ހުސެއިން ޝަމީމް

ޖިނާއީ އިޖުރާތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ ޝަރުއީ މަރުހަލާ އެތައް ގުނައެއް އަވަސް ވާނެ: ޕީޖީ

އަލީ ޔާމިން

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިޔަށް ގެންދެވޭ ގޮތް ހެދުމަށް، ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް ފާސްވެއްޖެ ނަމަ ޝަރުއީ މަރުހަލާ އަވަސްވެ، ވަގުތާއި ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކިއެކި މައްސަލަތާއި ގުޅިގެން މިދިޔަ އަހަރު 910 ދަތުރެއް ޕްރޮސެކިއުޓަރުން އަތޮޅުތެރެއަށް ކޮށްފައިވާ ކަމަށާއި، އެދަތުރުތަކުގެ ހަރަދުގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖުރާތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ، ޝަރުއީ މަރުހަލާ އެތައް ގުނައެއް އަވަސްވެ، ދަތުރުތަކަށް ކުރާ ހޭދައާއި ވަގުތުގެ 20 އިންސައްތަ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވަނީ ހުރިހާ ޝަރީއަތްތަކެއް ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކުދިކުދި މައްސަލަތަކަށް ބޮޑެތި ހަރަދުތައް ކޮށްގެން ރަށްރަށަށް ދަތުރު ކުރުމުގެ ބަދަލުގައި ފަސޭހައިން، ހަރަދު ކުޑަކޮށް އެފަދަ މައްސަލަތައް ނިންމޭނެ ގޮތް ހެދުމަށް އެފަދަ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކަމުގައި ޝަމީމް ވިދާޅުވިއެވެ.

"މިސާލަކަށް ޒިނޭގެ މައްސަލައަކަށް އޭނާ އިއުތިރާފުވޭ، އެހެންނަމަވެސް ރ. މާކުރަތުގަ އޮންނަ ޒިނޭގެ މައްސަލައަކަށް ޕްރޮސެކިއުޓާއެއް އެބަ ދާންޖެހޭ، ގޮއްސަ އެ ސާބިތުވާކަށް ނިންމައިފަ އަންނަން. މިކަން މިގޮތަށް ކުރުމުން ބޮޑު ހޭދައެއް އެބަދޭ. އަދި ވަގުތުވެސް އެބަ ނަގާ. އެހެންކަމުން މިފަދަ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރުކޮށް ކުރިއަށް ގެންދެވޭނެ" ޝަމީމު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމް ގާއިމް ކުރަން ޖެހޭނީ ދައުވާ ލިބޭ މީހުންގެ ހައްގު ނުގެއްލޭ ގޮތަށްކަަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިޔަށް ގެންދެވޭ ގޮތް ހެދުމަށް، ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ލޮކްޑައުންއާ ގުޅިގެން ސްޕްރީމް ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭނެ ސާކިއުލާއެއް އެކުލަވާލައިފައެވެ.

އެހެން އަހަރުގެ ރަމަޟާން މަހާއި ހިލާފަށް މިއަހަރުގެ ރަމަޟާން މަހު ޕީޖީ އޮފީހަށް ހުށަހެޅުނު މައްސަލަތައް މަދެވެ. އެކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު ހުށަހެޅުނު މައްސަލަތައް މަދުވުމުން، ޕީޖީ އޮފީހުން ވަނީ 100 ޕްރޮސެކިއުޓަރުންނަށް އެކި ކްލާސްތަކަށް ބަހާލައިގެން ޖުމްލަ 40 ގަޑިއިރު ކިޔަވާދީފައިކަމަށެވެ. އެގޮތުން އެ ކްލާސްތަކުގައި ޕްރޮސެކިއުޓަރުންނަށް ވާނީ ޓެރަރިޒަމްއާއި، ޕީނަލް ކޯޑާއި، ޕްރޮސެކިއުޓާ ކްރައިމްގެ އިތުރުން މަނީ ލޯންޑަރިން ފަދަ މައްސަލަތަކުގެ މައުލޫމާތު ދީފައި ކަމަށް ވިދާޅުވިއެވެ.