ރިޕޯޓް

ލޮކްޑައުންއާއެކު މިފަހަރުގެ އީދު އުފާ ގޭތެރޭގައި

މަރިޔަމް ޝަހުދާ

ތަފާތު ރަމަޟާން މަހަކަށްފަހު ކުރިއަށް މިއޮތީ ތަފާތު އީދެކެވެ. މީގެ ކުރިއާ މުޅިން ތަފާތެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނެތެވެ. ނަމާދަށް ފަހު އީދު ސަލާމް ކުރުމަށް ގޭގެއަށް ދިއުމެއް ނެތެވެ. އާއިލާގެ އެންމެން އެއްތަންވެ، ހެދުނުގެ އީދު ސަޔަށް ހެދިކާ ތައްޔާރު ކުރުމާއި، މެންދުރު ކެއުން ތައްޔާރު ކުރުމެއް ނެތެވެ. ކޮންމެ އަހަރަކު ފޯރިއާއެކު ތައްޔާރުވަމުން އައި އީދު ކުޅިވަރުތަކާއި ފެން ޖެހުންވެސް މިވަނީ ކުރީގެ ހަނދާނަކަށް ވެފައެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް މިވަނީ ލޮކްޑައުންގެ ހާލަތެއްގައެވެ. ރާއްޖޭގައި ބައެއް ރަށްރަށުގައި އިއްޔެ ޖަމާއަތުގައި ނަމާދު ކުރަން ފަށާފައިވާއިރު، އީދު ނަމާދު ކުރުމުގެ ނަސީބު އެރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ އެވެ. ނަމަވެސް ރާއްޖޭގައިވެސް އެތައް ރަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ނަސީބު ނުލިބޭ ބަޔަކު އެބަތިއްބެވެ.

މާލޭގައި އެކި ގޭގޭގައި މީހުން ލޮކްޑައުންގައި ތިބި އިރު، ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންވެސް ތިބީ އާއިލާ އާއި ދުރުގައެވެ. އެތައް ބަޔަކު މިހާރުވެސް އާއިލާއާއި ދުރުގައި ކަރަންޓީނުގައި އެކި ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކަން މިހެން ހުރިނަމަވެސް، ތަފާތު ގޮތަކަށް ނަމަވެސް މި އީދު ފާހަގަ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އާންމު އުސޫލުން ބޭރަށް ނިކުތުމުގެ ހުއްދަ ނެތް ނަމަވެސް ގޭގައި ތިބި މީހުން އެކީގައި އީދު ދުވަސް ފާހަގަ ކުރުމުކީ ކުރެވޭނެ ކަމެކެވެ.

ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނަލަހެދިގެން ދާ އުސޫލުން، ގޭތެރޭގައިވެސް އެންމެން އެކީ އީދު ނަމާދު ކުރެވިދާނެ އެވެ. އީދު ނަމާދަށްފަހު އީދު ސަލާމް ކުރުމަށް ގޭގެޔަށް ދާން ފުރުސަތު ނެތް ނަމަވެސް އާއިލާ އަދި ރަށްޓެހީންނަށް ފޯނުން ގުޅައިލެވިދާނެ އެވެ. އިންޓަނެޓުގެ މި ޒަމާނުގައި ސޯޝަލް މީޑިއާތަކުގެ ޒަރިއްޔާއިން ވީޑިއޯ ކޯލް ކޮށްގެން އީދުގެ ތަހުނިޔާ ކިޔުމަކީ ރަނގަޅު ގޮތެކެވެ.

އާންމުކޮށް އީދު ދުވަހު ދެން އެންމެ ފޯރި އޮންނާނީ އީދު ކުޅިވަރު ކުޅުމަށެވެ. މިކަންވެސް މިފަހަރު ތަފާތު ގޮތަކަށް ގޭތެރޭގައި ތިބެގެން ކުރެވޭނެ ގޮތަށް ރާވައިލުމަކީ ކޮށްލެވޭނެ ކަމެކެވެ. ހާއްސަކޮށް ގޭގައި ކުޑަކުދިން ތިބޭ ނަމަ އެކުދިން ޝައުގުވެރިވާނެ ފަދަ ކުޅިވަރުތަކެއް އިންތިޒާމު ކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ކޮންމެ ގޮތެއްވިޔަސް މިއަހަރުގެ އީދު ވާނީ މީގެ ކުރީގެ އީދުތަކާއި މުޅިން ތަފާތު އީދަކަށެވެ.