ޚަބަރު

އެއްވެސް ދިރުމެއް ޒަރޫރީ ބޭނުމަށް ވުރެ އިތުރަށް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

އައިދާ އަބްދުލް ހަކީމް

އެއްވެސް ދިރުމެއް ޒަރޫރީ ބޭނުމަށް ވުރެ އިތުރަށް ބޭނުންނުކުރުމާއި، އެފަދަ ދިރުންތަކުގެ ވެއްޓަށް ގޯނާ ނުކުރުމުގެ އިތުރުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންސާނުންގެ ހުރިހާ ކަމެއް ވަނީ އެހެނިހެން ދިރޭތަކެއްޗާއި ގުޅި ލާމެހިފައި ކަމަށާއި އަހަރެމެންނަށް ދިމާވާ ހުރިހާ މައްސަލައެއްގެ ހައްލު ގުދުރަތުން ހޯދައި، ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތުން މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ ބޭސްވެރިކަން ކަމަށާއި ބޭސްވެރިކަމަށް ބޭނުންކުރާ ބޭހާއި ވެކްސިން އީޖާދުކުރުމަށް ބޭނުންކުރަނީ ގުދުރަތުން ހޯދައިގަންނަ މާއްދާތަކެއް ކަމަށެވެ. އަދި ގަސްގަހާގެހީގެ ފަތާއި، މުލާއި، އޮށްތަކަކީ ސައިންޓިސްޓުން ބޭސްފަރުވާއަށް ދިރާސާކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތި ކަމަށެވެ.

މިއާއެކު އިންސާނުންނާއި ޖަނަވާރުން ދިރިތިބުމަށް ބޭނުންވާ ފެނާއި ކާނާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދުނިޔޭގެ މޫސުން ދައުރުވާ ގޮތާއި، ފެން ސާފުވުމުގެ ނިޒާމު ދިރޭތަކެއްޗަށް ބަރޯސާވެފައިވާ ކަމަށާއި މިކަމުން އިންސާނުންގެ ހުރިހާ އަސާސީ ބޭނުމަކަށް ދިރޭތަކެތީގެ މުހިންމުކަން ސާބިތުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ސަލާމަތްކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކުން އިބުރަތް ލިބިގަނެ، މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރާ އިރު، ދިރޭތަކެއްޗަކީ ކޮބައިކަން ދެނެގަނެ، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓޭނެ ގޮތްތައް ދެނެގަތުން މުހިންމު ކަމަށާއި ބެކްޓީރިއާ، ފަންގައި، އަލްގީ ފަދަ ދިރުންތަކަކީ ދަނޑުވެރިކަމާއި، ކާނާ ބަންދުކުރުމާއި، ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުންނަށް މުހިންމު ރޯލެއް އަދާކުރާ ދިރޭތަކެތި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ ދިރުންތަކުގެ ބެލެންސް ގުދުރަތީ މާހައުލުގައި ހިފަހެއްޓޭނެ ގޮތްތައް ދެނެގަނެ، އެކަމަށް ހުރިހާ އެންމެން މަސައްކަތްކުރަން ކުރަންޖެހޭކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކަމަށާއި އެގޮތުން ގަސް ކެނޑުމާއި، މޫދަށާއި ޗަސް ބިންތަކަށް ކުނި އެޅުމާއި، ވައި ނުސާފުވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރޭތަކެތި ނެތި ދިޔުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ދިރޭތަކެތީގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ އޮންލައިންކޮށް، މީސް މީޑިއާ ޕްލެޓްފޯމުތަކުގައެވެ. ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް މިފަހަރު ނިންމާފައިވަނީ "އަހަރެމެންގެ ހައްލުތައް ވަނީ ގުދުރަތީ ވެށީގައި" މި ޝިއާރުގެ މައްޗަށެވެ.

ދިރޭތަކެތީގެ މުހިންމު ކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް އދ. އިން މި ދުވަސް ފާހަގަކުރާތާ ދިހަ އަހަރުވެއްޖެއެވެ.