އިބްރާހީމް އަމީރު

ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރުކުރި 69 މީހަކަށް 290،000 އަށްވުރެ ގިނަ ރުފިޔާ ދީފި

ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރުކުރި 69 މީހަކަށް 290،000 އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސެއް ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ވާހަކަ ކުރީގެ ޕްރެސްތަކުގައި ފާހަގަ ކޮށްފައިވާނެ ކަމަށާއި އެގޮތުން މިހާރު އިންކަމް ސަޕޯޓް އެލަވަންސެއް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ އެލަވަންސް ލިބޭ އުސޫލުތައް ގެޒެޓް ކޮށްފައި ވާނެ ކަމަށާއި މިހާރު އެންސްޕާ މެދުވެރިކޮށް އެމަސައްކަތް ފަށާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 69 ފަރާތަކަށް މި ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދެވިފަ. އެއީ ގާތްގަނޑަކަށް 290،131 ރުފިޔާ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރޭގައި ޔުޓިލިޓީޒް ތަކުން ދިން ޑިސްކައުންޓުތައްވެސް ހިމެނޭ ކަމަށާއި އެގޮތުން ފެން ބިލަށް ދީފައިވާ ޖުމްލަ ހަރަދަކީ ގާތްގަނޑަކަށް 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ކަމަށެވެ. އެހެންކަމުން ކޮންމެ ބިލަކުން 235 ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރަންޓް ބިލްތަކުން ގާތްގަޑަކަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ.