ވާހަކަ

ދެކިލަން އެދޭތީ - 12

2

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ކިޔެވުމުގެ މަރުހަލާތަކުގެ ތެރޭން ސާރޖިކަލްއާއި ކްލިނިކަލްއަށް ގުރޫޕުތައް ބަހާލެވުނު ދުވަހެވެ. ގުރުއަތުލައިގެން ގުރޫޕުތައް ބަހާލުން އެއީ އެންމެ އަދުލުވެރި ގޮތަށް ވުމުން ޕުރޮފެސަރު ކަންތައް ކުރީ އެފަދައިންނެވެ. އޭރުން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެތީއެވެ. ޑޮކްޓަރީ ދާއިރާގެ ގޮތުން އެންމެނާ ގުޅިގެން މަސައްކަތްކުރެވެން ވެސް ޖެހޭނެތީއެވެ.

ގުރުއަތު ނަގަމުން ދިޔަ އިރު ކޮންމެ މީހަކު ވެސް ހިތާހިތާ ދުޢާކުރަމުން ދިޔައީ މާކިންއާ އެއް ގުރޫޕެއްގައި ނުލެއްވުމަށް އެދިއެވެ. މާކިންގެ ހުންނަ ރުންކުރު މިޒާޖާ ހުރެ އޭނައާ އެކުގައި މަސައްކަތްކުރަން އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. މުޅި ކްލާހުން ވެސް މާކިން އެކަހެރިކޮށް ބާކީކޮށްލެވިފައި ވަނީ އެހެންވެއެވެ. މާކިން ހުއްޓަސް އެއީ ނެތް މީހެކޭ އެއް ފަދަ އެވެ.

''ކުރީ ފަހަރު ވެސް އެއް ގުރޫޕެއްގައި ލައްވާލީ، މިފަހަރު ވެސް ވާނީ އެހެން، ބަލައްޗޭ!...'' އީވާގެ ގާތުގައި އިން ރައުހާ ދެއަތްތިލަ ޖޯޑުކޮށްލަމުން ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ވަނީ އުއްމީދެވެ. ދެލޮލުން ވެސް އެކަމުގެ ވިދުވަރު ފެނެއެވެ. އީވާ ހިނިތުންވެލިއެވެ. އޭނަ ވެސް ބޭނުންވަނީ ރައުހާއާއެކު އެއް ގުރޫޕެއްގައި ވުމަށެވެ.

ތަޤުދީރުގެ ރޭވުންތެރިކަން އޭރު ދެއެކުވެރިންނަށް ވެސް ރޭކާ ނުލައެވެ. އުއްމީދުތަކުގެ ވާފަށް ބުރިވެގެން ދާނީ ކޮން އިރަކުކަމެއް ވެސް އިހުސާސެއް ނުވިއެވެ. ފޮނި ހުވަފެންތައް ދެކެމުން ދަނިކޮށް ދުނިޔޭގެ ހަޤީޤަތާ ކުރިމަތިލާން ޖެހުނެވެ. ރައުހާ ލައްވާލީ އެހެން ކުއްޖަކާއެކުގައެވެ. އިންޑިއާއަށް ނިސްބަތްވާ އަންހެންކުއްޖަކާ އެކުގައެވެ. ރައުހާއަށް ލިބުނު އުދާސްކަން އީވާއާ ބައްދަލުކޮށްލި ނަޒަރުން ފާޅުވެގެން ދިޔައެވެ. އީވާއާއެކުގައި މަސައްކަތްކުރަން ރައުހާ އިނީ ނުހަނު ބޭނުންވެފައެވެ. ކޮންމެކަމެއް ގައި ވެސް މަދަދުވެރިވާނެތީއެވެ. ނަމަވެސް އޭނައަށް ޖެހުނީ ވަދާއުގެ ސަލާން ބަދަލުކޮށްލާށެވެ.

''ރަނގަޅު ވާނެ، ކަރިޝްމާ ވަރަށް ރަނގަޅު ވާނެ... އެފިރިހެނާއާއެކު ލައްވާނުލިތީ ވެސް ޝުކުރުކުރަން ވާނެއެއްނު...'' މަޑުމަޑުން ރައުހާގެ ބުރަކަށީގައި ފިރުމާލަމުން އީވާ ހިތްވަރުދިނެވެ. އެންމެ މާޔޫސްވީ ދެބަޔަށް ކްލާސްތައް ބަހާލިއިރުގައި ވެސް ވަކިވާން ޖެހުނީތީއެވެ. ދެއެކުވެރިންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ހީވަނީ ދެން ދުވަހަކު ބައްދަލު ނުވާނެ ހެންނެވެ. އެނބުރި ގެއަށް ދާން ޖެހޭނީ އަދި ދިރިއުޅެން ޖެހޭނީ ވެސް އެކީގައިކަން ހަނދާނެއް ނެތް ފަދައެވެ.

''އީވް ލައްވާލާނީ ކާކާ އެކުގައިތަ؟...'' ތަޤުދީރުގެ ނިޔާ ޤަބޫލުކުރަމުން ރައުހާ ބުނެލިއެވެ. ދެއެކުވެރިން ވެސް ޕުރޮފެސަރަށް ބަލައިލިއެވެ. އެވަގުތު ގުރުއަތުން ނެގުނު ދެ ނަން އިޢުލާނު ކުރުމާއެކު ހުރިހާ އެންމެންގެ ހަމްދަރުދީގެ ނަޒަރު ހުއްޓިގެން ދިޔައީ އީވާއަށެވެ. އީވާއަށް ލިބުނު ކުއްލި ސިހުމާއެކު އޭނައަށް ގޮނޑިން ތެދުވެވިއްޖެއެވެ. މުޅި ކްލާސް ހަމަހިމޭން ވެއްޖެއެވެ. އީވާގެ މޫނު ހުދުވެގެން ގޮސް ހީވަނީ ދެންމެދެންމެ މީހާ އަބުރައިގަނެފާނެ ހެންނެވެ. އީވާއަށް މޭޒުގައި އަތް ވިއްދާލެވުނެވެ. އޭނަގެ ނަޒަރު ގޮސް މާކިންއަށް ހުއްޓުނު ހިނދު ދަތްތަކަށް ބާރުލެވިއްޖެއެވެ. މާކިން ވެސް ހިތްހަމަނުޖެހުމާއެކު ޕުރޮފެސަރަށް ބަލަން ހުއްޓެވެ. އޭނަ ވެސް ކޮޅަށް ތެދުވުނެވެ. އެނިންމުމާ މެދު ހިތްހަމަނުޖެހިއްޖެކަން އޭނަގެ މޫނުމަތިން ވެސް ފެނެއެވެ.

''ވަޓްސް ދި ޕްރޮބްލަމް؟...'' ވަކިވަކިން އީވާއާއި މާކިންއަށް ބަލައިލަމުން ތަންކޮޅެއް ހަރުކަށިއަޑަކުން ޕުރޮފެސަރު ސުވާލުކުރިއެވެ. އެންމެ ސިކުންތެއް ވެސް ނަގާލުމެއް ނެތި އީވާއާއި އެކު މަސައްކަތްކުރަން މާކިން ދެކޮޅު ހެދިއެވެ. އޭނަ ބޭނުން ވަނީ އެކަނި މަސައްކަތްކުރަން ކަމަށް ބުންޏެވެ.

އީވާއަށް އެއްވެސް އެއްޗެއް ނުބުނެވެނީސް ހިތްހަމަނުޖިފައި ޕުރޮފެސަރު ވާހަކަދައްކަން ފެށިއެވެ. އަދި ފަހުގެ ނިންމުން އިއްވާލިއެވެ.

''އައިމް ސޮރީ، ދިސް ކެނޮޓް ބީ ޗޭންޖްޑް، ބޯތް އޮފް ޔޫ ވިލް ބީ ވާރކިންގް ޓުގެދާރ، އެންޑް ދިސް ކެނޮޓް ބީ ޗޭންޖްޑް، އިފް ދެއާރ ދިސް އެނީތިންގް، ބޯތް އޮފް ޔޫ ނީޑް ޓު ސޯރޓް އިޓް އައުޓް!...'' ޕުރޮފެސަރު ބުންޏެވެ. އެއާއެކު އީވާގެ ހިތަށް ވެރިވެގެން ދިޔައީ މާޔޫސްކަމެވެ. ދެފައި ތަޅައިގަނެވުނެވެ. ތުން ދިގުކޮށްލެވުނެވެ. ޕުރޮފެސަރު އޭނައަށް ދިން ނަޒަރާއެކު އަބަދުވެރިކަމާއެކު އީވާއަށް ގޮނޑީގައި އިށީނދެވިއްޖެއެވެ. ދެކޮޅަށް އެންމެ ލަފުޒެއް ވެސް ނުބުނެވުނެވެ. އެނިންމުން ބަދަލު ނުވާނެކަން ވަރަށް ސާފު ބަހުން އެއޮތީ ބުނެދީފައެވެ. ކުރާނެ ކަމެއް ނެތެވެ. އުދާސްކަމާއި ރުޅިވެރިކަމުގެ އިހުސާސްތައް އީވާގެ މޭގައި ބޮނޑިވެގަތެވެ.

''ޔެސް މާކިން؟...'' އިށީނުމުގެ ޚިޔާލެއް މަކިން ނުކުރުމުން ޕުރޮފެސަރު ބުންޏެވެ. ބަހާއި އަމަލުން ހަރުކަށިކަން ފެނެއެވެ. އެއްޗެއް ބުނަން އުޅެފައި ވެސް މާކިންއަށް އަތްމުށްކަވާލެވުނީއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އޭނަ ގޮނޑީގައި އިށީނެވެ. އެމޫނުން ފެންނަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދެދަތްޕިލަޖައްސާ ބާރުކޮށްފައި ހުރިކަން ކަތުރު ކަށިގަނޑަށް އަރާފައި ހުރި ވާންކަމުން ހާމަކޮށްދެއެވެ.

''ނައު ދެޓްސް ސެޓްލްޑް!، މޫވިންގް އޮން...'' ޕުރޮފެސަރު ބުނެލިއެވެ. މަސްރަހު ހަމައަކަށް އަޅުވާލަމުން ގުރުއަތުލުމާއިގެން ކުރިއަށް ދިޔައެވެ.

އީވާ އިނީ ތުން ދިގުކޮށްގެންނެވެ. އޭނައަށް މުށްކަވާލެވުނު އަތުން މޭޒު މަތީގައި ޖަހާލެވުނެވެ. ބުނާނެއެއްޗެއް ނޭނގިފައި ރައުހާއަށް އިނދެވުނީ އީވާގެ ހަރަކާތްތަކަށް ބަލަންށެވެ. އީވާއާއި މާކިންއަކީ ދުވަހަކު އެކުގައި މަސައްކަތްކުރެވޭނެ ދެމީހުންނެއް ނުނެވެ. މިހާރު ވެސް އެތިބީ ކަނޑިހިފައިގެން ހަނގުރާމައަށް ދާން ތައްޔާރަށެވެ. އެކަކު އަނެކަކު ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެދެމެދުގައި އޮތީ ނަފުރަތެވެ. މާކިންގެ ހުންނަ ރުންކުރު މިޒާޖާއި އީވާގެ ރުޅިވެރިކަން ކުރިމަތިލުމަކަށް ގޮސްފިނަމަ ވާނެ ގޮތަކާ މެދު ވެސް ވިސްނާލަން ދައްޗެވެ. ހިތްވަރުލައިދޭން ދައްކާނެ ވާހަކައެއް ނޭނގުމުން ރައުހާ އިނީ ހިމޭންވެފައެވެ. ނުވީތާކަށް އީވާ އައިސްފައި ހުރި ރުޅިއާ މެދު ވެސް ވިސްނެމުން ދިޔައެވެ.

''ދެން ކީއްވެތަ އޭނައަށް ވާންވީ!، ވަރަށް ފޫހިވޭ... ރައު އަހަންނާ ސްވިޗް ކުރަންވީއެއްނު...'' އީވާ، ވިސްނަން އިނދެފައި އެކުވެރިޔާއަށް ބަލައިލީ މަދުވެރިވާށޭ ބުނާ ފަދައަކުންނެވެ. ރައުހާއަށް އީވާގެ މޫނަށް ބަލައިލެވުނެވެ. މާކިންއާއެކުގައި މަސައްކަތްކުރަން އޭނަ ވެސް ބޭނުމެއް ނުވެއެވެ. ހަމައެއާއެކު އެހާލުގައި އީވާ ވަނިކޮށް ވެސް ދެކޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނަ ކުރާނީ ކީއް ހެއްޔެވެ؟ ޕުރޮފެސަރުގެ ނިންމުން އޭނައަށް ބަދަލެއް ނުކުރެވޭނެއެވެ.

''އަހަންނަށް އެނގޭ އީވް މިގޮތް ބޭނުން ނުވާކަން، އެކަމަކު ދެން އިތުރު ގޮތެއް ވެސް ނެތެއްނު... ޕުރޮފެސަރުގެ ވިސްނުން ބަދަލުވާނެ ހެނެއް ހިޔެއް ނުވޭ........ އޭނައާއެކު މަސައްކަތްކުރެވޭތޯ ބަލަންވީއެއްނު...'' ރައުހާއަށް ބުނެވުނެވެ. އީވާގެ މޫނު އިތުރަށް ބަނަވެގެން ދިޔައެވެ. ހީވަނީ ކަޅުފޮއި އަނދިރި ރެޔެއް ހެންނެވެ. ރައުހާއަށް އޭނަގެ ނިޔަފަތީގައި ދަތް އަޅާލެވުނެވެ.

''ތިބުނީ ވެސް ތެދެއް، އެކަމަކު އަހަންނަކަށް އޭނައާއެކު މަސައްކަތްތެއް ނުކުރެވޭނެ، ކުރާކަށް ވެސް ބޭނުމެއް ނޫން...'' ތުންފިއްތަމުން އީވާ ބުންޏެވެ. އުއްމީދެއް ނެތުމުން އޭނަ އިތުރަށް މާޔޫސް ވިއެވެ. އޭނަގެ ނަޒަރު ގޮސް މާކިންއަށް ހުއްޓުމުން ލޯއަޅާލެވުނެވެ. ރުޅިވެރިކަމުގެ އާރު އިތުރަށް ކެކެން ފެށިއެވެ. އޭގެ ހޫނުން މޭގަނޑު ފިއްސަމުން ދިޔައެވެ.

''ފަހުން ޕުރޮފެސަރާ ވާހަކަދައްކަން ދާނީ... އޭނައާ ހުރެ އަހަރެން ފެއިލް ވާކަށް ބޭނުމެއް ނޫން، ޖެއްސުންކުރަން ވެސް އުޅެފާނެ...'' ފުންނޭވާއެއް ދޫކޮށްލައި ނަފުސު ހަމައަކަށް އެޅުވޭތޯ އީވާ މަސައްކަތްކުރިއެވެ.

*****

ކްލާސްތައް ނިމޭނެ އިރަކަށް އީވާ ދިޔައީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. ކިޔަވައި ދެވެނު އެއްވެސް އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެން ބޮޑަށް ސިކުނޑީގައި އުފެދިފައި އޮތް ތޫފާން ބޮޑެވެ. ބާރު ގަދަ ނަގޫރޯޅިތައް އުފެދި އޭގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލިގެން ދެއެވެ. އިރުއިރުކޮޅާ ތުންފިންތާލެވެއެވެ. ބުމަކައިރިކޮށްލެވެއެވެ. އެއްއަތް މުއްކަވާލަމުން އަނެއް އަތުގެ ފުށަތުގައި ޖަހާލެވެއެވެ. އޭނަ ދިޔައީ ކަންތައް ކުރާނެ ގޮތެއް ވެސް ރާވަމުންނެވެ. ވަކިކޮޅެއްގައި ޖައްސާލާފައި މެނުވީ އޭނަ ދުލެއް ނުކުރާނެއެވެ. މާކިންއާއެކުގައި ހަމަހިލާ އޭނައަށް މަސައްކަތެއް ނުކުރެވޭނެއެވެ. އެފިރިހެނާއާ މެދު ވިސްނާލެވުނަސް ހިތަށް ވެރިވެގެން އަންނަނީ ރުޅިވެރިކަމެވެ. ފޫހިކަމެވެ.

ކްލާސްތައް ނިމުމާއެކު އީވާގެ މިސްރާބު ހުރީ ޕުރޮފެސަރާ ބައްދަލުކުރަން ދިޔުމަށެވެ. ރައުހާ ވެސް އީވާއާއެކުގައި ދިޔައެވެ. އެކުވެރިޔާއަށް މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްދޭވޭތޯއެވެ.

ޕުރޮފެސަރާއި ބައްދަލުވުމަށް ފަހުގައި ވެސް އެކަށީގެންވާ ފަދަ ކުރިއެރުމެއް ނުލިބުނެވެ. މާޔޫސްކަމާއެކު އީވާއަށް ޖެހުނީ އެގޮތާ ރުހި ޤަބޫލުވާށެވެ. މާ ބޮޑަށް މާކިންއާ މެދު ނުރުހުންތެރިކަން ފާޅުކުރަން ފެށުމުން ޕުރޮފެސަރު ވެސް ހިތްހަމަނުޖެހިގެން އެއީ ޑޮކްޓަރެއްގެ ކިބައިގައި ހުރެގެން ވާނެ ސިފައެއް ނޫނޭ ބުނެ އީވާއަށް ނަސޭހަތްތެރިވިއެވެ. އަދި އީވާ ގެންގުޅޭ ތަފާތުކުރުމުގެ މިޒާޖުގެ ސަބަބުން، އީވާއާ މެދު ހިތްހަމަނުޖެހިއްޖެކަމަށް ވެސް ބުންޏެވެ. އެދެމެދުގައި ކޮންމެ ކަހަލަ ގުޅުމެއް އޮތްކަމުގައި ވިޔަސް އެކުގައި މަސައްކަތްކުރަން އިރުޝާދު ދިނެވެ. ނިމިފައި އޮތް ގޮތަށް ކަންތައް ކުރިއަށްދާނެ ވާހަކަ ވެސް ބުންޏެވެ.

އިތުރަށް މާޔޫސްވުން ނޫން ގޮތެއް ނުވިއެވެ. ޕުރޮފެސަރުގެ އޮފީހުން ނިކުންނަން ދިޔަ އިރު އީވާ އިނީ ހިމޭންވެފައެވެ. ރައުހާ ވާހަކަދެއްކުމުން ވެސް ރައްދެއް ނުދިނެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އެއްކޮނޑުގައި ދަބަސް އަޅުވައިގެން އެދިމާއަށް އަންނަ މާކިން އީވާއަށް ފެނިއްޖެއެވެ. ހިތަށް ވެރިވެގެން އައި ފޫހިކަމާއެކު މޫނު ބަނަކޮށްލެވުނެވެ. މޮޅިވެރިކަމުގެ ލިސާންތައް ފިލައި ރުޅިވެރިކަން ނަފުސުގެ މައްޗަށް ވެރިވެގަތެވެ. ހުރިހާ ކަމެއްގައި ވެސް އީވާއަށް ކުށްވެރިކުރެވުނީ މާކިން އެވެ. ޕުރޮފެސަރު ވެސް އޭނަ ދެކެ ހިތްހަމަނުޖެހުނީ މާކިންގެ ސަބަބުންނޭ ހިތަށް އެރުމާއެކު ލޯހަދާލިއެވެ.

އީވާ ފެންނަ ކަމަށް ވެސް ހެދުމެއް ނެތި މާކިން ކުރިއަށް ހިނގައިގަތެވެ. އީވާއަށް ފަސްދީފައި ދިޔަ މާކިން ގޮސް ވަނީ ޕުރޮފެސަރުގެ އޮފީހަށެވެ. އެމަންޒަރު ބަލަން ހުރި އީވާ ކުދި ކިޔާލިއެވެ.

''ވަރަށް ފޫހިވޭ، އޭނައާ ހެދި ހުރިހާ ކަމެއް މިވަނީ، ދެން ރަނގަޅަށް އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭނެ، ބޮޑު އުނދަގުލެއް ކަހަލަ މީހެކޭ، އަހަރެން ކީއްކޮށްގެންތަ އޭނަގެ އުނދަގޫ އަހަންނަށް މިޖެނީ؟... އައި ހޭޓް ހިމް!...'' އީވާ ރުންކުރުވިއެވެ.

''ދެން އެކަމާ އެހާ ބޮޑަށް ރުޅި ނާދެބަލަ، ރުޅި ގަދަ ވީމަ އީވްގެ ހަމަޖެހުން ގެއްލޭނީ، އީވް ރުޅި އައިސް ރަތްވެ ފަޅައިގެން ދިޔަޔަސް އޭނައަށް ގެއްލުމެއް ލިބޭނެތަ؟، ހަމަ އީވްއަށް އުނދަގޫ ވާނީ، ދެން އެންމެ ރަނގަޅު ވާނީ މިކަމާ ކުރިމަތިލުން... އޭނަ ބުނާއެއްޗަކަށް އަޅާލުމެއް ނެތި ކުރިއަށް ދިޔުން... ދެން އަދި ވާހަކައެއް ބުނެލަން ބޭނުން...'' ރައުހާ ވިސްނާލަމުން ވާހަކަދެއްކިއެވެ. އީވާއަށް ރައުހާ ބަލައިލިއެވެ. އޭނަ ބުނާ ވާހަކައިން އީވާ ރުޅިއައިސްދާނެތީ ފުރަތަމަކޮޅު ފަސްޖެހެވުނެވެ. ނަމަވެސް އިތުރު މަގެއް ފެންނަން ނެތުމުން އެޚިޔާލު ވެސް ހުށަހަޅަން ޖެހުނެވެ.

''ކޮން ވާހަކައެއްތަ؟...'' އީވާއަށް އަހާލެވުނެވެ.

''އީވްއަށް އެދުވަހު މާކިންއާ މެދު ކަންތައްކުރެވުނު ގޮތުން މަޢާފަށް އެދެން ވީއެއްނު، ކޮންމެވެސް އެކަކު މަޢާފަށް އެދިގެން ދޯ ތިދެމެދުގައި އޮތް މައްސަލަ ހައްލު......'' ރައުހާއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް، ބުމަގޮށްޖަހާލަމަށްފަހު އީވާ ކުރިއަށް ހިގައިގަތެވެ. އޭނަ ނުރިހިއްޖެކަން އެއަމަލުން ހާމަކޮށްދިނެވެ.

އީވާއަށް ބަލަން ހުރި ރައުހާ ގޮވާލިއެވެ. އަދި ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އީވާ އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ.

''ފުރަތަމަ އޭނަ ޖެހޭނީ އަހަރެން ގާތު މަޢާފަށް އެދެން...'' ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ރައުހާއަށް ބަލައިލި އީވާ ބުންޏެވެ. ''އޭނަގެ ގޯސް އަމަލުތައް ވިސްނި ފުރަތަމަ މަޢާފަށް އެދެން ޖެހޭނީ އޭނަ!''

''އީވްއަށް ހީވޭތަ އޭނަ މަޢާފަށް އެދޭނެހެން؟، މަޢާފަށް އެދެން ބޭނުންވިނަމަ އެދުވަހު އެދުނީސް... ދެން ކޮންމެވެސް މީހަކު އިސްނެގީމަ ދޯ ރުޅިވެރިކަން ހައްލުކުރެވޭނީ... އީވްއަކީ ތިހާ ގޮތް ދޫ ނުކުރާ މީހެއް ނޫން، ވަޓް ހެޕެންޑް ޓު ޔޫ؟...'' އީވާއަށް އައިސްފައިވި ބަދަލުތަކާ މެދު ހައިރާންވެފައި ހުރި ރައުހާއަށް ސުވާލުކޮށްލެވުނެވެ.

ރައުހާގެ ސުވާލާމެދު އީވާއަށް ވިސްނާލެވުނެވެ. ތެދެކެވެ. އޭނައަކީ ކުރިން މިހާ ރުޅި ގަދަ މީހެއް ނޫނެވެ. ގޮތްދޫނުކުރާ މީހެއް ވެސް ނޫނެވެ. މިފަދަ ބަދަލުތަކެއް އޭނައަށް ކުއްލިޔަކަށް އައީ ކީއްވެގެން ހެއްޔެވެ؟ ރުޅިވެރިކަން އެހިތުގައި ވިންދުޖަހަނީ ކީއްވެގެން ހެއްޔެވެ؟ ހިތާއި ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް ޖަވާބެއް ނުލިބުނެވެ.

''އީވް، ތިންކް އެބައުޓް އިޓް!... މާކިން ކަހަލަ މީހަކަށް ނުވާން އީވް ޖެހޭނެއެއްނު މަސައްކަތްކުރަން!، ތިހެން އީވް އުޅުނީމަ އިތުރަށް ރުޅިގަދަ ވާނީ...'' އީވާގެ އަތުގައި ހިފާލަމުން ރައުހާ ބުނެލިއެވެ. އަދި މަޑުމަޑުން އެއަތްތިލައަށް ފިތާލީ އޭނަގެ ވާހަކަތައް ޤަބޫލުކުރާށޭ ބުނާ ފަދައަކުންނެވެ.

ރައުހާގެ ވާހަކަތަކާ މެދު އީވާއަށް ވިސްނާލެވުނެވެ. ނަމަވެސް ހިތާއި ސިކުނޑީގެ ކޯޅުން ގަނޑުގެ ސަބަބުން އެއްބަސްވުމަށްކަށް އާދެވޭ ގޮތެއް ނުވިއެވެ. އެކަމާ އިތުރަށް ވިސްނާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ.

''ދެން އިތުރަށް މިވާހަކަ ނުދައްކަމާ...'' އީވާ ބުނެލިއެވެ. އަދި ހިމޭންކަމާއެކު ދާން ހިނގައިގަތެވެ. ކަންބޮޑުވުމާއެކު އީވާއަށް ބަލަން ރައުހާއަށް ހުރެވުނެވެ.

''ކިހިނެއްތަ މިވަނީ؟... ދެމީހުންގެ ދެމެދުގައި އިތުރު މައްސަލައެއް ނުޖެހިއްޖެއްޔާ ވެސް ރަނގަޅު...'' ރައުހާއަށް ހިތާހިތުން ބުނެވުނެވެ. ''އެމާކިން ވެސް ގޮތް ދޫކުރަން ވެއްޖެ ދޯ، އެހެރަ ބޮޑާކަމެއް ވެސް ދޯ، ހިނގިހާތަނަކުން ވެސް ނުދެކެން އެހާ ކިބުރުވެރި ފިރިހެނެއް، ތިމާއަށް ތިމާ ފެނިފަ ހުރި މީހެއް، އަނެއްކާ ކޮންކަހަލަ އާއިލާއަކުން އައިސް ހުރި ފިރިހެނެއްތަ އެއީ...''

*****

ދެދުވަސް ފަހެވެ. އީވާއާއި މާކިން އަނގަޔަކުން ނުބުނެއެވެ. މިހާރު އީވާއަށް ޖެހެނީ މާކިން އިންނަ ގޮނޑިބަރީގައި އިށީންނާށެވެ. ގުރޫޕުތަކަށް ބަހާލެވުނު ފަހުން ތިބެން ޖެހެނީ އެގޮތަށެވެ. ކުޑަކުދިންނާ މެދު ކަންތައް ކުރާ އުސޫލު ގެންގުޅޭތީ އީވާ ހިތްހަމަނުޖެހުނެވެ. ކިތަންމެ ގިނަ ޝަކުވާތަކެއް ހިތުގައި ވިޔަސް ދުލާ ހަމައަށް ގެންނަން ނުކެރުނީ އިތުރަށް އޭނަ ދެކެ ޕުރޮފެސަރު ހިތްހަމަ ނުޖެހިދާނެތީއެވެ.

އެއްގޮނޑިބަރިއެއްގައި އިންނަން ޖެހުނަސް އީވާ ގޮސް އިންނަނީ މޭޒުގެ ކޮޅުގައެވެ. އަނެއްކޮޅުގައި އިންނަނީ މާކިން އެވެ. ކްލާސް ހުރިހާ އެންމެންގެ ހަމްދަރުދީގެ ނަޒަރުތައް އޭނައަށް ހުއްޓޭކަން އީވާއަށް ފާހަގަ ވެއެވެ. ނަމަވެސް އެއިން ލިބޭނެ މަންފާއެއް ނެތުމުން އެކަމަށް އޭނަ ސަމާލުކަމެއް ނުދެއެވެ. މާކިންއާ ދިމާއަށް އޭނަ ރުޅިވެރިކަމާއެކު ބަލަމުން ދިޔައެވެ.

''އެތުނބުޅީގެ ތެރެއަށް މެއްސެއް ވަނަސް ތާށިވެ މަރުވާނެކަން ޔަޤީން، ފަކުރުން ފުރިފަ ހުރި މީހާގަނޑެއް... ޗީޑި...'' ނޭވާގެ ދަށުން އީވާއަށް ބުނެވުނެވެ. ސިހުން ހިތަށް ވެރިވެގެން އައީ ކުއްލިޔަކަށް މާކިން އޭނައަށް ބަލައިލުމުންނެވެ. އޭނަ ސިއްރުސިއްރުން ބުނި ޖުމްލަ މާކިންގެ ކަންފަތާ ހަމައަށް ފޯރައިފިކަން ޔަޤީން ކުރެވުމުން އަވަސްއަވަހަށް ދުރުބަލަން ފެށިއެވެ. ލަދު ވެސް ގަންނަ ގޮތް ވިއެވެ. ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ވަގު ފަޅާއެރީހެންނެވެ. މާކިންގެ ކަންފަތް އެހާ ތޫނީ ކީއްވެގެން ބާވައޭ ވެސް އީވާގެ ހިތަށް އެރިއެވެ.

''ބުނަންތަ ރަނގަޅު ވާހަކައެއް!، އަހަރެން ނުޖެހޭނެ އެހެން މީހުން ރުހޭ ގޮތަކަށް ހުންނާކަށް!...'' އީވާއަށް ރައްދުގައި މާކިން ބުނެލިއެވެ. ޒަމާންތަކަކަށްފަހު މާކިންގެ އަޑު އީވާގެ ކަންފަތާ ހަމައަށް ފޯރީ އެދަނޑިވަޅުގައެވެ. ވީފޫއްސެއްގެ ބޮޑުކަމުން ލޯމައްޗަށް އަރުވާލެވުނެވެ.

'''ރުހޭ ގޮތަކަށް ނެތަސް، ސާފުތާހިރުކޮށް ހުރެވިދާނެ ދޯ؟... މިހާ އެހާ ނުތާހިރު... ޗީޑި!...'' ތުންފަތް ދަމާލަމުން އީވާ ބުނެލިއެވެ. އޭނަގެ ރާގު ހުރީ މާކިންއާއި ޖަދަލު ކުރުމަށެވެ. މާކިން އިތުރަށް ވާހަކަނުދެއްކުމުން ކާމިޔާބު ލިބިއްޖެކަމަށް އީވާ ދެކުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ ދެނެވެ. އެހެން އިންދާ ސިއްސައިގެން ދިޔައީ ކުއްލިޔަކަށް އޭނަގެ ގާތަށް މާކިން ޖެހިލުމުންނެވެ. ސިހުނުވަރުން ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ.

މާކިން ހީވަނީ އީވާއަށް ޖެއްސުންކުރަން އުޅުނުހެންނެވެ. އޭނަގެ އަމަލުތަކުން އެކަމަށް ހެކިވިއެވެ.

''ކީއްވެ އަހަރެން ގާތަށް ތިއައީ، ކުރިން އިންތަނުގައި އިނދޭ...'' މާކިން އެހާ ގާތުގައި އިނުމުން އީވާއަށް އުނދަގޫ ވެއްޖެއެވެ. ނުރުހުމާއެކު ބަލައިލިއެވެ. އަދި އަތުން އިޝާރާތްކުރީ ދުރަށް ދިޔުމަށެވެ.

''ނުދާނަން، އަހަރެންގެ ހުރި ނުތާހިރުކަން ފެންނާނީ އޭރުން ދޯ...'' މަލާމާތުގެ ހިނިތުންވުމަކާއެކު މާކިން ބުނެލިއެވެ. އީވާއަށް ރުޅިން ގޮސް އަރުންތެރޭން އަޑެއް ބޭރުކޮށްލެވުނެވެ.

''ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟... ދުރަށް ދާށޭ!...'' ދަތްކުނޑިވިކާލަމުން އީވާ ބުނެލިއެވެ. ރުޅިން ގޮސް ހޫނު އާވި އޭނަގެ ކަންފަތާއި ނޭފަތުން ބޭރުވަމުން ދިޔައެވެ.

(ނުނިމޭ)