އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 67

އަބްދުﷲ ފާރޫގް ހަސަން

4

(21 މޭ ގެ އަދަދާ ގުޅޭ)

ޒަރުބަޚުތުގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅުގެ ނިޔަވާބޮނޑިއާ ހަމަޔަށް ކަޅިއަޅުއްވަމުން އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ކަލާއަކީ ނުހަނު އިޚްލާޞްތެރި ބޭފުޅަކީމުއެވެ. އަޅުގަނޑު އިޚްލާޞްތެރިކަމަށް ޤަދަރު ކުރަމެވެ. އަޅުގަނޑު މިގަނޑުވަރަށް އައުމާއެކު އެނގުނީ ކަލާ އަވަހާރަފުޅު ލައްޕަވައިފައި އޮންނެވިކަމެވެ. އެހެންކަމުން ކަލާގެ ޒިންމާގެ އިޙްސާސްގެ ސަބަބުން ރޭގަނޑު އެއްގޮތަކަށް އަވަހާރަފުޅު ނުލެއްޕެވޭކަން ވިސްނައިގަންނާކަށެއް އަޅުގަނޑަކަށް އުނދަގުލެއް ނުވިއެވެ. އަޅުގަނޑު ފަރަޚުޒާދަށް ދަންނަވާނަމެވެ. މިގަނޑުވަރު ފެނުމަށްވުރެ ބޮޑަށް އަޅުގަނޑު އުފާވީ ގަނޑުވަރުގެ ފާރަވެރީންގެ ވެރިޔާ ފެނިފައެވެ. ފަރަޚުޒާދުގެ ސަލާމަތާމެދު އަޅުގަނޑު އެއްވެސްކަހަލަ ޝައްކެއް ފާޅުކުރި ވާހަކަ އޭނާގެ އަރިހުގައި ވިދާޅުވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑު އައީ މިގަނޑުވަރު ދެކެލާށާއި، އަޅުގަނޑުގެ ފަރާތުން ދޫލައެއް ވެދުމަށް އަރުވަން ކަމުގައި ވިދާޅުވެލެއްވުމުން ފުދޭނެއެވެ."

"އަޅުގަނޑު އެހެންމީހެއްގެ ގާތުގައި ކަމަނާގެ ވާހަކަ ދައްކާކަށެއް ބޭނުމެއް ނޫނެވެ. އެކަމަކު ކަމަނާ ފަރަޚުޒާދުގެ ސަލާމަތާމެދު ވިސްނައިވަޑައިގަންނަވާކަން އެނގިވަޑައިގެންނެވުމަކީ އޭނާ އުފާފާޅުވާނެ ކަމެކެވެ."

"ވަރަށް ރަނގަޅެވެ. އަޅުގަނޑު ކަލާގެ އަރިހުގައި ރަނގަޅަށް ސަމާލުވެވަޑައިގެން ހުސިޔާރަށް ހުންނަވަން ދެންނެވި ވާހަކަ އޭނާގެ އަރިހުގައި ވިދާޅުވާށެވެ. އެކަމަކު އޭނާގެ ސަލާމަތަށް އެއްވެސްކަހަލަ ނުރައްކަލެއް އޮތްކަމަށް އަޅުގަނޑު ޝައްކު ކުރާކަމަށް ކަލާގެ އެއްވެސް ވާހަކަފުޅަކުން އޭނާޔަށް ހީފުޅުވިޔަދެއްވައިގެން ނުވާނެއެވެ."

"ކަމަނާ ހިތްޕުޅު ހަމަޖައްސަވާށެވެ."

"ކަލާގެ މުސްތަޤްބަލާމެދު އަބަދުވެސް އަޅުގަނޑު ޝައުޤުވެރިކަން ބަހައްޓާނަމެވެ. އެއްވެސް ކަމެއްގައި އަޅުގަނޑުގެ އެހީއަކަށް ކަލާ ބޭނުންފުޅުވެވަޑައިގެންފިނަމަ އަޅުގަނޑާ ހަމަޔަށް ވަޑައިގަންނަވަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށް ކަލާ ވަޢުދުވެވަޑައިގަތުން އެދެމެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަމަނާއަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑަކީ ކަމަނާ ސަމާލުކަން ދެއްވުން އެކަށީގެންވާ މީހެއްކަމުގައި ބެއްލެވިކަމަށްވުރެ ބޮޑު އިނާމެއް އަޅުގަނޑަށް ލިބޭނެތޯއެވެ؟"

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެން ދެމީހުންގެ އެންމެފުރަތަމަ ބައްދަލުވުމެވެ. އެކަމަކު އަޅުގަނޑަށް ހީވަނީ ވަރަށް ކުރީއްސުރެ އަޅުގަނޑުމެން އެކަކު އަނެކަކު ދަންނަހެންނެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑުމެންނަށް އެކަކު އަނެކަކާ ކައިރިން ބައްދަލުވެ އުޅެލުމުގެ ފުރުޞަތު ލިބުމުން ކަލާވެސް އަޅުގަނޑަކީ ދުރުހިލޭމީހެއް ކަމަކަށެއް ނުބައްލަވާނޫއެވެ. ކަލާ މިތާނގައި ހުންނަވާނު ދޮގެއްތޯއެވެ؟"

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "މިއީ އަޅުގަނޑާ ވަގުތީގޮތުން ހަވާލުކުރެވުނު މަސްއޫލިއްޔަތެކެވެ. އިއްޔެއާ ޖެހެންދެންވެސް އަޅުގަނޑުގެ އެދުމަކީ ވީހައިވެސް އަވަހަކަށް މި މަސްއޫލިއްޔަތާ ވަކިވެ ޝާހީ ފާރަވެރީންގެ މުޢަސްކަރަށް އަނބުރައި ދެވޭގޮތްވުމެވެ."

"މިހާރު؟"

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "މިއަދު......... މުސްތަޤްބަލާމެދު އަޅުގަނޑު އެދޭގޮތަކީ ކޮބައިކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އަޅުގަނޑަށް ހީވަނީ ހުވަފެނެއްގައި އުޅެވޭހެންނެވެ. އަޅުގަނޑަށް ހޭލެވޭއިރު އަޅުގަނޑުގެ ހިތާމަޔަކަށްވާނީ މިހުވަފެން މާއަވަހަށް ނިމުނީތީއެވެ. އަޅުގަނޑު ކަމަނާއާ ބެހޭގޮތުން އަޑުއަހައިފައިވަނީ......."

"އަޅުގަނޑާ ބެހޭގޮތުން ކަލާ އަޑުއައްސަވައިފައިވަނީ ކޮންވާހަކައެއްތޯއެވެ؟"

"ނޫނެކެވެ. މާފު ކުރައްވާށެވެ. އަޅުގަނޑު ދަންނަވާން އުޅުނު އެއްޗެއް ނޭނގެއެވެ."

"ނޫނެކެވެ. ކަލާ ވިދާޅުވާން ޖެހޭނެއެވެ."

"އެކަމަކު ކަމަނާ ކޯފާވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ."

"ނޫނެކެވެ. ވިދާޅުވާށެވެ. އަޅުގަނޑު ރުޅިއެއް ނާންނާނަމެވެ. އަޅުގަނޑު ވަޢުދުވަމެވެ."

ޒަރުބަޚުތު ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "އަޅުގަނޑަށް އަޑުއިވިފައިވަނީ ކަމަނާއަކީ ވަރަށް ބޮޑާފުޅު ވަރަށްބޮޑަށް އަމިއްލަފުޅަށް ފެނިވަޑައިގެންފައި ހުންނަވާ ބޭފުޅެއްކަމުގައެވެ. އާދައިގެ ފެންވަރުގެ މީހުންނާ ސީދާ ވާހަކަ ދައްކަވަންވެސް ޤަބޫލުފުޅު ނޫންކަމުގައެވެ."

ޒަރުބަޚުތު ހީފުޅުކުރެއްވިގޮތާ ޚިލާފަށް އާޒަރުމީދުޚުތުގެ މޫނުފުޅުމަތީގައި ކުޅެކުޅެހުރީ ވަރަށް ހިތްގައިމު ހިނިތުންވެވަޑައިގެންނެވުމެކެވެ. އެކަމަނާ ވިދާޅުވިއެވެ.

"މިހާރު ކަލާގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟"

ޒަރުބަޚުތު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ލައްވަމުން ޖަވާބު ދެއްވިއެވެ. "މިހާރު އަޅުގަނޑުގެ ހިތަށްއަރަނީ ކަމަނާ ހިނިފުޅުވަޑުވާތަން ދެކެން ދުނިޔޭގެ އެންމެންނަށް އަޅުގަނޑުގެ ލޯ ދެވޭނެނަމައެވެ. ކަމަނާގެ ވާހަކަފުޅު އަޑުއަހަން އަޅުގަނޑުގެ ކަންފަތް ދެވޭނެނަމައެވެ. މިހެންނެވެ."

އާޒަރުމީދުޚުތު ހިނިފުޅުވަޑުވައިލެއްވުމަށްފަހު ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު ދާންވެއްޖެއެވެ."

ޒަރުބަޚުތު އިތުރު އެއްޗެކޭ ވިދާޅުނުވެ އެކަމަނާގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން ޒަރުބަޚުތު ހުންނެވީ ކޯރުގެ އައްސޭރީގައިހުރި ސަންގުމަރުމަރުގެ މަންސައެއްގައެވެ. އާޒަރުމީދުޚުތާއި އެކަމަނާގެ ޚާދިމާ ބައްތެއްޔަށް އަރައިވަޑައިގަންނަވާ މަންޒަރު ބައްލަވާށެވެ. ބައްތެލި ތަންކޮޅެއް ދުރަށް ދިޔުމުން އޭނާ މަންސައިން ފައިބައިވަޑައިގެން ވަޑައިގެން ފެންޑާމަތީގައިހުރި އަދަރާދަގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާގެ ކުރިފުޅުމަތީގައި އާޒަރުމީދުޚުތުގެ ރީތި އެތަކެއް ތަސްވީރުތަކެއް ނަށަމުންދެއެވެ. އޭނާގެ ކަންފަތްޕުޅުގައި އެކަމަނާގެ ހިތްގައިމު އަޑުފުޅު ގުގުމަމުންދެއެވެ. އިރުކޮޅެއްވަންދެން އޭނާއަށް އިންނެވުނީ ހުވަފެންފުޅާއި ހޭފުޅުލެއްވުމާ ދެމެދުގެ ދުނިޔެއަކަށް ގެއްލިވަޑައިގެންނެވިފައެވެ. އެދުނިޔެ ވަނީ ވިއްސާރަ ދުނީގެ ކުލަތައްފަދަ ރީތި ކުލަތަކަކުން ޒީނަތްތެރިވެފައެވެ. އެދުނިޔޭގެ ވައިރޯޅިތަކުންވެސް ފޫދިގެން އަންނަނީ ލަވައާއި މިޔުޒިކެވެ. ކުއްލިޔަކަށް އުދަރެހުން ހިޔަންޏެއް ފާޅުވެއްޖެއެވެ. އޭނާގެ އެ ކުލަރީތި ދުނިޔެ ކަޅުކަމާއި ނާމާންކަމުގެ ބަނަ ވިލާތަކުން ބައްދައިލައިފިއެވެ. އޭނާއަށް ހީފުޅުވާންފެށީ ކުލަރީތި ފަޒާއެއްގައި އުދުހިވަޑައިގަންނަވަމުން ގެންދަވަނިކޮށް ކުއްލިޔަކަށް މާކަނޑުގެ އަޑިޔަށް ގެނބެމުންދާހެންނެވެ. ކޮންމެވެސް މީހަކު އޭނާގެ ހިތްޕުޅު އޮބައިގެންފިކަހަލައެވެ. އޭނާގެ ނާރުފުޅުތަކުގައި ހިނގަހިނގައިހުރި ލޭހިނގުން ބަންދުވެއްޖެކަހަލައެވެ. އޭނާ ފިލައިވަޑައިގަންނަވަން ދުވެވަޑައިގަންނަވަން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ފައިންޕުޅުވަނީ ބަނދެލެވިފައެވެ. އޭނާ ހަޅޭފުޅުލައްވަވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާގެ ބަސްމޮށުންތެރިކަމުގެ ބާރު ވަނީ ނިގުޅައިގަނެވިފައެވެ. ނާކާމިޔާބީއާއި، އާރެއް ބާރެއް ނެތްކަމާއި ހިތާމަފުޅުގެ އިޙްސާސްގެ ތެރެއިން ސިފައިންގެ މީހެއްގެ ދިފާޢީ ބާރު ހޭލާން ފަށައިފައެވެ. އާޒަރުމީދުޚުތުގެ ތޫނު ކަޅިރަވަފުޅުގެ ހޫނުކަމުގެ ސަބަބުން ވިރިގެންދިޔަ ހުރިހައި ދިފާޢީ ފާރުތަކެއް އޭނާގެ ޒަމީރު އަނެއްކާވެސް ބިނާކޮށްދީފިއެވެ. އޭނާ ތުރުތުއަޅައިވަޑައިގެންނެވުމާއެކު ހިތްޕުޅުގެ އަޑީން ދުޢާކުރެއްވޭން ފަށައިފިއެވެ. އޭ އަހަރުމުޒުދެވެ! ކިސްރާގެ ދަރިކަނބަލުންގެ ކިބައިން މިއަޅާ ސަލާމަތް ކުރައްވާނދޭވެ."

+ + + + +

ފަރަޚުޒާދު ގެއަށް ވަޑައިގެންނެވީ މެންދުރެއްހައި އިރުއެވެ. އޭނާ މަތީބުރީގެ ސިޑިކައިރިޔަށް ވަޑައިގެންނެވުމާއެކު ޒަރުބަޚުތު ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "ސާހިބާއެވެ! އާޒަރުމީދުޚުތު ވަރަށް ހެނދުނާ މިގަނޑުވަރަށް ވަޑައިގެންނެވިއެވެ."

"އާޒަރުމީދުޚުތު!" ފަރަޚުޒާދަށް އޭނާގެ ކަންފަތްޕުޅާމެދު ޔަޤީނެއް ނުކުރެއްވުނެވެ.

"އާދޭހެވެ. ސާހިބާއެވެ! އެކަމަނާ ވަޑައިގެންނެވީ މިގަނޑުވަރު ބައްލަވައިލައްވަން ވެގެންނެވެ."

"ތިޔައީ ކިހިނަކުން ވާނެކަމެއްހެއްޔެވެ؟"

"ސާހިބާއެވެ! އެކަމަނާ ވަޑައިގެންނެވުމުން އަޅުގަނޑުވެސް ޙައިރާންވިއެވެ. އެކަމަނާ ވަޑައިގަތީ ޝާހީ ބައްތެލިކޮޅެއްގައެވެ. އަރިހުގައި ޚާދިމާއަކު ގެންނެވިއެވެ."

"އެކަމަނާ އަޅުގަނޑަށް އަންގައިނުލެއްވީ ކީއްވެގެންބާވައެވެ."

"އެކަމަނާގެ ވާހަކަފުޅުން އަޅުގަނޑަށް ލަފާކުރެވުނު ގޮތުގައި މިގަނޑުވަރަށް ވަޑައިގެންނެވުމަކީ އެކަމަނާގެ ހިތްޕުޅަށް ކުއްލިޔަކަށް އައި ޚިޔާލުފުޅެކެވެ. އެކަމަނާ ގަނޑުވަރަށު ބެއްލެވުމަށްފަހު ވަޑައިގެންނެވީ ބޮޑުކޮޓަރިކޮޅު ޒީނަތްތެރިކުރުމަށްޓަކައި ވަރަށް އަގުބޮޑު ދޫލައެއްވެސް ހަދިޔާކުރައްވައިފައެވެ."

ފަރަޚުޒާދުގެ ހިތްޕުޅު އުފާފުޅުން ނަށާންފަށައިފިއެވެ. އޭނާ ސުވާލުކުރެއްވިއެވެ. "އެދޫލަ މިހާރު ކޮބައިތޯއެވެ؟"

"އެކަމަނާ އަމުރުކުރެއްވި ފަދައިން ބޮޑުކޮޓަރިކޮޅުގައި އަޅުވައިފީމެވެ."

ފަރަޚުޒާދު ހަމައެވަގުތު އަނބުރައިލައްވައިފައި ބޮޑުކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އެކޮޓަރިކޮޅުގެ މެދުތެރޭގައި ފަތުރައިފައި އޮތް ދޫލައިގެ މައްޗަށް އޭނާގެ ނަޒަރު ހުއްޓައިލެއްވިއެވެ. އޭނާ އެދޫލަމަތީގައި އިށީނދެވަޑައިގެން ދޫލައިގައި އަތްޕުޅު ހާއްކަވަމުން ޒަރުބަޚުތާ މުޚާޠަބު ކުރެއްވިއެވެ. "ޙަޤީޤަތުގައިވެސް މިއީ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. މި ދޫލައިގައި ފައިންޕުޅު އަޅުއްވައިފައިވަނީ ކިތައް ޝެހެންޝާހުންކަމެއް ކިތައް ޝެހެޒާދުންކަމެއް ކިތައް ޝެހެޒާދީންކަމެއް ނޭނގެއެވެ. މިތަން މިދޫލައަކާ އެކަށީގެނެއް ނުވެއެވެ. މިދޫލަ އަޅުގަނޑުގެ ކޮޓަރީގައި އުޅުއްވާށެވެ!" ފަރަޚުޒާދު ތެދުވެވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ.

"އެކަމަނާ މިތަނަށް ވަޑައިގެންނެވިކަން އަޅުގަނޑަކަށް އަދިވެސް ޔަޤީނެއް ނުކުރެވެއެވެ. ކަލާ މީގެކުރީންވެސް އެކަމަނާ ދެކެވަޑައިގެންނެވީމުތޯއެވެ؟"

"ނޫނެކެވެ."

"އިށީނދެވަޑައިގަންނަވާށެވެ."

ޒަރުބަޚުތު ފަރަޚުޒާދުގެ ކުރިފުޅުމަތީގައިހުރި ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ.

"އެކަމަނާ ވަޑައިގެންނެވިއިރު މިތާނގައި ނުހުރެވުނީތީ އެކަމާ ހިތާމަކުރަމެވެ. އެކަމަނާ އަޅުގަނޑާ ބެހޭގޮތުން އެއްވެސް ސުވާލެއް ކުރެއްވިތޯއެވެ؟"

"އާދޭހެވެ. އެކަމަނާ ހުންނެވީ މަނިކުފާނުގެ ރައްކާތެރިކަމާމެދު ކޮންމެވެސް ވަރަކަށް ފިކުރުވެރިވެ ވަޑައިގެންފައެވެ. އެކަމަނާ ދެކެވަޑައިގަންނަވަނީ މިގަނޑުވަރު މާކަ ރައްކާތެރިޔެއް ނޫންކަމުގައެވެ. ނަމަވެސް މިގަނޑުވަރުގެ ސަލާމަތާމެދު އަޅުގަނޑު އެކަމަނާގެ ހިތްޕުޅު ހަމަޖައްސައިދިނީމެވެ."

"ތެދަށް ވިދާޅުވާށެވެ! އަޅުގަނޑުގެ ސަލާމަތާމެދު އެކަމަނާ ފިކުރު ކުރައްވާތޯއެވެ؟"

"އާދޭހެވެ. އެކަމަނާގެ ވާހަކަފުޅަކުން އަޅުގަނޑަށް ދޭހަވިގޮތުގައި އެކަމަނާ ސާސާނީ ރަސްކަން ދެމިއޮތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާވަރަށް މަނިކުފާނުގެ އަހަންމިއްޔަތު އިޙްސާސް ކުރައްވައެވެ."

"އެހެންވީއިރު އެކަމަނާ މިހާރު ހުންނެވީ އަޅުގަނޑުދެކެ ކޯފާވެފައެއް ނޫން ދޮގެއްތޯއެވެ؟"

"އާދޭހެވެ. އެކަމަނާ ކުރީންވެސް މަނިކުފާނާ ނުގަބޫލުފުޅުހެނެއް ހިއެއް ނުވެއެވެ."

"ނޫނެކެވެ. ޝާހުޕޫރު ތަޚުތަށް އިސްކުރި ދުވަހު އެކަމަނާ ޖެއްސެވި ވައްތަރުކޮޅު ކަލާއަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑަށް ހީވީ އަޅުގަނޑުގެ މޫނު ނޮޅައިލައްވާން އުޅުއްވިހެންނެވެ."

"ސާހިބާއެވެ. އެއީ ތާޖާއި ތަޚުތުގެ އުމީދާރަކަށް ވެވަޑައިގެން އިންނެވި ޝެހެޒާދީއެއްގެ ކޯފާއެވެ. ނަމަވެސް މިހާރު އެކަމަނާ އިންނެވީ އެކަމަނާގެ މުސްތަޤްބަލު މަނިކުފާނާ ގުޅުއްވައިލައްވައިގެންނެވެ."

"އެކަމަނާ އަޅުގަނޑުގެ ގެބައްލަވަން ވަޑައިގެންނެވިކަމާއި އަގުބޮޑު ދޫލައެއް އަޅުގަނޑަށް ހަދިޔާކުރެއްވިކަން ޝާހުޕޫރާއި ޕޫރާންދުޚުތު ޤަބޫލެއް ނުކުރައްވާނެއެވެ. އެބޭފުޅުން ޤަބޫލުކުރައްވާގޮތުގައި އާޒަރުމީދުޚުތު އަޅުގަނޑުގެ ކާވެންޏަށް ރުހިވަޑައިގެންނެވީ މަޖުބޫރު ވެވަޑައިގެންނެވެ. އާޒަރުމީދުޚުތާ ބައްދަލުވާން އެދޭވާހަކަ އަޅުގަނޑު އެތައްފަހަރަކު އެބޭފުޅުންގެ އަރިހުގައި ދަންނަވައިފީމެވެ. ނަމަވެސް އެބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވަނީ މަޑުކުރުމަށެވެ. އެބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަނީ އެކަމަނާ އަޅުގަނޑާމެދު ވަރަށް އަދަބު ކުޑަކޮށް އިހާނެތިކޮށް ކަންތައް ކުރައްވައިފާނެތީއެވެ. ރަނގަޅުކުރެވުމުގެ އުންމީދެއް ނޯންނަވަރަށް މައްސަލަ ނުބައިވެދާނެތީއެވެ."

"އަޅުގަނޑަށް ހީވާގޮތުގައި މިހާރު މަނިކުފާނު ޝެހެޒާދީއާ ބައްދަލުކުރައްވާކަށެއް އަނެކެއްގެ މަޝްވަރާއެއް ބޭނުންފުޅެއް ނުވާނެއެވެ. އަނެއްކާ އާއްމު އުސޫލަކީވެސް އެކަމަނާގެ ހަދިޔާގެ ބަދަލުގައި ކޮންމެވެސް އަގުހުރި ވެދުމެއް ހިއްޕަވައިގެން މަނިކުފާނު އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމެވެ."

ފަރަޚުޒާދު ވިދާޅުވިއެވެ. "ތިޔަކަންތައް އަޅުގަނޑު ކަލާއާ ޙަވާލުކޮށްފީމެވެ. ހަމަމިހާރު ބާޒާރަށް ވަޑައިގަންނަވާށެވެ. މަދާއިނުގެ އެންމެބޮޑު ޖައުހަރީއަކީ ކާކުކަން އޮޅުންފިލުއްވައިގެން އެމީހެއްގެ ގާތަށް ވަޑައިގަންނަވާށެވެ. އެމީހެއްގެ ގާތުގައި ވިދާޅުވާށެވެ. އޭނާގެ ފިހާރައިން މުތީގެ އެންމެ އަގުބޮޑު އަބާރަނައަކާއި ޔާގޫތުގެ އަނގޮޓީއެއް ހިފައިގެން އަހަރެންގެ ގާތަށް އަންނާށެވެ. އެތަކެތި ވާންޖެހޭނީ ޝެހެޒާދީއަކާ އަރާއަރަފޯދޭ ތަކެތި ކަމުގައެވެ. ހަމަ މިއަދު އެތަކެތި ޝެހެޒާދީގެ އަރިހަށް ގެންދަވަން ކަލާޔަށް ޖެހިވަޑައިގަންނަވާނެއެވެ. އެހެންކަމުން ވީހައިވެސް އަވަހަކަށް އެނބުރިވަޑައިގެންނެވޭތޯ ބައްލަވާށެވެ."

ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ރަނގަޅުވާނީ ޚުދު މަނިކުފާނު ވަޑައިގެންނެވުމެއް ނޫންތޯއެވެ؟"

"އަޅުގަނޑު މާދަމާ ދާނަމެވެ. ކަލާ ތިޔަހައި ފިކުރުފުޅު ބޮޑުވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑަށް ޔަޤީނެވެ. ޝެހެޒާދީ އިންނަވާ ގަނޑުވަރަށް ވަޑައިގެންނެވުމަކީ ކަލާއަށް އުނދަގޫފުޅު ކަމަކަށެއް ނުވާނެއެވެ. ކަލާގެ އަތްޕުޅުގައި އަޅުގަނޑު އެކަމަނާއަށް ވެދުމަށް އެއްޗެއް ފޮނުވީތީ އެކަމަނާވެސް އެކަމަކާ އިޢުތިރާޟެއް ނުކުރައްވާނެއެވެ. އަޅުގަނޑު ކަލާއާމެދު ދެކެނީ ރަޙުމަތްތެރިޔެއްގެ ނަޒަރުން ކަމުގައި އެކަމަނާގެ އަރިހުގައި ވިދާޅުވުމުގެ ހުއްދަ ކަލާއަށް އެބައޮތެވެ. ދެން ވަގުތު ނަންގަވައި ނުލައްވާށެވެ."

ޒަރުބަޚުތު އަދަބުވެރިކަމާއެކު ސަލާންކުރައްވައިފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.

+ + + + +

އިރުއޮއްސުމުގެ ގަޑިޔެއްހައިރު ކުރިއެވެ. ޝެހެޒާދީ އާޒަރުމީދުޚުތު ހުންނެވީ ފަރަޚުޒާދު ފޮނުއްވި އަބާރަނަކޮޅާއި އަނގޮޓީފުޅު ތުރުކުރައްވައިގެންނެވެ. އެކަމަނާ ހުންނެވީ އިސްކޮޅުފުޅާ އެއްވަރުގެ މޫނުބަލާ ލޯކޮޅެއްގެ ކުރިމަތީގައެވެ. ތިންހަތަރު ފިޔަވަޅެއްގެ ދުރުގައި ޒަރުބަޚުތު އިސްދަށަށް ޖައްސަވައިލައްވައިގެން ހުންނެވިއެވެ. އާޒަރުމީދުޚުތު ފަހަތްޕުޅަށް އެނބުރިވަޑައިގެން ޒަރުބަޚުތަށް އެކަމަނާގެ އަތްތިލަފުޅު ދައްކަވައިލައްވަމުން ވިދާޅުވިއެވެ. މި އަނގޮޓީ ވަރަށް ރީއްޗެވެ. ހީވަނީ އަޅުގަނޑުގެ އިނގިލީން މިންނަގައިގެން ހައްދައިފައި އޮތްހެންނެވެ."

"ކަމަނާ ފަރަޚުޒާދުގެ ވެދުމާ ހިތްޕުޅާ ހަމަކުރެއްވީތީ އަޅުގަނޑު ވަރަށް އުފާވެއްޖެއެވެ. ދެން އަޅުގަނޑު އެނބުރި ދިޔުމުގެ ހުއްދަ ދެއްވުން އެދެމެވެ."

"މިހައި އަވަހަށްތޯއެވެ؟"

"ފަރަޚުޒާދު އަޅުގަނޑަށް އިންތިޒާރު ކުރައްވާނެއެވެ. ކަމަނާއާ ބައްދަލުކުރައްވަން އޭނާ އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުން ޤަބޫލުކުރެއްވި ވާހަކަ އަޑުއައްސަވާ ހިތްޕުޅުން އޭނާ ހުންނަވާނީ ނުހަނު ބޭޤަރާރު ވެވަޑައިގެންފައެވެ."

"ތެދަށް ވިދާޅުވާށެވެ. އޭނާއަށް ދަންނަވައިނުލައި އަޅުގަނޑު އެގަނޑުވަރަށް ދިޔުމުން އެކަމާ އޭނާ ނުޤަބޫލުފުޅެއް ނުވޭތޯއެވެ؟"

"އާދޭހެވެ! އަދި ކީއްތޯއެވެ؟ އޭނާގެ ހިތާމަފުޅަކީ ކަމަނާއާ އިސްތިޤްބާލު ކުރައްވާން އޭނާއަށް ނުހުންނެވުނުކަމެވެ."

"އިށީނދެވަޑައިގަންނަވާށެވެ! އަޅުގަނޑު ހަމަމިހާރު އެބައަންނަމެވެ. "އާޒަރުމީދުޚުތު އެހެން ވިދާޅުވެފައި ޖެހިގެންހުރި ކޮޓަރިކޮޅަކަށް ވެދެވަޑައިގެންފިއެވެ. ޒަރުބަޚުތު ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އާޒަރުމީދުޚުތު ކުޑައިރުކޮޅެއްގެފަހުން އެނބުރިވަޑައިގެންނެވިއިރު އެކަމަނާގެ އަތްޕުޅުގައި ޚަންޖަރެއް އޮތެވެ. އެޚަންޖަރުގެ މުށްގަނޑު އޮތީ ޖަވާހިރުން ކުރެހުން އަޅައި ޒީނަތްތެރި ކޮށްފައެވެ. ޒަރުބަޚުތަށް އެޚަންޖަރު ފޯރުވައިލައްވަމުން ޝެހެޒާދީ ވިދާޅުވިއެވެ. ފަރަޚުޒާދުގެ އެންމެފުރަތަމަ ހަދިޔާ ގެންނެވި ފަރާތް އަޅުގަނޑުގެ ގެއިން ހުސްއަތްޕުޅާ ވަޑައިގަންނަވައިގެނެއް ނުވާނެއެވެ. މިއީ ކަލާއަށެވެ. ފަރަޚުޒާދުގެ ގަނޑުވަރުން އެނބުރި އައިއިރުވެސް އަޅުގަނޑު ހުރީ ކަލާއަށް އެއްވެސް ވެދުމެއް ނޭރުވުނީތީ ދެރަވެފައެވެ."

"އަޅުގަނޑު ކަމަނާއަށް ޝުކުރު ދަންނަވަމެވެ. "ޒަރުބަޚުތު އެހެން ވިދާޅުވެފައި އެޚަންޖަރު އަތުލައްވައިފިއެވެ."

ޚާދިމާއެއް ރަނުގެ ތަބައްކޮޅެއްގައި ގަދަހަކޮޅަކާއި ބިއްލޫރި ތަށިކޮޅަކާ ބަހައްޓައިގެން އައިސް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. ޒަރުބަޚުތު ހާސްފުޅުކަމާއެކު އޭނާއާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. ޚާދިމާ ކުޑަމޭޒުކޮޅެއްގެ މަތީގައި ތަބައްކޮޅު ބަހައްޓައިފައި ގަދަހަކޮޅުން ރާތަށިކޮޅެއް އަޅައިފައި ޒަރުބަޚުތަށް ފޯރުވައިލިއެވެ. ޒަރުބަޚުތު ޢުޒުރުވެރިވެ ވަޑައިގެންނެވުމުގެ ބެއްލެވުމަކުން ޝެހެޒާދީއާ ދިމާޔަށް ބައްލަވައިލައްވައިފައި ޚާދިމާއާ ދިމާޔަށް ވިދާޅުވިއެވެ. ޝުކުރިއްޔާއެވެ. "އަހަންނަކަށް ތިޔައިގެ ބޭނުމެއްނެތެވެ."

އާޒަރުމީދުޚުތު ހިނިފުޅު ވަޑުވައިލެއްވިއެވެ. އެކަމަނާ ގަދަހަކޮޅެއް ނަންގަވައިފައި ބިއްލޫރިތަށިކޮޅަކަށް ރަތްކުލައިގެ ރާފޮދެއް އަޅުއްވައިފައި ޒަރުބަޚުތަށް ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "މިޔަކު ޒަހަރެއް ނުހުންނާނެއެވެ. މީގެ ޖާމެއް ހިއްޕެވިކަމުގައިވިޔަސް މަސްތުވާނެކަމަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ."

ޒަރުބަޚުތު ދެރަފުޅުވެވަޑައިގެންނެވުމުގެ އިޙްސާސާއެކު ޝެހެޒާދީގެ އަތްޕުޅުން ތަށިކޮޅު އަތުލައްވައިފިއެވެ. އޭނާ އެއްނޭވާފުޅުން އެތަށިކޮޅު ހުސްކޮށްލައްވައިފައި ތަބައްކޮޅުގައި ބަހައްޓަވަމުން ވިދާޅުވިއެވެ. އަޅުގަނޑުގެ މަޠްލަބަކީ މީގައި ވިހައެއް ހުރުމެއް ނޫނެވެ. ކަމަނާ އަމުރުކުރައްވައިފިނަމަ ގަދަހަކޮޅު އެކަށްވެސް އަޅުގަނޑު...."

ޝެހެޒާދީ ހިނިފުޅުވަޑުވައިލެއްވިއެވެ. "ކަލާއަށް ތިޔަފަދަ އަމުރެއް އަޅުގަނޑަކަށެއް ނުކުރެވޭނެއެވެ. އަނެއްކާ މި ރާއަކީ ވަރަށްވެސް ލުއި އެއްޗެކެވެ. މުޅި ގަދަހަ ހުސްކޮށްލެއްވިޔަސް ކަލާ މަސްތުވެވަޑައެއް ނުގަންނަވާނެއެވެ. ކަލާގެ އަނގަފުޅަކުން ރާވަހެއްވެސް ނުދުވާނެއެވެ. ފަރަޚުޒާދު ރުހިވަޑައިނުގެންފާނެތީ ކަލާ ބިރުފުޅުގެން ވަޑައިގަންނަވާނަމަ އަޅުގަނޑު އޭނާގެ އަރިހަކު މިވާހަކައެއް ނުދަންނަވާނަމެވެ. ދެން ކަލާ ވަޑައިގެންނެވިޔަސް އެންމެރަނގަޅެވެ."

(ނުނިމޭ)