އިބްރާހީމް އަމީރު

ރިސޯޓުތަކުގެ ބިމު ކުލި ފަސްކޮށްދިނުމުން މިއަހަރުގެ އާމްދަނީން 900 މިލިއަން މަދުވާނެ: ފިނޭންސް މިނިސްޓަރު

ރިސޯޓުތަކުގެ ބިމު ކުލި ފަސްކޮށްދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މިއަހަރު ދައުލަތަށް ލިބޭން ހުރި އާމްދަނީން 900 މިލިއަން މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި ރިސޯޓްތަކުގެ ކުލިން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ރިސޯޓްތައް ހުއްޓުމަކަށް އައި ނަމަވެސް ގިނަ ރިސޯޓްތަކުން ސަރުކާރަށް ވަނީ ބިމު ކުލި ދައްކައިފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮވިޑުގެ ހާލަތު ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އެއާއެކު ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ފަހު ހަ މަސްދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ބިމު ކުއްޔަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް ކަމަށެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގެ ބިމު ކުލި ލިބިފައިވާއިރު ދެވަނަ ކުއާޓަރުގެ ވެސް ބިމު ކުލި ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިމު ކުލި ދެއްކުން ފަސްކޮށްދިނުމުން މިއަހަރަށް އެ ވަސީލަތުން ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ ދަށްވާނެއެވެ. ނަމަވެސް އެ ކުއްޔަކީ އަންނަ އަހަރުގެ ތެރޭގައި ބަހާލައިގެން ދައްކަން ޖެހޭނެ އެއްޗެއް ކަމަށް ވިދާޅުވިއެވެ.

"(ބިމު ކުލީގެ ގޮތުގައި) 1.7 ބިލިއަން ރުފިޔާ އެޕްރޫވް ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 800 މިލިއަން ރުފިޔާ. އެއީ ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ނުލިބޭނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ އެކި ސިނާއަތްތަކަށް ލުއި ގޮތްތަކެއް ހަދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ވަކިވަކި ސިނާއަތްތަކަށް ބަހާލައިގެން މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށް ވިދާޅުވިއެވެ.