އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 68

އަބްދުﷲ ފާރޫގް ހަސަން

2

(23 މެއި ގެ އަދަދާ ގުޅޭ)

ޝެހެޒާދީ ހިނިފުޅުވަޑުވައިލެއްވިއެވެ. "ކަލާއަށް ތިޔަފަދަ އަމުރެއް އަޅުގަނޑަކަށެއް ނުކުރެވޭނެއެވެ. އަނެއްކާ މި ރާއަކީ ވަރަށްވެސް ލުއި އެއްޗެކެވެ. މުޅި ގަދަހަ ހުސްކޮށްލެއްވިޔަސް ކަލާ މަސްތުވެވަޑައެއް ނުގަންނަވާނެއެވެ. ކަލާގެ އަނގަފުޅަކުން ރާވަހެއްވެސް ނުދުވާނެއެވެ. ފަރަޚުޒާދު ރުހިވަޑައިނުގެންފާނެތީ ކަލާ ބިރުފުޅުގެން ވަޑައިގަންނަވާނަމަ އަޅުގަނޑު އޭނާގެ އަރިހަކު މިވާހަކައެއް ނުދަންނަވާނަމެވެ. ދެން ކަލާ ވަޑައިގެންނެވިޔަސް އެންމެރަނގަޅެވެ."

ވިދިގެންއައިރޭ ފަރަޚުޒާދާއި ޒަރުބަޚުތާ ދެބޭފުޅުން ފަރީއްކުޅުއްވީ އެއްދޮލަނގުކޮޅެއްގެ މަތީންނެވެ. މިއީ އެދެބޭފުޅުން އެއްދޮލަނގުކޮޅެއްގެމަތީން ފަރީއްކުޅުއްވި އެންމެފުރަތަމަ ފަހަރެވެ. ފަރަޚުޒާދު އިންނެވީ ނިހާޔަތަށް އުފާފުޅުންނެވެ. އޭނާ ކުދިކުދި ކަންކަމާވެސް ކަކައަޅުއްވައި ހިނިފުޅުވަޑުއްވަވަން މަސައްކަތްކުރައްވަމުން ގެންދެވިއެވެ.

"ޒަރުބަޚުތު" އޭނާ ވިދާޅުވިއެވެ. މިއަދަށްފަހު ކަލާއަކީ އަޅުގަނޑުގެ ރަޙުމަތްތެރިޔަކީމުއެވެ. އާޒަރުމީދުޚުތާ ބެހޭގޮތުން ކަލާގެ ޚިޔާލުފުޅު މުޅީން ރަނގަޅެވެ. އެކަމަނާ އަޅުގަނޑަކަށް ނަފްރަތެއް ނުކުރައްވައެވެ. ކަލާގެ ވަފާތެރިކަމުގެ ސަބަބުން އެކަމަނާގެ ހިތްޕުޅަށްވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. އެކަމަނާ އަޅުގަނޑުގާތު ވިދާޅުވިއެވެ. ޒަރުބަޚުތު ކަހަލަ ވަފާތެރީން އަބަދުވެސް ކައިރީގައި ގެންގުޅެއްޗެވެ. ޝާހުޕޫރު މިއަދުވެސް އަޅުގަނޑު އާޒަރުމީދުޚުތުގެ އަރިހަށް ދިޔުން މަނާކުރައްވާން އުޅުއްވިއެވެ. ޝަހެންޝާހު ބިރުފުޅުގެން ވަޑައިގަންނަވަނީ އެކަމަނާ އަޅުގަނޑަށް އިހާނެތިކޮށް ހިއްތަވައިފާނެތީއެވެ. ކަލާ ހިތްވަރު ނުދެއްވިނަމަކަ މިއަދަކުވެސް އަޅުގަނޑަކަށް އެކަމަނާގެ އަރިހަށް ދާކަށެއް ނުކެރުނީހެވެ. އަޅުގަނޑު އެގަނޑުވަރަށް ދިޔުމާއެކު އެކަމަނާގެ އަތްޕުޅުން އަޅުގަނޑަށް ރާތައްޓެއް ދެއްވިއެވެ. ސީދާ އެކަމަނާގެ އަތްޕުޅުން ރާތަށި ދެއްވުމުން އަޅުގަނޑު ކުޑަކޮށް ޖެހިލުންވިއެވެ. އާޒަރުމީދުޚުތު އެތަށީން ކޯވަރެއް ހިއްޕަވައިފައި އަޅުގަނޑަށް ދެއްވަމުން ވިދާޅުވިއެވެ. "މަނިކުފާނަށް މިޔަށްވުރެ ރަނގަޅު ވެދުމެއް އަޅުގަނޑަކަށެއް ނޭރުވޭނެއެވެ. ނިކަން ރަހަބައްލަވަ ބައްލަވާށެވެ. މަނިކުފާނަށް މިރާއިން ޚުރާސާނުގެ މޭބިސްކަދުރުގެ ފޮނިކަމާއި މާމެލާމެލީގެ މީރުވަސް ލިބިވަޑައިގަންނަވާނެއެވެ." އަޅުގަނޑު އެއްޖާމުގެ ބަދަލުގައި ދެޖާމު ބުއީމެވެ. އެކަމަކުވެސް އަޅުގަނޑު އަލައެއް ނުކެނޑުނެވެ. އެރާއަކުން ޢަމަލެއް ނުވެއެވެ. އެ ރާބުއިމުން ލިބެނީ ވަރަށް ހިތްގައިމު އުފާވެރި ކަމެކެވެ. އަޅުގަނޑު ގެއަށް އަންނާންފެށުމުން އާޒަރުމީދުޚުތު އެކަމަނާގެ ޚާދިމެއްގެ އަތަށް ދެއްވައިފައި އަޅުގަނޑަށް ރާގަދަހައެއް ފޮނުއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "އަޅުގަނޑު މިރާގެ ދެރުނބާ ފޮރުވައިފައި ހުންނަތާ ލައްކަ ދުވަސްވެއްޖެއެވެ. ކާވެނީގެ ދުވަހު އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ އަގުހުރި ހަދިޔާއަކަށްވާނީ އެދެ ރުނބައެވެ." ޒަރުބަޚުތެވެ. ނިކަން ރަހަބައްލަވަ ބައްލަވާށެވެ. އާޒަރުމީދުޚުތު ވިދާޅުވާގޮތުގައި މިރާގެ އުމުރު އަޅުގަނޑުގެ އުމުރަށްވުރެ ދޮށްޓެވެ."

ފަރަޚުޒާދު އޭނާގެ ކުރިފުޅުމަތީގައިހުރި ރީތި ގަދަހައިން ޖާމެއް އަޅުއްވައިފައި ޒަރުބަޚުތަށް ދެއްވިއެވެ.

ޒަރުބަޚުތު ފަރަޚުޒާދުގެ އަރިހުގައި ވިދާޅުވާން ބޭނުންފުޅުވިއެވެ. އަޅުގަނޑު ތިޔަ ރާބޮއިފީމެވެ. އެކަމަކު އޭނާއަށް އެހެން ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އޭނާ މަޑުމަޑުން އެ ޖާމުގައި ހިއްޕަވައިފިއެވެ. ފަރަޚުޒާދު ދެވަނަ ޖާމު އަޅުއްވައިގެން ހިއްޕަވައިފިއެވެ. އޭނާ ވިދާޅުވިއެވެ. "އާޒަރުމީދުޚުތު ވިދާޅުވާގޮތުގައި މި ރާ ތައްޔާރުކުރީ ގްރީކް މީހެކެވެ. އޭނާއަކީ އަންތާކިޔާގައި ޤައިސަރުގެ ސާގީއެވެ. ޚުސްރޫ ޕަރުވޭޒު އަންތާކިޔާ ފަތަޙަ ކުރެއްވުމަށްފަހު އޭނާއާ ދަސްތުގިރުދުގެ ޝާހީ ރާޚާނާ ބެލެހެއްޓުމާ ހަވާލުކުރެއްވިއެވެ. ރޫމީންގެ އަތުން ދަސްތުގިރުދު ވީރާނާވުމުން ކޮއިލުގެ ޚާދިމުން އޭނާ ގެނައީ މަދާއިނަށެވެ. މިހާރު އޭނާ ވަނީ މަރުވެފައެވެ. އޭނާ މަދާއިނުގެ ޝާހީ ގަނޑުވަރުތަކުގެ ތައްޔާރުކުރި ރާ މިހާރުވަނީ މުޅީންހެން ހުސްވެފައެވެ. އެ ދެރުނބާ ސަލާމަތްވީ ޝާހީ ރާޚާނާގެ ވެރިޔާ ސިއްރުސިއްރުން އާޒަރުމީދުޚުތަށް އެ ދެރުނބާ ފޮނުވުމުގެ ސަބަބުންނެވެ. މި ރާގެ އަގު ވަޒަންކުރެއްވޭނީ ހަމައެކަނި އެކަމަނާއަށް ކަމުގައި ބަލައިފައެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނަށް ޝުކުރު ދަންނަވަމެވެ. މިފަދަ ނާދިރު ވެދުމެއްގައި އަޅުގަނޑު ބައިވެރިކުރެއްވީތީއެވެ. ޙަޤީޤަތުގައިވެސް މިއީ ވަރަށްމޮޅު ރާއެކެވެ."

"އަޅުގަނޑު ރަނގަޅު ރާއަށްވުރެ ބޮޑަށް ޤަދަރުކުރަނީ ރަނގަޅު ރަޙުމަތްތެރީންނަށެވެ. އަޅުގަނޑު ކަލާއަށް ޤަދަރުކުރަމެވެ." ފަރަޚުޒާދު ވިދާޅުވިއެވެ.

"ޝެހެޒާދީ އާޒަރުމީދުޚުތު މަނިކުފާނު ފޮނުއްވި ވެދުމާ ހިތްޕުޅާހަމަކުރެއްވިތޯއެވެ؟" ފަރަޚުޒާދު އުފާފުޅުކުރެއްވުމަށްޓަކައި ޒަރުބަޚުތު ސުވާލުކުރެއްވިއެވެ.

"އާދޭހެވެ. އެކަމަނާ ވަރަށް އުފާކުރެއްވިއެވެ. އަޅުގަނޑުގެ ހިތާމަޔަކީ މިއޮތްހައިދުވަހު އކަމަނާޔާ ބެހޭގޮތުން ކުށްހީއެއްގައި ހުރެވުނީތީއެވެ. ޚުރާސާނުގެ ވައިފެނާއި، މޫސުމާއި އެތާނގެ ފަރުބަދަތަކާއި ކޯރުތަކާއި މަލާއި މޭވާއާ ބެހޭގޮތުން ޝެހެޒާދީ ވަރަށްގިނަ ސުވާލު ކުރެއްވިއެވެ. އަޅުގަނޑުގެ ގަނޑުވަރާ ބެހޭގޮތުންވެސް ސުވާލު ކުރެއްވިއެވެ. ކާވެންޏަށްފަހު އެކަމަނާ ގޮވައިގެން ދުވަސްކޮޅަކަށް ޚުރާސާނަށްދާން އަޅުގަނޑު ވަޢުދުވީމެވެ. ޒަރުބަޚުތެވެ. އަޅުގަނޑު ގަސްދުކުރަނީ ޝެހެޒާދީއަށް ވަރަށް ފުރިހަމަ ދެގަނޑުވަރު ބިނާކޮށްދޭށެވެ. އެއްގަނޑުވަރު ޚުރާސާނުގައެވެ. އަނެއްގަނޑުވަރު މަދާއިނުގައެވެ. މިގަނޑުވަރަކީ ޝެހެޒާދީގެ ދަރަޖަޔާ އަރާއަރަފޯދޭ ގެއެއް ނޫނެވެ."

ފަރަޚުޒާދު ވަރަށްގިނައިރުވަންދެން ޝެހެޒާދީ އާޒަރުމީދުޚުތާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. ޒަރުބަޚުތު އޭނާގެ ވާހަކަފުޅަށް ފުރިހަމަ ސަމާލުކަން ދެއްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އޭނާގެ ޚިޔާލުފުޅު އުދުހެމުންދިޔައީ އާޒަރުމީދުޚުތުގެ ފިޔަޖެހުމުން ފުރިފައިވާ ޖައްވެއްގައެވެ. އޭނާ ފަރަޚުޒާދާ ދިމާޔަށް ބައްލަވައިލައްވާ ކޮންމެ ފަހަރަކު ހިތްޕުޅަށް އަރައެވެ. ކެހިވެރިކަމުގެ ދަލެއްގައި ހައްޔަރުވެވަޑައިގެންފައިމިވާ ބޭފުޅެއްގެ ސާދާކަމާއި މޮޔަފުޅުކަމާއި އިޚްތިޔާރުން ބޭރުވެވަޑައިގެންފައިވުން މިވަނީ އޭނާގެ އަރިހުން އޯގާވެރިކަމަށް އެދިއެދިއެވެ.

ފަރީއްކޮޅުން ނިމިވަޑައިގެން ފަރަޚުޒާދުގެ ފަރީއްކުޅުއްވާ ކޮޓަރިކޮޅުން ނިކުމެވަޑައިގެންނެވުމާއެކު ޒަރުބަޚުތުގެ ހިތްޕުޅަށް އެރިއެވެ. "އާޒަރުމީދުޚުތު ހަމައެކަނި މަނިކުފާނުގެ ޖަޒުބާތަށް އިޙްތިރާމު ކުރައްވައި އެކަމަނާގެ ހިނިފުޅުވެޑުވުން މަނިކުފާނަށް އެކަނި ޚާއްޞަ ކުރައްވާނެނަމަ ހަމަކަށަވަރުންވެސް މަނިކުފާނަކީ ނަސީބުވެރިޔަކީމުއެވެ. ނަމަވެސް މަނިކުފާނު ތިޔަ އުމުރުފުޅުގައި ޙަޤީޤަތެއްކަމަށް ތިޔަ ހީފުޅުކުރައްވަނީ އަވާމެންދުރެކެވެ. އާޒަރުމީދުޚުތަކީ އަޅުގަނޑުގެ ލޮލަށް ފެނިފައިވާ އާޒަރުމީދުޚުތު ކަމުގައިވާނަމަ އަހަރުމުޒުދު މަނިކުފާނުގެ ހާލުކޮޅާމެދު އޯގާވެރިވެވޮޑިގަންނަވާށިއެވެ.

+ + + + +

ހަފްތާއެއްގެ ފަހެވެ. މިއަދަކީ ފަރަޚުޒާދު އޭނާގެ ޙަޔާތްޕުޅުގެ އެންމެ ކުލަރީތި އެންމެ ހިތްގައިމު ހުވަފެންފުޅުގެ ތަޢުބީރު ދެކެވަޑައިގަންނަވާ ދުވަހެވެ. އާޒަރުމީދުޚުތާއި ފަރަޚުޒާދުގެ ކާވެނިފުޅުގެ ރަސްމިއްޔާތު ނިމިއްޖެއެވެ. ކާވެނިފުޅުގެ ޙަފްލާ ބޭއްވުނު ޝާހީ ބަގީޗާ ހީވަނީ ޠިލިސްމެއްހެންނެވެ. ޖާދޫގެ ބަގީޗާއެއްހެންނެވެ. މެންދުރުގެ ފަރީއްކޮޅުގެ ވަގުތު އެބަގީޗާގައި ތިއްބެވި މެހުމާނުންނާއި މޭޒުބާނުންގެ އަދަދު ތިންހާހަށްވުރެ ގިނައެވެ. އެބޭފުޅުން މިއުޒިކާއި ނެށުމުން ހިތްޕުޅު އުފާކުރައްވަމުން ގެންދަވަނީއެވެ. ކަނީޒުން ރަނުގެ ތަށިކޮޅުތަކުގައި އެބޭފުޅުންނަށް ރާފޮދުގެ ޖާމުތައް އަރުވަމުން ގެންދެއެވެ. ޝަހެންޝާހު ޝާހުޕޫރުގެ ދާންކޮޅުހުރީ ތިންފޫޓެއްހައި އުސްކޮށް ހަދައިފައިހުރި ޒީނަތްތެރި މަންސައެއްގެ މަތީގައެވެ. ފަރަޚުޒާދު އިންނެވީ ޝަހެންޝާހުގެ ކަނާތްޕުޅު ފަރާތުގައި ހުރި ރަނުގެ ގޮނޑިކޮޅެއްގައެވެ. އެހެނިހެން މެހުމާނުން ތިއްބެވީ ޝަހެންޝާހުގެ ކަނާތްޕުޅު ފަރާތުންނާއި ވާތްޕުޅު ފަރާތުން ފެށިގެން ވަށްބުރެއްގޮތަށް އަތުރައިލެވިފައިވާ ގޮނޑިކޮޅުތަކުގައެވެ. އެބޭފުޅެއްގެ މަގާމާ އެކަށީގެންވާ ހިސާބެއްގައެވެ. ނަށާމީހުންނާއި ލަވަކިޔާ މީހުން އެބައިމީހުންގެ ފަންނީ ކުޅަދާނަކަށް ދައްކަމުން ގެންދިޔައީ ވަށްބުރުގެ މެދުތެރޭގައެވެ. އީރާނުގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި، އީރާނުގެ ޑޯލާ ރިޔާސަތުތަކުގެ މަންދޫބުންވެސް އެ މަހެފިލުގައި ތިއްބެވިއެވެ. މެހުމާނުންގެ ގޮނޑިކޮޅުތަކުގެ ފަހަތުގައި ހަތިޔާރުއެޅި ސިފައިން ކޮނޑާއި ކޮނޑު ޖައްސައިގެން ތިއްބެވެ.

ޝަހެންޝާހު އިންނެވީ ޖަރީކޮށްފައިވާ ރަތްކުލައިގެ ގުބާކޮޅެއް ތުރުކުރައްވައިގެންނެވެ. އޭނާގެ ތާޖުކޮޅު އޭނާގެ އިސްކޮޅުފުޅުގެ ނިސްބަތުން ފެންނަނީ ހެޔޮވަރަށްވުރެ ތަންކޮޅެއް ބޮޑުކަމުގައެވެ. އޭނާގެ މޫނުފުޅުމަތީން ފެންނަނީ ވަރުބަލިފުޅުކަމުގެ އަސަރުތަކެވެ. އޭނާގެ ހިތްޕުޅަށް އުނދަގޫކުރަނީ އޭނާޔަށް އެ މަހެފިލުގެ ތުރާތަކުން މިނިވަންވެވަޑައިގެން އަރާމުކުރެއްވޭނެ ކޮޓަރިކޮޅުތަކުގެ ހަނދާންތަކެވެ. އޭނާގެ ފަހަތްޕުޅުގައި އަރުމީނިޔާގެ ދެ އަޅުން ސާމަރާކޮޅު ހިފައިގެން ސާމަރާކުރަން ތިއްބެވެ. ނަމަވެސް ގަދަހޫނުގެ ސަބަބުން އޭނާއަށް ހީފުޅުވަނީ ނޭވާފުޅު ލައްވާން ދަތިފުޅުވާހެންނެވެ.

ހޫނުގަދަކަމަކުން ވަރުބަލިފުޅުކަމަކުން ފަރަޚުޒާދަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ ބަރުހެދުންކޮޅާހުރެވެސް އުނދަގޫފުޅެއް ނުވެއެވެ. މަހެފިލުގައި ކުޅެވެމުންދިޔަ ކުޅިވަރުތަކާއި މިޔުޒިކާ މެދުވެސް އޭނާގެ ޝައުޤުވެރިކަންހުރީ އޭނާގެ ކާވެނިފުޅުގެ ސަމާގެ ބަޔަކަށްވާތީ އެގޮތުންނެވެ. އޭނާ ބޭނުންފުޅުވަނީ މިކަންތައްގަނޑު ނިމުނުހައި އަވަހަކަށް އޭނާގެ އައު އަނބިކަނބަލުން ގޮވައިގެން ގަނޑުވަރަށް ވަޑައިގެންނެވުމަށެވެ. އެބޭފުޅުން ތިއްބެވިތާނގެ ބޯ ސަނދުވާގެ އަނެއްފަރާތުން ފަނޑުފަނޑުކޮށް ފެންނަންހުރި އިރާ ދިމާޔަށް އޭނާ އިރުއިރުކޮޅާ ބައްލަވައިލައްވައެވެ. އޭނާއަށް ހީފުޅުވަނީ މިއަދު އިރު ހިނގަނީވެސް މާލަހުންހެންނެވެ. އިރުކޮޅަކުން އޭނާގެ ޚިޔާލުފުޅު ގޮސްހުއްޓެނީ އޭނާގެ އައު އަނބިކަނބަލުންގެ މައްޗަށެވެ. އެއާއެކު މަހެފިލުގެ ރީތި ކުލަތަކާއި ފިޔަޖެހުންތައް އޭނާގެ ހަނދުމަފުޅުން ފޮހެވިގެން ހިނގައިދެއެވެ. އޭނާގެ ޚިޔާލުފުޅު ގޮސްހުއްޓެނީ މަދާއިނުގެ ކުރިޔަށް ތިއްބެވި ކަނބަލުންތައް އާޒަރުމީދުޚުތު ވަށްކޮށްލައްވައިގެން ތިއްބެވި މަހައްލަށެވެ. އޭނާ ޚިޔާލީ ލޯފުޅުން އާޒަރުމީދުޚުތުއާ ދިމާޔަށް ބައްލަވައިލައްވައެވެ. އޭނާގެ އިޙްސާސްތަކާއި ޝުޢޫރުތަކުގެ ދުނިޔެއަށް ވެރިވަނީ ވަރަށްބޮޑު އުފާފުޅުތަކަކާއި ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމެއްގެ ފުން އިޙްސާސްތަކެވެ.

(ނުނިމޭ)