ރިޕޯޓް

ކަނޑޫދޫ ދަނޑުވެރިއެއްގެ އީދު ހަދިޔާ: ރަށުގެ ކޮންމެ ގޭބިސީއަކަށް ތިން ކިލޯ ބަށި

އަލީ ޔާމިން

ކަނޑޫދޫ މަޝްހޫރުވެފައި އޮންނަނީ މިރުހުގެ ދަނޑުވެރިކަމަށެވެ. ނަމަވެސް އެރަށުގައި ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް ހައްދައި އުޅެއެވެ. އެގޮތުން ބައްޓާއި، ކިޔުކަންބާ އަދި ބަރަބޯގެ ބާވަތްތައް ހިމެނެއެވެ. ރަށުގެ އާބާދީގެ 80 އިންސައްތަ މީހުންނަކީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖެއާއި މާލެ ލޮކްޑައުންކޮށްފައި އޮތުން ވެގެންދިޔައީ ދަނޑުވެރިންނަށް އެމީހުން ހައްދާތަކެތި ވިއްކުމަށް އުނދަގޫތަކެއް ކުރިމަތިވެގެންދިޔަ ކަމަށެވެ. ބައެއް ކަހަލަ ބާވަތްތައް ހަލާކުވެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތައް ވިއެވެ. މީގެ އިތުރުން މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުންވެސް ބައެއް ދަނޑުތައް ވަނީ އެއްކޮށްހެން ސުންނާފަތި ވެފައެވެ. ގަސްތައް މުލުން ލުއިފައެވެ.

ކަނޑޫދޫގެ ދަނޑުވެރިންނަކީ އަބަދުވެސް ދީލަތި ބައެކެވެ. އެ ދަނޑުވެރިން ވަނީ އިޖުތިމާއީ އެތައް ކަމެއްގައި އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދީފައެވެ. އެގޮތުން މިފަހަރުވެސް ފެނިގެން މިދިޔައީ އެފަދަ ނަމޫނާއެކެވެ. ކަނޑޫދޫ ދަނޑުވެރިއެއް ކަމަށްވާ އާދަމް ޔޫސުފް މިވަނީ ރަށުގެ ހުރިހާ ގޭބިސީއަކަށް ތިން ކިލޯ ބަށި ހަދިޔާކޮށްފައެވެ.

އެކަމާ ގުޅިގެން "ވަން"އަށް މައުލޫމާތުދެމުން ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ހައްދާ އާދަމް ބުނީ، ބައިޓަނަށް ވުރެ ގިނަ ބަށި ރަށުގެ ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަވައްޓެރި ވަންދުއަށްވެސް ބަށި ފޮނުވާފައިވާ ކަމަށެވެ.

300 ގަހުގެ ބަށި ދަނޑެއް އާދަމް ގެންގުޅެއެވެ. އާދަމް ބުނި ގޮތުގައި ރަށުގެ ގޭބިސީތަކަށް ބަށި ބަހަން ނިންމީ މިއަދަކީ ފިތުރު އީދު ދުވަސްކަމުން ސަދަގާތެއްގެ ގޮތުގައި ކަމަށެވެ.

"މިއީ ހަމަ ސަދަގާތެއް. ރަށުގެ ކޮންމެ ގޭބިސީއަކަށްވެސް ތިން ވަރަކަށް ކިލޯގެ ބަށި މި ހަދިޔާކުރަނީ" އާދަމް ބުންޏެވެ.

ރަށުގެ ހެލްތު ސެންޓަރުގައި ވަޒީފާއަދާކުރާ އާދަމްއަކީ ކަނޑޫދޫގައި އެންމެ ގަދަޔަށް ދަނޑުވެރިކަން ކުރާ އެކެކެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގޭގެއަށް ބަށި ބެހުން ކުރިޔަށް ދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ކަނޑޫދޫގައި މީހުން ދިރިއުޅޭ 93 ގެ ހުރެއެވެ.