ލޮކްޑައުންގެ ސަބަބުން ހާލުގައި ޖެހި، ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް އީދު ދުވަހުގެ މުނާސަބަތުގައި ހާއްސަ ހެނދުނުގެ ނާސްތާއެއް ދިރާގުގެ އެހީގައި ފޯރުކޮށްދީފިއެވެ.
މި ނާސްތާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އިސްނެގުމުގެ މަތިން ފަށާފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ދިން ނާސްތާއެކެވެ.
ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގައި އެންބީއޭއެމްއާއި މަޓާޓޯއާއި ދިރާގާއި، ކޮކާކޯލާ މޯލްޑިވްސް އަދި މަންޓާ އެއާގެ އިތުރުން ސަލްސާ ރޯޔަލްއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މި ޕްރޮގްރާމް ސައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަަމައަށް ކުރިއަށްގެންދާނެއެވެ.
މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25،000 އެއްހާ މީލް ޕެކޭޖު ވަނީ އެކި ފަރާތްތަކަށް ހަދިޔާކޮށްފައެވެ. މަޓާޓޯ އަދި އެންބީއޭއެމްގެ އަމާޒަކީ މަހެއްހާ ދުވަސްތެރޭގައި 30،000 އެއްހާ މީލް ޕެކޭޖު އެކި ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.