ކުއްލި ޚަބަރު

ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ބަލި ހުންނާނެ އާންމު މިންގަނޑަކީ ދުވާލަކަށް 30 އާއި 50 އާ ދެމެދު

އަލީ ޔާމިން

ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ބަލި ހުންނާނެ އާންމު މިންގަނޑަކީ ދުވާލަކަށް 30 އާއި 50 އާ ދެމެދު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އެވްރެޖުކޮށް ކޮންމެ ދުވަހަކު 30 އާއި 50 މީހުންނަށް ބަލި ޖެހުމަކީ އަބާދީގެ ނިސްބަތުން ބަލާއިރު މަދު އަދަދެއް ކަމަށާއި، ނަމަވެސް އުންމީދަކީ އެއްވެސް ޕޮޒިޓިވް ކޭހެއް ނުވަތަ ފަސް ކޭހަށް ވުރެ ގިނައިން ނުފެނުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ގައުމެއްގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ އޭގެފަހުން އެއަށް ކިޔާނީ "އެންޑެމިކް" ބައްޔެއް ކަމަށާއި އެފަދަ ގޮތަކަށް ހުންނަ ބަލިތަކުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ ކަމަށެވެ. އެގޮތުން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަނަމަ، އެ ގައުމެއްގެ ބޭސްލައިނަކީ އެއީ ކަމަށް ބެލެވިދާނެ ކަމަށާއި އެގޮތުން، ރާއްޖޭގެ ބޭސްލައިނަކީ 30 އާއި 50އާ ދެމެދު ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 ދޭތެރޭގައި ކަމަށް. އެއީ މިފަދަ އެހެން ބަލިތަކަށް ބަލާއިރުވެސް ބޭސްލައިން އުޅެނީ އެހާވަރަށް." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު ދަށްވި ނަމަވެސް، ބަލީގެ ބޭސްލައިނެއް ކަނޑައަޅަން އަދި އަވަސް ކަމަށެވެ.

ރާއްޖެއިން މިއަދު އެކަނިވެސް 58 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1274 އަށް އަރައިފައެވެ.