ޚަބަރު

"ދިރާގުޕްލޭ"ގެ ނަމުގައި މުނިފޫހިފިލުވުމުގެ މުޅިން އާ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި

އައިދާ އަބްދުލް ހަކީމް

ދިރާގުން "ދިރާގުޕްލޭ"ގެ ނަމުގައި މުނިފޫހިފިލުވުމުގެ މުޅިން އާ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލައިލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހިދުމަތެއް ކަމަށެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކަމުގައި ތިބެން ޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

ދިރާގުން އަލަށް ތައާރަފުކުރި މިއެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެންވެސް ބަލައިލެވެއެވެ. އެގޮތުން ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އާ އަދި ތަފާތު އެތައް ފީޗާތަކެއް އެކުލެވިގެންވާ ކަމަށް ދިރާގުން ބުންޏެވެ.

  • މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެވެ.
  • ރެކޯޑިންގ: މި ފީޗާއިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެއެވެ.
  • ކެޗްއަޕް: މި ފީޗާ މެދުވެރިކޮށް، ހަނދާންނެތިގެން ޕްރޮގުރާމެއް ބަލައިނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލައިލެވޭނެއެވެ.
  • ރީސްޓާޓް: މި ފީޗާ މެދުވެރިކޮށް މިހާރު ބަލަމުން އަންނަ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލައިލެވޭނެއެވެ.

ދިރާގުން ބުނީ "ދިރާގު ޕްލޭ" މިހާރު ހުޅުވާލާފައިވަނީ ހަމައެކަނި ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަނި ކަމަށެވެ. އަދި ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފާއެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ ކަމަށާއި މި ޕެކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. އެއަށް ފަހު ކޮންމެ މަހަކު 30 ރުފިޔާއަށް މިޕެކޭޖް ބޭނުން ކުރެވޭނެ ކަމަށާއި މި ޕްކޭޖް މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލއިލެވޭނެކަމަށެވެ.

ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަސް ކަމަށް ދިރާގުން ބުނެއެވެ. އަދި "ދިރާގު ޕްލޭ" މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެ ކަމަށާއި، އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Play.aspx ޒިޔާރަތް ކުރުމަށް ދިރާގުން ވަނީ އެދިފައެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރުމަށް ކަމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.