އިބްރާހީމް އަމީރު

ބޭރު ފައިސާގެ ދަތިކަމެއް އަދި ނެތް: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ބޭރު ފައިސާގެ ދަތިކަމެއް އަދި ނެތް ކަމަށާއި ކޮވިޑުގެ މިހާލަތުގައި ވެސް ކަންކަން ރާވަމުން ގެންދަނީ ބޭރުފައިސާގެ ދަތިކަން ނާންނާނެ ގޮތަށް ވިސްނުން ބަހައްޓައިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކަށް އައިސްފައިވާ ކުރިއެރުންތަކާ ބެހޭގޮތުން މައުލޫމާތުދިނުމަށް، ނެޝަނަލް އެމެޖެންސީ ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ގްރޯސް ރިޒާވުގައި ގާތްގަނޑަކް 800 މިލިޔަނެއްހާ ޑޮލަރު، ޔޫޒެބްލް ރިޒާވްގައި 231 މިލިޔަން ޑޮލަރު މިހާރުވެސް އެބަހުރި ކަމަށާއި ބޭރު ފައިސާގެ ދަތިކަން އަޔަނުދިނުމަށް އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ރާއްޖޭގައި ބޭރު ފައިސާގެ އެއްްވެސް ދަތިކަމެއް ނެތް ކަމަށެވެ.

"ގްރޯސް ރިޒާވުގައި މިހާރުވެސް ގާތްގަނޑަކަށް 800 މިލިޔަނެއްހާ ޑޮލަރު އެބައިން، އަދި ޔޫޒެބްލް ރިޒާވްގައި 231 މިލިޔަން ޑޮލަރު އެބައިން. އެހެންވީމާ މިހާރު ރާއްޖޭގައި ފޮރިން ކަރަންސީގެ ދައްޗެއް އަދި ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ ސަމުރާއި ބޮންޑް ވިއްކައިގެން 300 މިލިޔަން ޑޮލަރުގެ ދޫކުުރުމުގެ މަަސައްކަތްވެސް ކުރިއަށްދާ ކަމަށާއި އެހެނިހެން ގޮތްގޮތުންވެސް ފަންޑް ރެއިސްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ސަމުރާއީ ބޮންޑަކަށް ނުވިޔަސް ވެސް އެކިއެކި ގޮތްގޮތުން އަޅުގަނޑުމެން މަސައްކަތްތައް އެބަކުރަން ފަންޑްވެސް ރެއިސްކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ބޭރުގެ ގައުމުތަކުން މިހާރުވެސް ރާއްޖެއަށް އެކި ގޮތްގޮތުން 290 މިލިއަނެއްހާ ޑޮލަރު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭއައިއައިބީ އާއެކުވެސް މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގައި ކޯ ފައިނޭންސް ކުރުމަށް މަޝްވަރާތަކެއްވެސް ކުރަމުން އަންނަނ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަންވެސް ކާމިޔާބުވާނެ ކަމަށާއި އެހެން ބައެއް ފައިނޭޝަލް އިނިސްޓިޓިއުޓްތަކާވެސް ވާހަކަދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައިވެސް ރާއްްޖެއަށް ބޭރު ފައިސާގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި މަސައްކަތްތައް ބައްޓަންކުރަމުން އަންނަނީ އެގޮތަށް ކަމަށެވެ.