ކުއްލި ޚަބަރު

އޭޑީކޭ މެދުވެރިކޮށް ސަރުކާރުން ކޮވިޑަށް ކުރާ ޓެސްޓުތަކަށް އާސަންދައިން ފައިސާ ދައްކާނެ: މަބްރޫކް

އޭޑީކޭ މެދުވެރިކޮށް ސަރުކާރުން ކޮވިޑަށް ކުރާ ޓެސްޓުތަކަށް އާސަންދައިން ފައިސާ ދައްކާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އޭޑީކޭގައި ބަހައްޓާފައިވާ ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ސާމްޕަލްތައް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނީ އާރުއާރުޓީ ޓީމުން ކަމަށް ވިދާޅުވިއެވެ.

"އަންނަ އާދީއްތަ ދުވަހުން ފަށައިގެން އެބޭފުޅުން ސާމްޕަލްތައް ނަގަން ފަށާނީ. އާސަންދަ ތެރެއިން ލާފައި މިކަން ކުރެވޭގޮތަށް، ސަރުކާރުން ހަރަދުތަކެއްގައި ހިފައިގެން އެކަން ކުރާގޮތަށް. ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިއަށްއޮތްތަނުގައި ވެސް ކުރާނީ އާރްއާރްޓީ ޓީމުން،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނެއް އިންސްޓޯލުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ދުވާލެއްގެ މައްޗަށް ކޮވިޑުގެ 500 އަށްވުރެ ގިނަ ޓެސްޓު ހެދޭ މެޝިނެކެވެ.

މަބްރޫކު މީގެ ކުރިން ވިދާޅުވީ، އައިޖީއެމްއެޗްގެ އާ އެކްސްޓްރެކްޝަން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ދުވާލަކު 600 ޓެސްޓު ހެދޭނެ ކަމަށެވެ. އަދި އިތުރު ދެ ޕީސީއާރް މެޝިނެއް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ، ރާއްޖޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއްދޭއިރު ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަކުރެވޭނެކަމަށް ވިދާޅުވެފައެވެ.