ދުނިޔެ

އޮކްސްފޯޑު ޔުނިވާސިޓީން އުފެއްދި ވެކްސިން 10،000 އަށްވުރެ ގިނަ މީހުންނަށް ދީގެން ތަހުލީލުކުރަނީ

އަލީ ޔާމިން

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާ ޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް 19ގެ ވެކްސިން ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 10260 މީހުންނަށް ދީގެން ތަހުލީލުކުރަން ނިންމައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި ކުޑަކުދިންނާއި، ބޮޑެތި މީހުން ހިމެނޭހެން އެކި އުމުރުފުރާގެ މީހުންނަށް މި ވެކްސިން ދިނުމުން އެމީހުންގެ ދީފާއީ ނިޒާމަށް ވެކްސިނުން ކުރާނެ އަސަރާއި މި ވެކްސިންގެ ރައްކާތެރިކަން އެނގިގެން ދާނެއެވެ.

އިންސާނުން ގަޔަށް ޖަހައިގެން މި ވެކްސިން ތަހުލީލުކުރުމުގެ ފުރަތަމަ ފިޔަވަހީގައި 18 އަހަރާއި 55 އަހަރާ ދެމެދުގެ 1000 މީހުންނަށް ވަނީ މި ވެކްސިން ދީފައިވެއެވެ.

އޮކްސްފޯޑުން ބުނީ މި ވެކްސިން ތަހުލީލުކުރުމަށް އިންސާނުން ބޭނުންކޮށްގެން ކުރެވޭ ޓެސްޓުތަކުގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގައި 55 އަހަރުން މަތީގެ މީހުންނާއި، ފަސް އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިން ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން އޮކްސްފޯޑުން ބުނީ، މި ވެކްސިން އިންސާނުންނަށް ދީގެން ތަހުލީލުކުރުމުގެ މަރުހަލާއަށް ދެމަހާއި ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އެ ވެކްސިނަކީ ކޮވިޑަށް ފަރުވާކުރެވިދާނެ ވެކްސިނެއްކަން ކަނޑައަޅާނީ އޭގެ ފަހުގައި ކަމަށެވެ.

ކޮވިޑަށް ފަރުވާކުރުމަށް ތައްޔާރުކުރާ އަށް ވެކްސިނެއް އަޖުމަ ބެލުމަށް އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ޗައިނާ އާއި، އިޓަލީން އުފައްދަން މަސައްކަތް ކުރާ ވެކްސިންވެސް ހިމެނެއެވެ.