ކުއްލި ޚަބަރު

ކޮވިޑްގެ ކަންތައް ނިމިގެން ދާއިރު މިކަން ވެގެން ދާނީ އާންމު ރޯގާއަކަށް ކަމަށް ބެލެވޭ: ޑރ. އަފްޒަލް

އަލީ ޔާމިން

ކޮވިޑް 19ގެ ކަންތައް ނިމިގެން ދާއިރު މިކަން ވެގެން ދާނީ އާންމު ރޯގާއަކަށް ކަމަށް ބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މީގެ ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި ކޮވިޑު ޖެހިފައިވާ މީހެއްގެ ގައިން އެވްރެޖުކޮށް ތިން މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވިފައިވީ ނަމަވެސް މިހާރުގެ ޕްރޮޖެކްޝަންތައް ފަހަރުގައި އެއާ ތަފާތުވުން އެކަށީގެންވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އާރް ނޯޓު ނުވަތަ އެކަކުގެ ގައިން އަނެކަކަށް ބަލި ޖެހޭ މިންވަރު އެކަކަށް ވުރެ ދަށުން އަންނަނީނަމަ އެ ބައްޔެއް ފެތުރިގެން ދިއުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ގައުމެއްގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ އޭގެފަހުން އެއަށް ކިޔާނީ "އެންޑެމިކް" ބައްޔެއް ކަމަށާއި އެފަދަ ގޮތަކަށް ހުންނަ ބަލިތަކުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ ކަމަށެވެ. އަދި އެންޑެމިކްކޮށް ހުންނަ ބަލިތައް ނިމިގެންދާ އިރު، ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވި، އެއްވަރެއްގައި ހިފެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އެންޑެމިކްކޮށް ހުންނަ ބަލިތައް ނިމިގެންދާއިރު، އެންމެ ބޮޑަށް ލަފާކުރެވެނީ ހަމަ އެންޑެމިކް ސްޓޭޖަކަށޭ ދާނީ. އެހެންކަމުން އެންޑެމިކް ސްޓޭޖުގައި ހުރި ބަލިތަކުގައި ކޮންމެވެސް ވަރެއްގެ ސްޕްރެޑެއް އިންނާނެ އިނގޭތޯ އަބަދުވެސް. އެހެންކަމުން، އޭގައި ޓްރޫ އާރް ނޯޓް ވަންއަށް ދިއުމަކީ ނާދިރު ކަމެއް. އެހެންނަމަވެސް ބޭސްލައިން ކޮންޓްރޯލް ލައިނަކަށް ދިއުމުގެ ފުރުސަތު އޮންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގެ ބޭސްލައިނަކީ ދުވާލަކަށް 30 ނުވަތަ 50 މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ ވަނީ 1274 އަށް އަރައިފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ.