ޚަބަރު

މަޝްވަރާތަކަށް ބަލާއިރު ލޮކްޑައުނުން ވީއްލާ ފުރަތަމަ ފޭހުގައި ރަށްރަށަށް ދާން ހުއްދައެއް ނުދޭނެ: މަބްރޫކް

މިހާރު މަޝްވަރާ ކުރެވެމުން އަންނަ ގޮތަށް ބަލާއިރު، ލޮކްޑައުނުން ވީއްލާ ފުރަތަމަ ފޭހުގައިަ ރަށްރަށަށް ދާން ހުއްދައެއް ނުދޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މިމަހުގެ 28ގެ ނިޔަލަށް މާލެ ސަރަޙައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ވެސް ވިދާޅުވިއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ލޮކްޑައުން ވީއްލާ ފުރަތަމަ ފޭހުގައި ލުއިދޭނެ ކަންތައްތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ދެކެވިފައިހުރި ވާހަކަތަކަށް ބަލާއިރު ފޭސް އެކެއްގައި އެއްރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ދެކެވިފައިހުރި ވާހަކަތަކަށް ބަލާއިރު ފޭސް އެކެއްގައެއް ހުޅުވާލެވިގެން އެ ފުރުސަތެއް ނޯންނާނެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި. އެހެންނަމަވެސް މިހާރު މި ދަތުރުކުރާ ގޮތަށް މުދަލާ ތަކެތި ގެންދެވޭނެ އަދި ރަށްރަށަށް މާލެއިން ދަތުރުކުރައްވާ ބޭފުޅުން ދަތުރުކުރައްވާނީ ޓްރާންސިޓް ފެސިލިޓީތަކަށް ވަޑައިގަތުމަށްފަހުގައި،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޮކްޑައުން ވީއްލާ ފުރަތަމަ ފޭސް ފަށާނެ ތާރީހެއް އަދި ނިންމާފައިނުވާ ކަމަށެވެ. އެކަންތައް ނިންމާނީ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އަދަދާއި އަދި ޕޮޒިޓިވްވާ އަދަދަށް ބަދަލެއް އާދޭތޯ ބެލުމަށްފަހު ޑޮކްޓަރުންގެ ޓީމުން ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.