ޚަބަރު

ނަޝީދުގެ ކަރުދާހަކާއެކު ކޮވިޑް ޓެކްސްއަށް 8 ޑޮލަރު ނަގަން ސޭފް ޓޫރިޒަމް ގައިޑްލައިނުގައި ހިމަނަަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކަރުދާހަކާއެކު ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 8 ޑޮލަރު ނެގުމަށް "ސޭފް ޓޫރިޒަމް ގައިޑްލައިނުގައި" ހިމަނަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ފޮނުއްވި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލި ކޮޕީއަށް އެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި އެކަމާ ގުޅޭ ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.

އެއް ހުށަހެޅުމަކީ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"އާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނިންމާ އެންމެ ފަހުގެ ނިންމުމުގައި ކޮވިޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް 8 ޑޮލަރު ނެގުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމެވެ. އެ ހުށަހެޅުމުގައި، "ފްރޭމްވޯކް ފޯ މޯލްޑިވްސް ޓޫރިޒަމް ރިކަވަރީ، ޑިއުރިން ދި ޕެންޑަމިކް" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކަރުދާހަކާއި، އެކަމާ ބެހޭގޮތުުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހަޅުއްވާފައިވާ ހިޔާލުފުޅެއް ވެސް ހިމަނާފައިވެއެވެ.

ދެވަަނަ ހުށަހެޅުމަކީ، އެކަމާ ބެހޭގޮތުން ސްްޓޭކް ހޯލްޑަރުންނާ މަޝްވަރާކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީން ފައިނަލް ރިޕޯޓެއް މަޖިލީހަށް ފޮނުވައިދިނުމަށް ދެންނެވުމަށް، ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.

އެ މެންބަރު މިގޮތަށް ހުށަހެޅުއްވީ، މިހާރު ކޮމިޓީގައި އޮތް ގައިޑްލައިނަކީ މީގެ ކުރީގެ ހާލަތަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ގައިޑްލައިނެއް ކަމަށްވުމުން އޭގައިވާ ކަންތައްތައް ބަދަލުކޮށް، އެކަމާބެހޭ ފައިނަލް ޑްރާފްޓްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި އަންގާރަ ދުވަހަށް އެ މަސައްކަތް ނިމި ފައިނަލް ޑްރާފްޓް ނިމޭނެ ކަމަށް ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާތީއެވެ.

މިއަދުގެ ބައްދަލުވުމުގައި ފުރަތަަމަ ވޯޓަށް އެހީ ބޮންޑޭގެ ހުށަހެޅުމަށެވެ. އެ ހުށަހަޅުން ފާސްވުމުން، މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަކަށް ނާހައެވެ.

ކޮމިޓީގެ މުގައްރިރު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ، ކޮމިޓީން ފާސްކުރި ފާސްކުރުން ފޮނުވާނީ މަޖިލީހުގެ ރައީސަށް ކަމަށެވެ.

"ދެން ސްޕީކަރު އެ ފޮނުވަން ޖެހޭ ފަރާތަކަށް ފޮނުވާނީ،" ކޮމިީގެ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ ބަހުސްގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ބައެއް މެންބަރުން ވިދާޅުވީ، ކޮމިޓީއަށް ފޮނުވާފައިވާ ރިޕޯޓަކީ މިހާރު އޭގެ މުއާލާތް ކެނޑިފަިއވާ ރިޕޯޓެއް ކަމުން ކޮމިޓީގައި އެކަމާ މެދު ގޮތެއް ނިންމުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ކޮމިޓީން މަޝްވަރާކޮށް ގޮތްތަކެއް ނިންމަންޏާ ފައިނަލް ޑްރާފްޓް އެކުލަވާލުމަށް އެފަރާތްތަކާއެކު ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ފުށުއަރާނެ ކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމުގައި އެންމެ ރަނގަޅު ގޮތަކީ، ފައިނަލް ޑްރާފްޓް އައުމުން އެއަށް ކޮމެންޓެއްކޮށް ކޮމިޓީގެ ރިޕޯޓު ފާސްކުރަން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ އެކަމަކީ ވަކި ކަމެއް ކަމަށާއި ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަކީ، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްގެން ގޮތެއް ނިިންމުން ކަމަށެވެ. އެގޮތުން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް، މެންބަރުން ފޮނުވާލާ ހިޔާލެއް ހިމަނައިގެން ރިޕޯޓެއް އެކުލަވައިލުމަކީ، ޒިންމާދާރު ގޮތެއް ނޫންކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ، ކޮމިޓީއަށް ފޮނުވާފައިވާ މަސައްކަތެއްް ކޮމިޓީން ކުރާނަމަ، އެކަމެއް ކުރަންޖެހޭނީ ފޮނުވާފައިވާ އެއްޗަކަށް ކަމަށާއި އެހެންކަމުން މިކަމުގައި ކޮމިޓީގެ މަސައްކަތް ބައްޓަން ކުރަންޖެހޭނީ ޓޫރިޒަމުން ފޮނުވި ގައިޑްލައިނަށް ކަމަށެވެ. ނަމަވެސް ކޮމިޓީއަށް ފެނިގެން ކަމެއް ކުރާނަމަ ކޮމިޓީން ބޭނުންވާގޮތަކަށް އެކަމެއް ކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަައިގަިއ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮމިޓީގައި އޮތް "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލި ކޮޕީއަކީ މިހާރުގެ ހާލަތަށް ތައްޔާރު ކޮށްފައި އޮތް އެއްޗެއް ނޫން ކަމަށާއި އޭގައި ކަނޑަައަޅާފައިވާ ފީތައް މިހާރު އެކުލަވާލަމުން އަންނަ ފައިނަލް ޑްރާފްޓްގައި ހިމެނިފައިނުވާނެ ކަމަށެވެ.

އެ ޑްރާފްޓުގައި ހިމެނިފައިވާ ފީތައް ބޮޑުކަން ފާހަގަކުރައްވައި އެ ކަންބޮޑުވުމާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ކޮވިޑް 19 ގެ ހާލަތަކީ، އެ ޑްރާފްޓް ހެދިއިރު އޮތް ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން މިމަހު 26 އަށް މިހާރު ތައްޔާރުކުރަމުން އަންނަ ފައިނަލް ޑްރާފްޓުގައި އެ ފީތައް ހިމަނާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމިޓީއަށް ފޮނުވި ގައިޑްލައިނުގައި ވަނީ ރާއްޖެ އަންނަ ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު ނެގުމަށާއި، ސުޕަޔޮޓްތަކުން 10،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ. މީގެ އިތުރުން ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުން 100 ޑޮލަރު އަދި ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.