ޚަބަރު

ރައީސް ޔާމީން ޖަލުގައި ހުންނެވީ ނުހައްގުންކަން ސަރުކާރާއި އެމްޑީޕީން ވެސް ގަބޫލުކުރޭ: އިދިކޮޅު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންވެސް ގަބޫލުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަމަށް އެ ކޯލިޝަނުން ކެނޑިނޭޅި ބުނަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް ނުހައްގުންކުރަމުންދާ އަނިޔާތައް ހުއްޓާލައި ގެއަށް ބަދަލުކޮށްދިނުމަށްވެސް އެ ކޯލިޝަނުން ގޮވާލަމުން އަންނަ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއެކު، އެމަނިކުފާނު ޖަލުގައި އެހުންނަވަނީ އިންސާފުން ނޫން ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީީ އަދި ޒާތީ ދައުވާއެއްކަން ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި، ސަރުކާރު ހިންގާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފުވެވަޑައިގެންފައިވުމަކީ، އެ ކޯލިޝަނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއްކަމަށް ސަރުކާރު ހިންގާ ޕާޓީއާއި ސަރުކާރުންވެސް ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

"..އެހެންކަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުންގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލައި، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަންކުރުމަށް ގޮވާލަމެވެ..،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ލީޑަރުން ކުރެއްވި ޓުވީޓުތައް ރައީސް ނަޝީދު ވަނީ ރީޓުވީޓު ކުރައްވައިފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓަކާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓުވީޓުތައް ރައީސް ނަޝީދު ރިޓުވީޓު ކުރައްވާފައިވެއެވެ.

އެ ޓުވީޓުތަކުގެ ތެރޭގައި، ރައްޔިތުންގެ ހާލަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހު ތަހުނިޔާ އަރިސް ކުރާ ކަމަށާއި، ރައީސް ޔާމީނަށް އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށް ވިދާޅުވެ ސައީދު ކުރެއްވި ޓުވީޓު ނަޝީދު ރީޓުވީޓުކުރެއްވިއެވެ.

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ އިސްތިއުނާފީ އަޑުއެހުންތައް ފަށައިފައެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އޭގެ ތެރެއިން ބައެއް އަޑުއެހުންތައް ވަނީ ފަސްކުރެވިފައެވެ.