ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޓޭބަލް ޓެނިސް(ޓީޓީ) ގައުމީ ޓީމުގެ ފަރިތަކުރުންތަކާއި ކުރިޔަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓީޓީގެ އެކްސްކޯއާއި ޓީޓީ ގައުމީޓީމާ އެކު ބޭއްވި ޓެލެކޮންފަރެންސްގައި މިހާރުގެ ހާލަތާއި އަދި ކުރިޔަށް އޮތްތާނގައި ކަންކަން ކުރަން ޖެހޭ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ ނިއުނޯމަލްގައި ރާއްޖެ ހުޅުވާލާއިރު ކުރިވަޅު ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކާ އެކުވެސް ޓެލެ ކޮންފަރެންސް މެދުވެރިކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން ފަރިތަކުރުންތައް ކުރިޔަށް ނުދާ ދުވަސްތަކުގައި ކުޅުންތެރިންގެ މުސާރަ އާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ކޮވިޑް 19 އާ ގުޅިގެން ގައުމީ ޓީމްތަކުގެ ފަރިތަކުރުންތަކާއި އެހެނިހެން ކުޅިވަރު މުބާރާތްތައް މެދުކަނޑާލާފައިވާތާ ދެމަހެއްހައި ދުވަސް ވަނީ ވެފައެވެ.