މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕެންޝަން ފަންޑުގެ އިންވެސްޓްމެންޓްތަކަށް މިދިޔަ ނުވަ އަހަރު ތެރޭ ތިން ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް

މަރިޔަމް ޝަހުދާ

ޕެންޝަން ފަންޑުގެ އިންވެސްޓްމެންޓްތަކަށް މިދިޔަ ނުވަ އަހަރު ތެރޭ ތިން ބިލިއަނަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތުމަތު ސުޖާތާ ވިދާޅުވީ ރާއްޖޭގައި ޕެންޝަން ފަންޑު އުފެދުނުތާ އަދި ވީ 10 އަހަރު ކަމަށެވެ. އަދި މިފަދަ ފަންޑެއް ހިންގުމަށް މި މުއްދަތަކީ ކުރު މުއްދަތެއްކަން ސުޖާތާ ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން މި ފަންޑުން އިންވެސްޓު ކުރެވެން އޮތީ ގާނޫނުގެ ތެރެއިން ބަލައިގެން ވަކި އިންވެސްޓުމަންޓުތަކެއްގައި ކަމަށް ސުޖާތާ ވިދާޅުވިއެވެ. އަދި މިފަދައިން ފައިސާ އިންވެސްޓު ކުރަނީ ފަންޑުން ފައިސާ ދޫކުރަންޖެހޭ މީހުންނަށް ދޭނެ ފައިސާ ބެހެއްޓުމަށްފަހު ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ޕްރެސެންޓޭޝަންގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ފަންޑުން އިކުއިޓީ ނުވަތަ ހިއްސާގެ ބާޒާރަށް އިންވެސްޓު ކުރާ ކަމަށާއި ފާއިތުވި 10 އަހަރު ތެރޭ ޕެންޝަން ފަންޑުތަކުގެ އިންވެސްޓްމަންޓުތަކުން 3.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ މިފަދަ ފަންޑަކުން ލިބޭ ފައިދާގެ އިންޓްރެސްޓް ރޭޓު ކުޑަވެގެން %5 ގައި ހިފަހައްޓާލެވޭ ކަމަށެވެ. އަދި މިއަށް ވުރެ ރަނގަޅު ފައިދާވެސް ލިބިފައި ހުރިކަން ސުޖާތާ ފާހަގަކުރެއްވިއެވެ.

ޕެންޝަނަށް އިންވެސްޓު ކުރާ ފައިސާއަކީ ލޯންގް ޓާމް އިންވެސްޓްމެންޓެއްކަން ސުޖާތާ ފާހަގަކުރެއްވިއެވެ. އަދި މި ފައިސާ ނެގުމަކީ އެހާ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ވެސް ސުޖާތާ ވިދާޅުވިއެވެ.