ރީތިކޮށް ސާފު ތާހިރުކޮށް ތިބުމަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއް ނޫނެވެ. ފިރިހެނުންވެސް ރީތިކޮށް ތިބުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ހަމަ އެކަނި މޫނުދޮވެލާފަ މޮއިސްޗަރައިޒް ކުރުން އެކަންޏެއް ނޫނެވެ. ނަމަވެސް، އުޖާލާ ސާފު އަދި އޮމާން ހަންގަނޑެއް ބޭނުންވާ ނަމަ ފަސޭހައިން ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
1. ގަވައިދުން ކްލެންސިން ޓޯނިން އަދި މޮއިސްޗަރައިޒް ކުރުން
އަންހެން ބޭފުޅުންނާ އެއްގޮތަށް ކްލެންސިން ޓޯނިން އަދި މޮއިސްޗަރައިޒިން އަކީ ފިރިހެން ބޭފުޅުން ވެސް ކުރުން މުހިއްމު ކަމެކެވެ. ނުސާފު ވަޔާއި، ސިނގެރެޓާއި، ދުއްވާއެއްޗެހީގެ ދުމާ މިހެންގޮސް ހަންގަނޑު ހަލާކުވާ އެތައް ކަމެއް ކޮންމެ ދުވަހަކުވެސް ހަމަށް ފޯރައެވެ. މީގެ އިތުރުން ފިރިހެންބޭފުޅުންގެ ހަމަކީ އަންހެން ބޭފުޅުންނަށް ވުރެ ބޯ ހަމެކެވެ. އެހެން ކަމުން ރަނގަޅު ފޭޝަލް ވޮޝް އެއް އިހްތިޔާރު ކުރުން މުހިއްމެވެ.
ކްލެންސް ކުރުން ނުވަތަ މޫނު ދޮވުމުން ހަންގަނޑު ސެނިޓައިޒްކޮށް ހަމުގައި ހުންނަ މަރުވެފައިވާ ހަންތައް ނައްތާލަދެއެވެ. ހަމުގައި ހުންނަ ގުދުރަތީ ތެޔޮތައް ނައްތައިނުލާ ވަރުގެ މައިލްޑް ކްލެންސަރ އެއް ބޭނުން ކުރާށެވެ. ރޭގަނޑު ނިދުމުގެ ކުރިންވެސް މޫނު ސާފުކޮށް ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޓޯން ކުރުމުގެ ގޮތުން ޓޯނަރ އެއްގެ ބަދަލުގައި ރޯސް ވޯޓަރ ނުވަަތަ "ފިނިފެން" ބޭނުން ކުރެވިދާނެއެވެ. މޮއިސްޗަރައިޒް ކުރުމަކީ ހަންގަޑު އުޖާލާކޮށް، ހަމުގެ ޑްރައިކަން ކަނޑުވާލަދޭކަމެކެވެ. މޮއިސްޗަރައިޒް ކުރުމަށް ވީހާވެސް ކްރީމީ މޮއިސްޗަރައިޒަރއެއް އިހްތިޔާރު ކުރާށެވެ. އޭގެ މާނައަކީ ގްރީސީ މޮއިސްޗަރައިޒރ އެއް ހޯދުމެއް ނޫނެވެ. ބައެއް މޮއިސްޗަރައިޒަރަކީ ލައިޓް އެއްޗެެއްސެވެ. ނަމަވެސް ގިނަ އިރުވަންދެން މޫނުގެ އުޖާލާކަން ދަމަހައްޓައި ދެއެވެ.
2. ސަންސްކްރީން ބޭނުން ކުރުމުގެ މުހިއްމުކަން
މިއީ ގިނަ ފަހަރު އަންހެން ބޭފުޅުންވެސް ފަރުވާ ކުޑަ ކުރާ ކަމެކެވެ. ނަމަވެސް އެންމެ މަދުވެގެން އެސްޕީއެފް 30 ގެ ސަންސްކްރީނެއް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެެވެ. ހަންގަނޑު ޓޭން ވަނީ ހޫނު ވެގެނެއް ނޫނެވެ. އެކަމަކު އިރުން އަންނަ އަލިން ހަމުގެ ކުލަ އަދި ހަމުގެ ރީތިކަމަށް ވަރަށް ބޮޑަށް ބަދަލު އާދެއެވެ. އެހެން ކަމުން ގެއިން ބޭރަށް ނިކުތުމުގެ 15 މިނެޓް ކުރިން ހަށިގަނޑުގައި އަތްވަށް އެކްސްޕޯސްވާ ހުރިހާ ދިމާލެއްގައި ސަންސްކްރީން ހޭކުމަށް އަބަދުވެސް އާދަކުރާށެވެ.
3. ގަވައިދުން އެކްސްފޯލިއޭޓް ކުރުން
އެކްސްފޯލިއޭޓް ކުރުމަކީ މަރުވެފައި ހުރި ހަންތައް ނައްތާލުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ގަވައިދުން އެކްސްފޯލިއޭޓް ނުކުރެވޭ ކަމަށް ވާނަމަ ހަމުގައި ހުންނަ މަރުވެފައި ހުރި ހަންތައް ގިނަވެ، ބިހިނެގުން އިތުރުވެގެން ދެއެވެ. އެހެން ކަމުން ހަފްތާއަކު އެއްފަހަރު އެކްސްފޯލިއޭޓް ކުރުމަށް އާދަކުރާށެވެ. އެކްސްފޯލިއޭޓް ކުރުމުން ފިިރިހެން ބޭފުޅުންނަށް އިތުރަށް ލިބޭ ފައިދާ އަކީ، މޫނުގައި ހުންނަ އިސްތަށިތައް މަޑުވުމެވެ. އެހެންކަމުން ޝޭވް ކުރާއިރު ފަސޭހަވެގެން ދެއެވެ.
4. ރިންކަލްސް އިން ރައްކާތެރިވުން
ރިންކަލްސް ނުވަތަ މުސްކުޅިވާކަން ހަންގަނޑުން ދައްކައިދޭ ރޫތަކަކީ ލޯކައިރި ރަނގަޅަށް ނުބެލެހެއްޓޭތީ ފެންނަން ފަށާ ކަމެކެވެ. އެހެން ކަމުން ހެނދުނު އަދި ރޭގަނޑު ނިދުމުގެ ކުރިން އައި ކްރީމެއް ހޭކުމަށް އާދަކުރާށެވެ.
5. ތުންފަތަށް ސަމާލުކަން ދިނުން
ހަމާއި މޫނު އަދި ލޮލަށް ސަމާލުކަން ދޭ ގޮތަށް ތުންފަތަށް ވެސް ސަމާލުކަން ދޭންޖެހެއެވެ. ތުންފަތް ވެސް ޓޭންވެ، ހިކޭގޮތް ދިމާވާނެއެވެ. އަދި ފަޅަފަޅައިގެން ވެސް ދާނެ އެވެ. އެހެން ކަމުން ރަނގަޅު ލިޕް ބާމެއް ހޭކުމަށް އާދަކުރާށެވެ. އަދި ނިދުމުގެ ކުރިން ތުންފަތުގައި ވެސްލިން ހޭކުމަށްވެސް ސަމާލުވާށެވެ.