ޚަބަރު

މަސްދޯނިފަހަރުގައި ބިދޭސީން އުޅޭތީއާއި، ބަނދަރުތަކުގެ ގަވައިދު ފުރިހަމަނުކުރާތީ ނަހުލާ ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރާ މައްސަލަ އާއި، ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ހަދަންޖެހޭ ގަވައިދުތަކާއި އުސޫލުތައް ފުރިހަމަނުކުރާ ކަމަށްބުނެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

އެކަމަށް އެދިވަޑައިގެން ޖާބިރު، އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ރާއްޖޭގެ ރަށްރަަށަށް އަރައި ފޭބުމުގެ ދަތިކަން ނައްތާލުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަށްވެފައި، ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުން ކުރުމުގައި އެއްވެސް ހަމައެއް ލަމައެއްނެތްކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރުން މަނާކޮށްފައިވާ އިރު، އެއާ ހިލާފަށް ބިދޭސީން މަސްދޯނި ފަހަރުގައި މަސައްކަތްކުރާކަން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

ރަށްރަށަށް އަރައި ފޭބުމަށް ދަތިތައް ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ގަވައިދާއި އުސޫލުތައް ފުރިހަމަ ނުވުމުންކަން ޔަގީނުން އެނގޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ވީމާ މިކަންމިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާ އަދާނުކުރެވި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އޮތަތީ، އެކަމަނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން އަޅުގަނޑު ބޭނުންވާތީ އެކަން ހަމަޖައްސައި ދެއްވުން އެދި ދެންނެވީމެވެ.." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.