ކުއްލި ޚަބަރު

ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް 100 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފްލައިޓެއް ވެއްޓިއްޖެ

މަރިޔަމް ޝަހުދާ

ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ މަތިންދާބޯޓެއް ކަރާޗީއަށް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، 99 ފަސިންޖަރުންނާއި އަށް ކުރޫ މެންބަރުންނާއެކު ލާހޫރުން ފުރައިގެން ދަތުރުކުރަމުންދިޔަ އެއާބަސް އޭ320 މަރުކާގެ އެ ފްލައިޓް ވެއްޓުނީ ކަރާޗީގެ މައި އެއާޕޯޓް، ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނިކޮށެވެ.

އެއާޕޯޓުގެ މަސްދަރަކާ ހަވާލާދީ ސީބީއެސް ނިއުސްގައި ބުނެފައިވާ ގޮތުން، ފްލައިޓުގެ އެއް އިންޖީނު ފެއިލްވެފައިވާކަން ކޮންޓްރޯލް ޓަވަރަށް ޕައިލެޓް އެންގިއެވެ. އަދި ފްލައިޓް ޖައްސަން އެއާޕޯޓްގެ ދެ ރަންވޭ ވެސް ކްލިއާ ކަމަށް ޓަވަރުން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެއަށްފަހު ކުރޫއިންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތީ ގުޅުން ކެނޑުނު ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ދާހިލީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އެ ހާދިސާގައި ބައެއް މީހުން ސަލާމަތްވެފައިވާ ކަމަށާއި ނަމަވެސް އަދަދެއް އަދި ކަށަވަރު ނުވާ ކަމަށެވެ.

ޕާކިސްތާނުގައި ފްލައިޓެއް ވެއްޓިފައި މިވަނީ ކޮރޯނާވައިރަސްއާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިތަކެއްދީ، އެތެރޭގެ އުދުހުންތައް އަލުން ފެށުމުގެ ހުއްދަ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، ހާދިސާގައި މަރުވި މީހުންނަށް ތައުޒިޔާ ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. އަދި އެ ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަންގަވައިފައެވެ.