ޚަބަރު

ބަންގްލަދޭޝްގެ އިތުރު 350 މީހަކު މިއަދު ފުރުވާލައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 350 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާލާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. މޯލްޑިވިއަން އިން ބުނީ މިއަދު ދެފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށާއި ފުރަތަމަ ފްލައިޓްގައި 198 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އަދި ދެވަނަ ފްލައިޓުގައި 152 މީހަކު ފުރާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ މި މީހުން ފޮނުވައިލީ ކޮވިޑް 19 އާ ގުޅިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި އަދިވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ.

މި 350 މީހުން ފުރުވައިލުމުން، ރާއްޖޭން ބަންގްލަދޭޝަށް ފޮނުވައިލެވުނު މީހުންގެ އަދަދު މި ވަނީ 1190 އަށް އަރައިފަ އެވެ. މޯލްޑިވިއަން އިން އިއްޔެވެސް ވަނީ ދެ ފްލައިޓެއް ބަނގްލަދޭޝަށް ބާއްވައިފައެވެ. އިއްޔެ 352 މީހަކު ފުރުވާލާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ކޮވިޑް 19 ފެތުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ހާލުގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާއި ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ނަމަ، ވަގުތީ ފެސިލިޓީތަކަށް ގެންދިއުން ހިމެނެއެވެ.