ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 109 އަށް

ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 109 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ 109 އަށް އަރާފައިވާ ކަމަށެވެ.

"ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މި ބައްޔަށް ބޭސްކުރެވެމުންދާ މީހުންގެ ތެރެއިން ޖުމުލަ މި ބައްޔަށް ޝިފާ ލިބިފައިވާ މީހުންގެ އަދަދަކީ 109. މިވަގުތު މި ބައްޔަށް ބޭސްކުރެވެމުންދާ 1148 މީހަކު އެބަތިބި،" އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެ ޖުމުލަ 15 މީހަކު ރަނގަޅުވެފައިވާ ކަމަށާއި އަދި ރޭ 12:00ގެ ފަހުން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

"އިއްޔެ ވަނީ 15 މީހުން ރިކަވާވެފައި. މިއަދު މިހާތަނަށް އިތުރަށް ތިން މީހަކު ރިކަވާވެފައިވޭ. ޖުމުލަ 109 މީހުންގެ ރިކަވަރީއެއް މިއުޅެނީ. ރިކަވަރީގެ ރޭޓަށް ބަލާ އިރު، ދިވެހިންގެ 62 މީހުން އަދި ބަންގުލަދޭޝްގެ 23 މީހުން. ދެން މިހުރީ ޓުއަރިސްޓް އެކި ގައުމުތަކުގެ މީހުން. މިފަހަކަށް އައިސް ރިކަވާވެފައިވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1274 އަށް އަރައިފައެވެ. އޭގެ ތެރެއިން ޖުމުލަ ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.