ކުއްލި ޚަބަރު

ގެންގުޅޭ މޯބައިލް ފޯނު މިދުވަސްކޮޅު ކުޑަކުދީން އަތަށް ދިނުން ރައްކާތެރިއެއް ނޫން: ޑރ. އަފްޒަލް

ގެންގުޅޭ މޯބައިލް ފޯނު މިދުވަސްކޮޅު ކުޑަކުދީން އަތަށް ދިނުން ރައްކާތެރިއެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރަންވީ ކަންކަން ފާހަގަކުރައްވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިދުވަސްކޮޅު ތިމާ ގެންގުޅޭ މޯބައިލް ފޯނު އެހެން މީހުންނާ ހިއްސާ ނުކުރުން މުހިންމު ކަމަށެވެ.

"މޯބައިލް ފޯނަކީ ތިބޭފުޅުންގެ އަމިއްލަ މިލްކެއްގެ ގޮތުގައި މިދުވަސްކޮޅު ގެންގުޅޭނީ. އެއީ އެއްވެސް ވަރަކަށް ޝެއާކުރާ އެއްޗެއްގެ ގޮތުގައެއް ނޫން. ހާއްސަކޮށް ގޮތެއްގައި ކުޑަކުދިންނަށް މިދުވަސްކޮޅު މޯބައިލްފޯނު ފަދަ އެއްޗެހި ދިނުމަކީ ރަނގަޅު ކަމެއް ނޫން. މޯބައިލް ފޯނު ވެސް ސާފުކުރުމުގައި ހޭންޑް ސެނިޓައިޒާއިން ވައިޕްކޮށްލެވޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިއު ނޯމަލްއަކަށް ދާއިރު ވިޔަފާރިކުރަން ވެސް ވަކި މީހަކު ހަމަޖައްސައި، އޭނާ ލައްވާ ވިޔަފާރިކުރުންފަދަ ކަންކަން ކުރުން މުހިންމު ކަމަށާއި އަދި ވިޔަފާރިކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ދަޅާއި ފުޅިފަދަ ތަކެތި ބުލީޗް ފެނުން ދޮވެލުން ރަނގަޅު ކަމަށެވެ. ތަރުކާރީ އެއްޗެހި ދޮންނާނީ ރީތި ފެނުންނެވެ.

އޭގެ އިތުރުން ލޮކްޑައުން އުވާލި ނަމަވެސް ގޭގެއަށް ޒިޔާރަތްކުރުން މަދުކުރަންޖެހޭނެ ކަމަށާއި އަދި ގެއަކަށް މީހަކު ދިޔަނަމަވެސް އެގެއްގައި އުޅޭ ހައި ރިސްކު މީހުންނާ ބައްދަލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ހައި ރިސްކު ގުރޫޕްގައި ހިމެނޭ އުމުރުން ފަސް އަހަރުގެ ކުދިންނާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ބައްޔެއް ހުރި މީހުން ނުވަތަ މާބަނޑު މީހުންނާ ކައިރިވާނަމަ، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، ރަނގަޅަށް ފެންވަރުން މުހިންމު ކަމަށެވެ.