ޚަބަރު

އަމިއްލައަށް ހައްދާ ތަކެތިން ކައިބޮއެ އުޅެވެންޖެހޭކަން މިފަހަރުގެ ބޮޑު ރޯގާއިން ސާފުވެއްޖެ: ނަޝީދު

އަމިއްލައަށް ހައްދާ ތަކެތިން ކައިބޮއެ އުޅެވެންޖެހޭކަން މިފަހަރުގެ ބޮޑު ރޯގާއިން ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެނދިކުޅުދޫ ޒުވާނުންނާއި ކައުންސިލާ ގުޅިގެން ރަށުގައި 200 ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފާތީ އެކަމަށް އެރަށުގެ ރައްޔިތުންނަށް ސާބަސް ދެއްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯގާ ރަނގަޅުވި ނަމަވެސް، ރޯގާގެ ތަދު އަދި ކުރިއަށް އޮތް ކަމަށް ފެންނަ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ޓުވީޓް ރީޓުވީޓް ކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ކެނދިކުޅުދޫ ރައްޔިތުން ތިބީ ދާއިރާގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ހަރު ބޭފުޅުންގެ ނަސޭހަތް އަޑުއަހައި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ރަށު ފެންވަރުގައި ކުރެވެން އޮތް އެންމެހައި މަސައްކަތްތައްކޮށް، އެކަމުގައި ނަމޫނާ ރަށަކަށްވާން ތައްޔާރަށް ކަމަށެވެ.

ކެނދިކުޅުދޫގައި 200 ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން މިދިއްޔާއި ކުއްޅަވަށް ގަހާއި ރުއް ވެސް ދަނީ އިންދަމުންނެވެ.

ގިނަ ރަށްތަކެއްގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ފަށާފައިވާއިރު ކޮވިޑް 19 ފަދަ ހާލަތެއް ރާއްޖެއަށް އަތުވެއްޖެނަމަ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ވެސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުއްތަކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްތައް ކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށާއި ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑަން" ހެއްދުމަށް ގަވައިދުގައި ހިމެނުމާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމާއި، ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުން ހިމެނެއެވެ.