ކުޅިވަރު

ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ނުދޭން ނިންމި އެލަވަންސް ދޭން ޔޫތު މިނިސްޓަރު ނިންމަވައިފި

އައިދާ އަބްދުލް ހަކީމް

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށް ދެމުން އައި މުސާރަ ކޮވިޑް 19 އާ ގުޅިގެން ދިނުން ހުއްޓާލާފައި އޮތުމަށްފަހު، އެ މުސާރަތައް ދޭން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ނިންމަވާފައިވާކަން އެނގިއްޖެ އެވެ.

"ވަން" އަށް މައުލޫމާތު ދިން ފަރާތުން ބުނީ ގައުމީ ޓީމްތަކާއި އެކު މިނިސްޓަރު މަހުލޫފް ބައްދަލު ކުރައްވައި ކުޅުންތެރިންނަށް މިހާތަނަށް ނުދެވި ހުރިފައިސާ އާއި އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް ދޭން ޖެހޭ ފައިސާ ދެމުން ގެންދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުޅުންތެރިންގެ މުސާރަ ލަސްވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކޮވިޑް ކަންތަކަށްފަހު ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ކުއާޓާ ތަކަކަށް ބަހާލައިގެން އެފައިސާ އެސޯސިއޭޝަންތަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ޔޫތު މިނިސްޓްރީ މެދުވެރިކޮށް ދެމުން އައި މުސާރަތައް އެއަށްފަހު ދެމުންގެންދާނީ އެސޯސިއޭޝަންތައް މެދުވެރިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ ގައުމީ ޓީމްތަކަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެމީހުން ކުރާ ޕްރެކްޓިސްތަކަށް ބަލައި ދޭ އެލަވަންސެއް ކަމަށެވެ. އަދި އެ އެލަވަންސް މިހާރު ނުލިބެނީ ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވެފައިވީނަމަވެސް ކުޅިވަރުގެ ގާނޫނު ބުނަނީ އެއީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ކަނޑައަޅާ މުސާރައެއް ކަމަށެވެ.

މުސާރަ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ ގިނަ ކުޅުތެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމުގެ ކަންބޮވުން ކުޅުންތެރިން ފާޅުކުރަން ފެށުމުން އެކުޅުންތެރިންނާއި ބައްދަލުކޮށް މިނިސްޓަރު ވަނީ މުސާރަ އުނި ނުކުރާނެ ކަމަށާއި އަދި ކުރިން ނުދެވި ހުރި މަސްތަކުގެ މުސާރަ ވެސް ވަރަށް އަވަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.