ޚަބަރު

ރާއްޖެ ނާދެވި އިނގިރޭސިވިލާތުގައި ތާށިވެފައި ތިބި ދިވެހިންނަށް ވިސާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅިގެން އިނގިރޭސިވިލާތުގައި ދަތުރުފަތުރުކުރުމަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިންނަށް ވިސާގެ މުއްދަތު އެގައުމުން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ ބުނެފިއެވެ.

އިނގެރޭސިވިލާތުން މީގެ ކުރިންވެސް ވަނީ އެގައުމުގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު އިތުރުކޮށްދީފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ވިސާގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ ވިސާގެ މުއްދަތުވެސް ވަނީ އަންނަ މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްދީފައި ކަމަށެވެ.

އިނގިރޭސިވިލާތުގައިވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބައެއް ދިވެހިން މިހާރު ވަނީ ރާއްޖެ ގެގެނެސްފައެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ އެއް ގައުމެވެ.