ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭން އަލާމާތް ހުންނަ މީހުންގެ އިންސައްތަ 65 އަށް

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭން އަލާމާތް ހުންނަ މީހުންގެ އިންސައްތަ 65 އަށް އަރައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ހިއްސާކުރެއްވި ސްލައިޑުތަކަށް ބަލާއިރު މިރޭގެ 8:30 ހަމައަށް އެންޓާ ކުރެވުނު ކޭސްތަކުގެ 65 ޕަސެންޓަކީ އަލާމާތްތައް ހުރި ކޭސްތަކެވެ. އަދި ބާކީ 35 ޕަސެންޓަކީ އަލާމާތްތައް ނެތް ނުވަތަ އޭސިމްޓޮމެޓިކް ކޭސްތަކެވެ.

ޑރ. އަފްޒަލް ވިދާޅުވީ، އަލާމާތްތައް ހުންނަ މީހުން ފެންނަ މައިގަނޑު ސަބަބަކީ ސާމްޕަލް ނަގައި ޓެސްޓުކުރުމުގައި އިސްކަން ދެވެނީ އަލާމާތްތައް ފެންނަ ކޭސްތަކަށްވާތީ ކަމަށެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 1274 އަށް އަރައިފައެވެ. އޭގެ ތެރެއިން 661 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެއީ ޖުމްލަ އަދަދުގެ 51.88 ޕަސެންޓެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 452 އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ބަލި ޖެހިފައިވަނީ އިންޑިއާ މީހުންނަށެވެ. އެގައުމުގެ 119 މީހަކަށް މިއަދާ ހަމައަށް ބަލި ޖެހިފައިވެއެވެ. ދެން ހިމެނެނީ ނޭޕާލްގެ 16 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ އަށް މީހަކާއި ޕާކިސްތާނުގެ ތިން މީހެއް އަދި ނިސްބަތްވާ ވަކި ގައުމެއް ނޭނގޭ ހަތަރު މީހެކެވެ.