ޚަބަރު

ވެއްޓުނު ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި: ކަރާޗީ މޭޔަރު

ކަރާޗީގެ މައި އެއާޕޯޓް، ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނިކޮށް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ޕާކިސްތާން ގައުމީ އެއާލައިންގެ ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ކަރާޗީގެ މޭޔަރު ވިދާޅުވެއްޖެއެވެ.

ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުންދިޔަ އެއާބަސް އޭ320 މަރުކާގެ އެ ފްލައިޓު ވެއްޓުނުއިރު އޭގައި 99 ފަސިންޖަރުންނާއި އަށް ކުރޫ މެންބަރުން ތިއްބެވެ.

ކަރާޗީގެ މޭޔަރު ވަސީމް އަހްތަރާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައި ބުނެފައިވަނީ، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެ ފްލައިޓު ވެއްޓުނު ސަރަހައްދުގެ ފަސް ވަރަކަށް ގެ ހަލާކުވެފައިވާ ކަމަށެވެ. އަދި އޭގެން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޕާކިސްތާނުގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ފަހުން ބުނެފައިވަނީ، އެ ހާދިސާގައި ދެ މީހަކު ސަލާމަތްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ވެސް ވަނީ ފްލައިޓުގެ ކުރީ ބަރީގައި ތިބި ތިން މީހަކު ސަލާމަތްވެފައިވާ ކަމަށް ބުނެފައެވެ. އަދި ސްޓްރެޗަރަކަށް ލައިގެން ގެންދާ މީހެއްގެ ފޫޓޭޖެއް ވެސް ޓީވީތަކުން ދައްކާފައިވެއެވެ. ފަހުން އެނގިފައިވާ ގޮތުގައި އޭނާއަކީ ބޭންކް އޮފް ޕުންޖާބުގެ ވެރިޔާ، ޒަފަރު މަސްއޫދެވެ.

އެއާޕޯޓުގެ މަސްދަރަކާ ހަވާލާދީ ސީބީއެސް ނިއުސްގައި ބުނެފައިވާ ގޮތުން، ފްލައިޓުގެ އެއް އިންޖީނު ފެއިލްވެފައިވާކަން ކޮންޓްރޯލް ޓަވަރަށް ޕައިލެޓް އެންގިއެވެ. އަދި ފްލައިޓު ޖައްސަން އެއާޕޯޓުގެ ދެ ރަންވޭ ވެސް ކްލިއާ ކަމަށް ޓަވަރުން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެއަށްފަހު ކުރޫއިންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތީ ގުޅުން ކެނޑުނު ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.