ޚަބަރު

ޔާމީންގެ ދައުވާގެ ކުރިން ހުށަހެޅި ހިޔާނާތުގެ 30 މައްސަލަ ލަސްވާ ސަބަބު ރައީސް ނަޝީދު ބަލަންޖެހޭ: ހައިލަމް

އިބްރާހިމް ޒަކީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތު ވެ، 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް، 5 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ސިޔާސީ މީހުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް މަސައްކަތް ކުރާ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.

މެންބަރު އިމްތިޔާޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ މީހުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ ބޮޑަށް އެމައްސަލަ ބަލަން އިތުރު އެހެން ބޭފުޅަކު މަސައްކަތް ކުރައްވާ މަންޒަރު ނުފެންނަ ކަމަށާއި އެކަމަށް ބޭނުންވި ކޮންމެ ގާނޫނެއް ވެސް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

ހައިލަމް ވިދާޅުވީ މިމައްސަލަތަކުން ދައުލަތަށް 600 މިލިއަން ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ ރުފިޔާ ނުވަތަ ޑޮލަރުކަމެއް ހައިލަމް ވިދާޅުވެފައެއް ނުވެއެވެ.

ހައިލަމް ގެ ޓުވީޓުގައި ވަނީ "މިމައްސަލަތައް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ؟،" ސުވާލު ކުރައްވައިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ހުންނެވިއިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވީ ސީދާ ހައިލަމް އެވެ.

ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމް ކުރަން އޮތް ދުވަހު، ހުކުމް އިއްވަން މަދު ގަޑިތަކަކަށް ވެފައި ވަނިކޮށް މިދިޔ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރިއެވެ. އެކަމާ ގުޅިގެން ރައީސް ޔާމީނަށް ހުކުމްކުރަން އޮތް ޝަރީއަތް ވެސް ކެންސަލް ކުރިއެވެ.

ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ މައްސަލަ ހޫނުވެ، އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމަށް ފަހުގަ އެވެ.

އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީންވެސް އެގޮތަށް ނިންމުމުން، ޑިސެމްބަރު މަހުގެ ތިނެއްގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވިއެވެ.

ޖޭއެސްސީން ހައިލަމް ސަސްޕެންޑް ކުރި ދުވަހު، އެ ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދު ހުސައިންއާ ހަވާލުކުރިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ހުކުމް ކުރެއްވީ ގާޒީ އަލީ ރަޝީދު ހުސައިންއެވެ.