށްލަމުން އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަން އީވާ މަސައްކަތްކުރިއެވެ. މަކަރުވެރިކަމާއެކު މާކިން ފަތުރާލާފައި އޮތް ދަންތުރައިގައި ނުޖެހޭނެ ކަމަށް އަމިއްލަ ނަފުސަށް ވަޢުދު ވިއެވެ. ބަހާއި އަމަލުން އޭނަ ވެސް ބަލި ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. މާކިން ބޭނުން ވަނީ އޭނަގެ ހިތުގެ ހަމަޖެހުން ނަގާލާށެވެ. ރުޅި އަރުވާލާށެވެ. ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ މައްޗަށް އަމަލު ކުރެވުމުން ހިތްހަމަޖެހުން ލިބޭނީ ވެސް މާކިން އަށެވެ. އެފަދަ ނިޢުމަތެއް މާކިންއަށް ލިބުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. މާކިން ހީކުރީ އެމަކަރުވެރިކަން އޭނައަށް ނުފެންނާނެ ކަމަށް ހެއްޔެވެ؟ އޭނައަކީ މޮޔައެއްކަމަށް ހެއްޔެވެ؟

''ހުއް، އަހަރެން ގާތަށް ޖެހިލީ ރުޅި އައިސް ދުރަށް ފޮނުވަންވެގެންނު، މީހާގެ އެހުރި ނަޖިސް ތުނބުޅިއަކާ ހެދި އަހަރެން ފަކުރު ގަންނަކަން އެނގޭތީ ގަސްދުގަ ރުޅިއަރުވަން އެއައީ، ނުލަފާ މީހެކޭ، އަދި އެބަ އިނދެއެއްނު!... ޑެވިލް...'' ތުންއަނބުރާލަމުން އީވާ ބުނެލިއެވެ. އެންމެ ތަންފުކެއް ވެސް މާކިންއަށް ދޫދޭން އޭނަ ބޭނުމެއް ނުވިއެވެ. ހިތާހިތުން މާކިންއާ ދިމާއަށް ކުދިކިޔަމުން ދިޔައެވެ. ތުންފަތުގައި ބާރަށް ދައިގަނެވުމުން ތަދު ވެސް ވެއްޖެއެވެ.

*****

ދުވަސް ނިމިގެން ދިޔައީ އެފަދަ ހާލެއްގައެވެ. އިތުރަށް މާކިންއާ ޖަދަލުކުރުމުގެ ފިކުރު އީވާ ދޫކޮށްލިއެވެ. އެކަމުން މާކިންއަށް އިތުރު ހިތްވަރެއް ލިބިދާނެތީއެވެ. ފުސްމޫނު ހަދައިގެން އިނދެފައި ފަހު ގަޑި ނިމުމާއެކު ފުލުގައި ކައްޓެއް ހުރި އުސޫލުން އޭނަ ގޮނޑިން ތެދުވެއްޖެއެވެ. އަދި މާކިންއަށް ކަޅިއަޅާލަމުން ކޮނޑުގައި އަތްދަބަސް އަޅުވާލިއެވެ. އެއަށްފަހު ދެފަޔަށް ލެވުނުހާ ބާރެއްލާފައި ނިކުންނަން މިސްރަބު ޖެހިއެވެ. އީވާއަށް ސަމާލުވެގެން އިން ރައުހާ ވެސް ތެޅެމުންފޮޅެމުން ނިކުންނަން ދިޔައެވެ.

''އީވް...''' ބޭރަށް ނިކުންނަމުން ރައުހާ ގޮވާލިއެވެ. ލިފްޓާ ދިމާއަށް ދިޔަ އީވާއަށް ހުއްޓެވުނެވެ. އޭރު ރައުހާ ގޮސް އީވާއާއި އަރާހަމަކުރަނީއެވެ.

''މާކިން ކީކޭތަ ބުނީ؟...'' ޝައުޤުވެރިކަން ފާޅުކުރަމުން ރައުހާ އެހިއެވެ. އީވާއާއި މާކިންއާ ދެމެދު ދެކެވުނު ވާހަކައަކަށް ފަހު އީވާގެ ގާތުގައި މާކިން އިށީނީއްސުރެން ފެށިގެން ރައުހާގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ. ހައިރާންކަން ވެސް އެހިތުގައި ވިއެވެ.

''އޭނަ އުޅުނީ އަހަރެން ރުޅި އަރުވާލަން ވެގެން، އަހަންނަށް އޭނަގެ މަޤުސަދު އެބަ ފެނޭ، އޭނަ ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެން އަޅައެއް ނުލާނަން...'' އީވާ ބުންޏެވެ. އީވާއަށް ފަރުވާތެރިކަމާއެކު ރައުހާ ބަލައިލިއެވެ. ރުޅިވެރިކަން އެމޫނުމަތިން ރަމްޒުކޮށްދެއެވެ.

''ރަނގަޅު ކަމެއް، އީވް ދެން އެވަރަށް އެކަމާ މެދު ނުވިސްނަބަލަ، ތިހާ ރުޅިގަދަ ވަންޏާ އަވަހަށް މުސްކުޅި ވެދާނެ، މިހާރު ވެސް ތިރީތި މޫނުގައި ރޫތައް ގިނަވާން ފަށައިފި...'' ސަމާސާ ރާގަކަށް ރައުހާ ބުނެލިއެވެ. ''ހިނގާ މިއަދު މޭރީއާ ބައްދަލުކޮށްލަން ދާން، ބޭބީ ވެސް ބަލައިލެވޭނެއެއްނު، އީވް އައިކަން އެނގިގެން ބުންޏޭ އަހަރެން ކައިރީގައި ގޮވައިގެން އަންނާށޭ، މިހާރު މާފިހާރަ ވެސް ވަރަށް ބޮޑުކޮށްލައިފި، ދެތިން އިތުރު ތަނެއްގަ ވެސް ހިންގާ...''

ރައުހާގެ ޚިޔާލު އީވާއަށް ކަމުދިޔައެވެ. ރައުހާއަށް ބަލައިލަމުން އީވާ ހިނިތުންވެލިއެވެ. އަދި ބޯޖަހާލިއެވެ. މާހައުލު ބަދަލުކޮށްލަން އޭނަ ގަސްދުކުރިއެވެ.

''ޕާޓްޓައިމް ޖޮބެއް ބަލައިފިންތަ؟... ކްލިނިކަކަށް ދިއުން ކިހިނެއް ވާނެތަ؟، އެތެރެހަށީގެ ޑޮކްޓަރުންނަށް ވަރަށް ޑިމާންޑް އޮތްނާނެ ކްލިނިކްތަކުގައި، ފުރުސަތެއް އޮތްތޯ ބަލައިދެންތަ؟...'' ރައުހާ ބޭނުންވީ މަސައްކަތުގެ މާހައުލުގައި އީވާގެ ސިކުނޑި ބިޒީކޮށްލާށެވެ. އޭރުން ފަހަރެއްގައި މިހާރު އެލިބޭ ނުތަނަވަސްކަމަށް ހައްލެއް ލިބިދާނެއެވެ.

''ނޫން!، ކްލިނިކަކަށް ނުދެވޭނެ، އޭރުވެސް ބުނީމެއްނު ތަފާތު ތަނަކަށޭ ދާން ބޭނުންވަނީ، ދުވަހަކު ނުކުރާ ކަމެކޭ ކުރަން ބޭނުންވަނީ...'' ލިފްޓަށް އަރަމުން އީވާ ބުންޏެވެ. އެވަގުތު ލިފްޓްގައި ތިބީ ހަމައެކަނި ރައުހާއާއި އީވާ އެވެ. ހިފްޓްގެ ދޮރު ލެއްޕެން އުޅުނު ވަގުތު އެދިމާއަށް އައި މާކިން ފެނުމާއެކު، އަވަސްއަވަހަށް ލިފްޓްގެ ދޮރު ލެއްޕޭ ބަޓަނަށް ފިތަން އީވާ ފެށިއެވެ. ހުއްޓުމެއް ނެތިއެވެ. ދެފަރާތަށް ބޯހޫރާލަމުން އެމަންޒަރު ބަލަން ރައުހާ ހުއްޓެވެ.

މާކިންއަށް އާދެވުމުން ކުރިން ލިފްޓްގެ ދޮރު ލެއްޕިއްޖެއެވެ. އެއާއެކު އީވާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ހިތަށް ފިނިކަމެއް ވެސް ލިބިއްޖެއެވެ.

''ސާބަސް!، ދެން އޭނަ ބަދަލު ނުހިފައިފިއްޔާ ދެރައެއްނު، އަހަންނަކަށް ނުވިސްނޭ އީވް އޭނަ ދެކެ ތިހާ ރުޅިއަންނަނީ ކީއްވެގެން ކަމެއް ވެސް... އޭނަ މަޢާފަށް ނޭދިގެންތަ ރުޅިއަންނަނީ؟...'' ލިފްޓް ތިރިއަށް ދާން ފެށުމާއެކު ރައުހާއަށް އަހާލެވުނެވެ.

''ނޭނގިގެންތަ ތިސުވާލު ތިކުރަނީ؟... އޭނަގެ ނުލަފާކަމުން، އެއީ ތާކު ހުރި ބޮޑު ޑެވިލްއެއް... ދުވަހަކު އެކަހަލަ ނުބައި މީހަކާ އަދި ދިމާ ނުވޭ...'' އީވާ ބުނެލިއެވެ. ''އޭނަ ކަމެއް ކޮށްފިއްޔާ އެކަމާ ވިއްދާފައި އަހަރެން ވެސް ބަދަލު ހިފާނަން، އެހާ ފަސޭހައިން އަހަރެން ދުލެއް ނުދޭނަން!...''

''އެކަމަކު ދެންމެ ބުނީމެއްނު އޭނަ ބޭނުންވަނީ ރުޅިއަރުވަންށޭ، އެކަމަށް ހިތްވަރެއް ނުދޭނަމޭ... މިހާ އަވަހަށް ޚިޔާލު ބަދަލުވީތަ؟... އެންމެފަހުން ޓޮމް އެންޑް ޖެރީއަށް ނުވައްޗޭ...'' ބަދަލުވަމުން ދިޔަ އީވާގެ ޚިޔާލުތަކާ ހުރެ ރައުހާ ހުރީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އީވާގެ ފަރާތުން އޭނައަށް މިހާރު ފެންނަ ބަދަލުތަކުން އޭނަ ހައިރާން ވެއެވެ. އެއީ ކުރީގެ އީވާއެއް ނޫނޭ ވެސް ހިތަށް އަރާފަހަރު މަދެއް ނޫނެވެ.

*****

ދެ ހަފްތާ ފަސް...

އިވާއާއި މާކިންގެ ވާދަވެރި މިޒާޖުގެ ސަބަބުން ދެމީހުންނަށް އެކުގައި މަސައްކަތްކުރުންވީ އުނދަގޫ ކަމަކަށެވެ. އެކަކު އަނެކަކުގެ ޚިޔާލާ ފުށު އަރައެވެ. ނިންމާ ގޮތް ކަމަކު ނުދެއެވެ. ދެން އެފެށުނީ ޒުވާބު ކުރާށެވެ. އެޒުވާބުގައި ދެން ކުލަޖެހިގެން ދަނީ ރުޅިވެރިކަމެވެ. އެއްބަސްވުމަކަށް އައުން ވަނީ ދަތި ކަމަކަށެވެ. މާކިންގެ ބޯހަރުކަމެވެ. އީވާގެ ވާދަވެރިކަމެވެ. އެއްގަލަކަށް އަހަން ދެޒުވާނުން ވެސް ބޭނުމެއް ނުވިއެވެ.

ކްލާހުގައި ސުވާލެއްކޮށްފިނަމަ ޖަވާބު ދޭން އެހާ ވާދަވެރިއެވެ. ދެމީހުންނަށް އަތް މައްޗަށް ނެގެނީ ވެސް އެކީއެއްފަހަރާއެވެ. އަތް އުފުލުމަށް ފަހު ދޫދޭކަށް ދެމީހުންކުރެން އެކަކު ވެސް ބޭނުމެއް ނުވެއެވެ. ފަހުންފަހުން އައިސް ޕުރޮފެސަރު ވެސް ދެޒުވާނުންނަށް ސަމާލުކަން ދިނުން ހުއްޓާލިއެވެ. ''ބްލެކްލިސްޓް'' ވެއްޖެއެވެ. ކްލާހުގެ އިތުރު ފަރާތަކަށް ޖަވާބު ނޭނގުނަސް އީވާއާއި މާކިންއަށް ފުރުސަތެއް ނުދެއެވެ. އެކަމާ ހުރެ ވެސް މާކިން ދެކެ އީވާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

*****

''އަހަންނަށް ކާމިޔާބެއް ލިބިދާނެތީ އުޅޭ ފިރިހިނެއް އެއީ!... ހާދަ ފޫއްސެއްވެޔޭ!!!...'' ކޮލެޖާ ކައިރީގައި ހުންނަ ކޮފީޝޮޕެއްގައި އީވާއާއި ރައުހާ ތިބީ ކޮފީއަށް އިންސާފުކުރާށެވެ. ޖާގައިގެ ގޮތުން އެއީ ވަރަށް ކުޑަ ތަނެކެވެ. ނަމަވެސް މާހައުލު ވަރަށް ހިތްގައިމެވެ. އިހުޒަމާނުގެ ކުލަވަރު ފެންނާތީ އެކަމާ އީވާ ވަރަށް ގަޔާވިއެވެ. އަދި ކޮފީގެ ލުއި މީރުވަހާއި އިވެމުން ދިޔަ ލުއިލުއި މިޔުޒިކުގެ އަޑުން ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ބަރިސްޓާއަކަށް ހުރި އަންހެންކުއްޖާއަށް އޭނަ ބަލައިލިއެވެ. ބަލާބެލުމަށް ހީވަނީ ތިރީސް އަހަރުގެ ޒުވާނެއް ހެންނެވެ. ކަސްޓަމަރަކު ކައުންޓަރާ ހަމައަށް ނުދާ ވަގުތެއްގައި ފެންނަނީ ކޮންމެވެސް ފޮތެއް ހިފައިގެން އުޅޭ ތަނެވެ. އެފޮތުގައިވާ އެއްޗެއް ދަސްކުރަން އުޅޭ ކަހަލައެވެ. ޝައުޤުވެރިކަން އީވާގެ ދެލޮލުން ފެނެއެވެ.

''އީވްއާއި މާކިން އުޅޭ ގޮތުން ކިރިޔާ ހިނިގަނޑު ފަޅައިގެން ނުދަނީ ވެސް...'' ރައުހާ ހެމުންހެމުން ބުނެލިއެވެ.

''އެއްވެސް މަޖަލެއް ނޫން... އޭނައާ ހެދި އަހަންނަށް ކްލާހުގައި ކުރިއަށް ދެވޭ ކަމަކަށް ނުވޭ، ކުރިން އަހަންނަކީ އެއްވަނަ، މިހާރު ދެވަނަ...'' ހަށަން ބަނދެލަމުން އީވާ ބުންޏެވެ. މޫނުމަތިން ފެނުނު ހަމަޖެހުމުގެ އަސަރު މިލައިގެން ގޮސްފިއެވެ.

''ސޮރީ... އެކަމަކު މިހާރު އޭނަ ޓޮލެރޭޓްކުރަން ފަސޭހަ ވެއްޖެހެން ހީވަނީ...'' ކުރިމަތީ ހުރި ކޮފީތަށިން ރަހަ ބަލައިލަމުން ރައުހާ ބުނެލިއެވެ. ''އަންނަ ހަފްތާގަ ރެއިން އަންނާނެ، އަހަންނާއެކު އެއާރޕޯޓަށް ދާނަންތަ؟...''

''އާނ، ތިހާ ވަރަކުން އުޅޭ ސޮރާއި ބައްދަލުކުރަން ވެސް ޖެހޭނެތާ؟... ވީޑިއޯކޯލްކޮށްގެން ފޮޅުވާ މާތަކުން ވެސް ބައެއްފަހަރު ހަސަދަވެރިވެވޭ، ތި ދެމެދުގައި ވަނީ ވަރަށް ފުރިހަމަ ލޯތްބެއް، މާޝާﷲ...'' ރައުހާއަށް ހިނިތުންވެލަމުން އީވާ ބުނެލިއެވެ.

''އިރާދަކުރެއްވިއްޔާ މިއަށްވުރެން ފުރިހަމަ ލޯތްބެއް އީވްއަށް ވެސް ލިބޭނެ...'' އީވާގެ ހިތަށް އުއްމީދެއް ގެނެސްދޭން ރައުހާ ބުނެލިއެވެ. އެއާއެކު ރިހުމެއްގެ އަސަރު އީވާގެ ދެލޮލުން ފާޅުވެގެން ދިޔ އެވެ. އެނަސީބު އޭނައަށް ލިބިދާނެ ކަމާމެދު ހިތުގައި ޝައްކު އުފެދިއްޖެތާ ކޮން ދުވަހެއް ހެއްޔެވެ؟ މޮޅިވެރިކަމުގެ ސައިލެއް އައިސް އޭނަ ވަށާލިއެވެ. މާޔޫސްކަން ވެރިކުރުވަމުންނެވެ.

ރައުހާއާއި ފަރްހާން ފޯނުން ވާހަކަދައްކާއިރު އެދެމެދުގައި އޮތްނަ ފުރިހަމަ ލޯބި ފާޅުވެގެން ދެއެވެ. ދެލޯބިވެރިން ވެސް ހިތުގެ ހާލު އަންގާދެއެވެ. ދުރުގައި އުޅެން ޖެހިފައިވުމުން ހިތުގެ ވޭނީ ފަލްސަފާތައް ހިއްސާކުރެއެވެ. ދަން ވިޔަކަސް ވަކިވާކަށް ބެނުމެއް ނުވެއެވެ. ނަމަވެސް ޖާދިން އޭނައަށް ގުޅައިފިނަމަ އީވާ ބަލަނީ އެފޯނުކޯލުން މިންޖުވޭތޯ އެވެ. ލޯބިވާކަން ހާމަކުރިޔަސް އެކަމަށް ރައްދެއް ނުދެވެއެވެ. ހިތަށް ވިސްނައިދީދީ އޭނަ ވަރުބަލިވެއްޖެއެވެ. އުއްމީދު ގެއްލިއްޖެއެވެ. ހިތް ދަނީ ފާޅުގައި އޭނައާ ޖަދަލުކުރަމުންނެވެ. އޭނަގެ ނިންމުންތަކަށް އިންކާރުކުރަމުންނެވެ. ސިއްރު ހިފެހެއްޓިދާނެކަމުގެ ބިރު އީވާއަށް ހީވާން ފަށައިފިއެވެ. ކޮންމެފަހަރަކު މާމަގެ އުއްމީދުތައް ސިކުނޑީގެ ކަނެއްގައި ކޮއްޓާލައެވެ. މީހާއަށް ހާސްކަން ގެނުވަމުންނެވެ.

''ޖާދު ނުގުޅާތަ؟...'' ރައުހާއަށް އަހާލެވުނެވެ. ފަހަކަށް އައިސް އީވާއާއި ޖާދިންއާ ދެމެދު ވާހަކަ ނުދެކެވޭކަން ހަނދާންވުމުން ރައުހާ އަހާލިއެވެ.

''ރިސޯޓްގެ ޕްރީއޮޕެނިންގް ކަންތަކުގަ ވަރަށް ބިޒީކޮށް އުޅެނީ...'' އީވާ އޮޅުންފިލުވައިދިނެވެ. ހަޤީޤަތުގައި އެކަމުގެ ސަބަބުން އެހިތަށް ފިނިކަމެއް ގެނެސްދީފައި ވެއެވެ. ލޯބިވާކަމުގެ ތަމްސީލު ކުޅެން ނުޖެހޭތީއެވެ. ޖާދިންއާ ވާހަކަދައްކަން ނުޖެހޭތީއެވެ. އޭނަ އުއްމީދުކުރީ ވިސްނަން ފުރުސަތު ދިނުމުން އޭނަގެ ހިތް ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ކޮޅުމަތި ފެނުމުގެ ބަދަލުގައި ޖާދިންއާއި ދުރަށް ދެވުން ނޫންކަމެއް ނުވެއެވެ. އެގުޅުން އިތުރަށް ބަދަހިކުރަން އޭނަގެ ހިތް އެއްބާރުލުމެއް ނުދެއެވެ. އެހާ އަވަހަށް އެގުޅުން ހީނަރުވެގެން ގޮސްފިނަމަ ކަންތައް ވެދާނެ ގޮތަކާ މެދު އީވާ ބިރުގަންނަން ފަށައިފިއެވެ. ކުރިމަތިވެދާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގި މީހާ ހުއްޓުމަކަށް އަތުވެދާނެތީ އެކަމުގެ ކަންބުޑުވުންތަކުން ހިތަށް ގޯނާ ކުރެއެވެ.

''އެހެން ދޯ...'' ރައުހާ ބުނެލިއެވެ. ''އީވްއަށް އަދިވެސް އަމިއްލަ ނަފުސާއި އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވޭދޯ؟، އަދި އިތުރަށް ވަގުތު ދިނީމަ ތިހިތުގެ ސުވާލުތަކަށް ޖަވާބު ލިބިދާނެކަން އަހަންނަށް ޔަޤީން...''

ދެއެކުވެރިން ވާހަކައިގައި ތިއްބާ ކެފޭއަށް ވަދެގެން އައި މާކިން ފެނި އީވާގެ ތަބީއަތު ބަދަލުވެގެން ދިޔައެވެ. މޫނު ފުސްވެ ތުން އަނބުރާލެވިއްޖެއެވެ. އީވާއަށް އައި ބަދަލުތައް ފެނި ލިބުނު ހައިރާންކަމާއެކު ރައުހާއަށް ފަސްއެނބުރި ބަލައިލެވުނެވެ. ދޮރަށް ފުރަގަސް ދީގެން އިނުމުން އެތެރެއަށް ވަންނަ މީހުން އޭނައަކަށް ނުފެނެއެވެ. މާކިން ފެނުމާއެކު އީވާއަށް ވެގެން ދިޔަ ގޮތް އޭނައަށް ވިސްނިއްޖެއެވެ.

''ހިނގާ ދާން... މޫޑު ވެސް ޚަރާބުވެއްޖެ!...'' ގޮނޑިން ތެދުވަމުން އީވާ ބުނެލިއެވެ. އަދި މާކިންއަށް ބަލައިލަމުން ތުން އަނބުރާލިއެވެ. އެއަށްފަހު ރައުހާއަށް މަޑުކުރުމެއްނެތި ބާރުބާރަށް ހިނގާފައި ގޮސް ކެފޭއިން ނިކުމެއްޖެއެވެ. އަވަސްއަވަހަށް ކޮފީ ތަށި ހުސްކޮށްލަމުން މޭޒުމަތީ ބާއްވާފައި ދިޔަ އީވާގެ ފޯނު ހިފައިގެން، ރައުހާ ވެސް ނިކުންނަން މިސްރާބު ޖެހިއެވެ.

''މޮޔައެއްކަން ނޭނގެ...'' ވައިސޫރިއެއްގެ ބާރުމިނުގައި ނިކުމެގެން ދިޔަ އީވާއަށް ބަލަން ހުރެފައި މާކިން ބުނެލިއެވެ. ދެކޮނޑުއަރުވާލަމުން ޖިންސުގެ ޖީބަށް ދެއަތްތިލަ ޖަހާލަމުން އޭނަ ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ. ކައުންޓަރުގައި އިން އަންހެންކުއްޖާ އޯގާތެރި ހިނިތުންވުމެއް ދިން ކަމުގައި ވިޔަސް މާކިންގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އެމޫނުމަތިން އެއްވެސް ޝުޢޫރެއް ފާޅެއްނުވިއެވެ. އެއަންހެންކުއްޖާގެ މޫނަށް ބެލުމެއް ނެތި އޭނަގެ އޯޑަރު ދިނެވެ. މާކިންގެ އަމަލުތަކުން އަންހެންކުއްޖާ ރަކިވެ އުނދަގޫވެއްޖެކަން އޭނަގެ ހަރަކާތްތަކުން ހެކިވިއެވެ.

*****

ދެދުވަސް ފަސް...

ހަވީރު ގޭތެރެ ސާފުކުރަން އުޅުނު ރައުހާއަށް ޔުނިފޯމެއްލައިގެން ކޮޓަރިން ނިކުތް އީވާ ފެނުމުން އަތުގައި އޮތް ކުޑަ ބުރުހާއެކު ގަނޑުވެއްޖެއެވެ. ލިބުނު ހައިރާންކަމާއެކު އީވާއާއި ދިމާއަށް ބަލަން ހުރެވުނެވެ. ފައިން ފެށިގެން ގޮސް ބޮލާހަމައަށް ދެފަހަރެއްގެ މަތިން ނަޒަރު ހިންގާލެވުނެވެ. ރައުހާގެ ދެލޮލުގައި އެތައް ސުވާލެއް ވިއެވެ.

''ތީ ކޮންކަމެއްތަ؟...'' ބުރުހާއެކު އުކުޅުގައި އަތްވިއްދާލަމުން ރައުހާ ސުވާލުކުރިއެވެ.

''މިދަނީ ކެފޭއަށް ދާން...'' ހިނިތުންވުމަކާއެކު އީވާ ބުނެލިއެވެ. ކޮށްފައި ހުރި ލުއި މޭކަޕާއި ހަށިގަނޑުގެ ވަނާތަކަށް ހިފާލާފައިވި ކަޅާއި ހުދުކުލައިގެ ޔުނިފޯމުގައި އިވާ ފެންނަ ގޮތް ނިކަން ރީއްޗެވެ.

''ކެފޭއަށޭ، ތިހެން ހުރެ؟... އެކީއްކުރަން؟...'' ދެލޯބޮޑުކޮށްލަމުން ރައުހާ އެހިއެވެ.

''ޖޮބަކަށްނު، ނެކްސްޓް ބޮލްކްގައި ހުންނަ ވަރަށް މަޝްހޫރު ކެފޭއެއް، ވަރަށް ފަސޭހަ ގަޑިތަކެއްގަ ނިކުންނަން ޖެހެނީ، މުސާރަ ވެސް ރަނގަޅު...'' އީވާ ބުނެދިނެވެ.

''ވަޓް؟...'' އީވާގެ ގާތަށް ދިއުމަށް ހިނގައިގަންނަމުން ރައުހާއަށް ބުނެވުނެވެ. ''މޮޔަވީތަ؟...''

''ކޮބާތަ މައްސަލައަކީ؟...'' އީވާ ވެސް ކޮށްލީ ސުވާލެކެވެ. އޭނަ ބުމަ އަރުވާލިއެވެ.

''ހޮސްޕިޓަލުން ހޯދަދޭން އުޅުނު ފުރުސަތާ، ކްލިނިކަކުން ހޯދަ ދޭން އުޅުނު ފުރުސަތު ދޫކޮށްފަ ދާން ނިންމީ ކެފޭއަކަށްތަ؟، އޯ މައި ގޯޑް!، އީވް ތީ ޑޮކްޓަރެކޭ!... ތިކަހަލަ ކޫސަނި ކަންތައް ކުރާ އުމުރެއް ވެސް ނޫނެއްނު މިއީ، ހަރުދަނާ ނިންމުންތައް ނިންމަޖެހޭ އުމުރު މިއީ، ކެފޭއަކަށް ދަނީ ކީއްކުރަން؟... މުއްސަނދި އާއިލާއަކުން އައިސްފައި ހުރި ޑޮކްޓަރަކު ކެފޭއަކަށް ދިއުން އެއީ ހަމަޖެހޭ ވިސްނުމެއްތަ؟...'' އެކުވެރިޔާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ރައުހާ ބުނެލިއެވެ.

(ނުނިމޭ)