އިބްރާހީމް އަމީރު

ފެނާއި ކަރަންޓު ބިލުން 60 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

ކޮވިޑުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ފެނާއި ކަރަންޓު ބިލުން މިހާތަނަށް 60 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ފެނަކަ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯ މެދުވެރިކޮށް ކަރަންޓާއި ފެން ބިލުން 60 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ.

އެގޮތުން ފެން ބިލަކުން އެވްރެޖްކޮށް 235 ރުފިޔާ ކެނޑިފައިވާއިރު ކަރަންޓް ބިލަކުން އެވްރެޖްކޮށް 500 ރުފިޔާ ކެނޑިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް ފެން ބިލްތަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައި ވެއެވެ. އެއީ 33198 ގޭބިސީއަކަށެވެ. ފެނަކަ މެދުވެރިކޮށް 12661 ގޭބިސީއަކަށް ތިން ލައްކަ ރުފިޔާ އަދި ސްޓެލްކޯ މެދުވެރިކޮށް 558 ގޭބިސީއެއްގެ ފެން ބިލްތަކަށް އެއް ލައްކަ ރުފިޔާގެ ޑިސްކައުންޓް ދީފައި ވެއެވެ.

ކަރަންޓަށް ދީފައިވާ ޑިސްކައުންޓަށް ބަލާއިރު ސްޓެލްކޯ މެދުވެރިކޮށް 45068 ގޭބިސީއަކަށް 27.4 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ. އަދި ފެނަކަ މެދުވެރިކޮށް 46839 ގޭބިސީއަކަށް 22 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާއިރު އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް ތިން ލައްކަ ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ. އެއީ 681 ގޭބިސީއަކަށެވެ.