ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ޖާބިރު ގަރާރެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރުގައި ޖާބިރު ވިދާޅުވީ ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް މި ބަލިމަޑުކަން އައިސް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގުތިސާދު ހީނަރުވެ، ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ރައީސް ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ރައީސް ޔާމީނުގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާކުރެއްވުމަކީ މިވަގުތު ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ހާއްސަކޮށް ޗައިނާ އާއި ސައުދީ އަރައްބިއްޔާއާ ވަރަށް ގާތް ގުޅުމެއް ރައީސް ޔާމީނުގެ ސަރުކާރުގައި އޮތަތީ އެ ދެ ގައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ރާއްޖެ މިހާލަތުން އަރައިގަތުމަށް ހޯއްދަވައިދެއްވޭނެކަން ޔަގީންކުރާ ކަމަށާއި މުޅި ދިވެހި ރައްޔިތުން އެއް ގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި، ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގުސަދުގައި ރައީސް ޔާމީން މިނިވަންކުރުމަށާއި އެމަނިކުފާނާ ރައީސް ސޯލިހު ބައްދަލުކުރައްވައި ހޯއްދެވެމުން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލައި، ގަރާރު ހުށަހަޅާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިސްތިއުނާފީ އަޑުއެހުންތައް ފަށައިފައެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އޭގެ ތެރެއިން ބައެއް އަޑުއެހުންތައް ވަނީ ފަސްކުރެވިފައެވެ.