ރައްޔިތުންގެ މަޖިލިސް

މަރުތަކާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކަށް ވީގޮތް ބަލަން މަޖިލީހަށް މައްސަލަ ވައްދައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއެކު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ މަރު ކޮމިޝަންގެ ތަހުގީގުތަކަަށް ވީގޮތް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.

މެންބަރު މުއިއްޒު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު، އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވައި ހިއްސާ ކުރެއްވި މެސެޖެއްގައި، ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރެއްވިނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

މީގެ އިތުރުން މަޖިލިސް ރައީސްގެ އެ މެސެޖާ ގުޅިގެންނާއި، މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މަަސައްކަތްތައް ލަސްވުމުގެ ސަބަބުން، މި ފަހުން ބާއްވަމުން އައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ސޯޝަލް މީޑިއާގައިވެސް ރައްޔިތުންގެ މަޖީހުގެ މެންބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އުފުލި، މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އިއްވި ފަސްއަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ ހިޔާނާތުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލް ޣަފޫރާއި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައި އެކަމުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރާ ބައެއްގެ ލިސްޓެއް ވަނީ އެކުލަވާލައިފަ އެވެ. 267 މީހުން ހިމެނޭ އެލިސްޓުގައ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް ވަޒީރުންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ބައެއް ފަރާތްތަކާއި ސިޔާސީ އިސްފަރާތްތައް ހިމެނޭ ކަމަށް، ފުލުހުންނާއި އޭސީސީންނާއި، މަރު ކޮމިޝަނުން މީގެ ކުރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލަތަކާބެހޭ މައުލޫމާތުތަކެއްވެސް ހާމަކުރިއެވެ. އަދި ހިޔާނާތާއި، މަރުގެ މައްސަލަތަކުގައި ބައެއް ފަރާތްތަކަށް ދައުވާކުރަން ކޯޓުތަކަށްވެސް މައްސަލަތައް ފޮނުވިއެވެ.

އޭގެ ތެރެއިން ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބަށް އުފުލި ހަތް ދައުވާ އާއި ޒިޔަތުގެ މައްޗަށް އުފުލި 25 ދައުވާ ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ރިލްވާނާއި ޔާމީން ރަޝީދާއި، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މީގެކުރިން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި މައްސަލަވެސް ފާހަގަ ކޮށްލެވެއެވެ. އެމައްސަލަ ތަކުގައި ކޮމިޝަނުން ދައުވާކުރަން ހުށަހެޅީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

ނަަމަވެސް ތަހުގީގު އިތުރަށް ފުރިހަމަކުރަން، ބައެއް ދައުވާތައް އަނބުރާ ގެންދިއުމަށްފަހު ވީގޮތެއް ނޭނގެއެވެ.

ދެ ކޮމިޝަންގެ ތަހުގީގުތަކަަށް ވީގޮތް އޮޅުން ފިލުވުމަށް އެދި، މެންބަރު މުއިއްޒު މަޖިލިސް ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދެ މައްސަލައަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މުއިއްޒު އެދިވަޑައިގެންފައިވަނީ މި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގަން ލަސްވާ ސަބަބުތައް އޮޅުންފިލުވައިދިނުމަށާއި، އެކަމުގައި ނުފޫޒެއްނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީންކޮށްދޭން މަޖިލީހުން އެކަން ބަލައި ދިނުމަށެވެ.