އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއެކު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ މަރު ކޮމިޝަންގެ ތަހުގީގުތަކަަށް ވީގޮތް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ޖުޑިޝަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، "އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތް ބައްލަވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވައިފި،" ކަމަށެވެ.
މި މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.
މެންބަރު މުއިއްޒު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު، އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެމަނިކުފާނު ތާއީދުނުކުރެއްވި ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް ނުވިސްނޭ" ކަމަށެވެ.
މީގެ އިތުރުން މަޖިލިސް ރައީސްގެ އެ މެސެޖާ ގުޅިގެންނާއި، މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މަަސައްކަތްތައް ލަސްވުމުގެ ސަބަބުން، މި ފަހުން ބާއްވަމުން އައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ސޯޝަލް މީޑިއާގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ދެ ކޮމިޝަންގެ ތަހުގީގުތަކަަށް ވީގޮތް އޮޅުންފިލުވުމަށް އެދި، މެންބަރު މުއިއްޒު މަޖިލިސް ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދެ މައްސަލައަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
މުއިއްޒު އެދިވަޑައިގެންފައިވަނީ މި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގަން ލަސްވާ ސަބަބުތައް އޮޅުންފިލުވައިދިނުމަށާއި، އެކަމުގައި ނުފޫޒެއްނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީންކޮށްދޭން މަޖިލީހުން އެކަން ބަލައި ދިނުމަށެވެ.