ރިޕޯޓް

ސްޓެލްކޯ އެމްޑީ މުސާރައިގެ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވި ގާނޫނުގައި މަޖިލީހުގެ ނަމެއް ނެތް! މިވީ ކިހިނެއް؟

އިބްރާހިމް ޒަކީ

3

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތައް ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ.

މަޖިލިސް ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން، ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާމެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސިޓީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މަޖިލިސް ރައީސް ހަވާލާދެއްވީ އެމަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގެންނެވުމުގެ އެއް އަހަރު ކުރީން އަމަލު ކުރަން ފެށި ގާނޫނަކަށެވެ.

އެ ގާނޫނަކީ ރަސްމީ ލިޔެކިޔުންތަކާބެހޭ ގާނޫނު (ގާނޫނު ނަމްބަރު 2/68 ޗެޕްޓާ 2) އެވެ.

އެ ގާނޫނަށް ހަވާލާދެއްވައި މަޖިލިސް ރައީސް ވިދާޅުވީ، އިންޖީނުގޭ ކުދީންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

"އިންޖީނުގޭން އެބަ އޮތް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ ދެން، އިންޖީނުގެ ކޮންމެވެސް ކުއްޖެއް، މިސިޓީ ފޮނުވާފަވަނީ، އިންޖީނުގޭ ކުދީންނަށް އެނގެންވީ މައުލޫމާތަކީ ދިވެހިރާއްޖޭގެ ގާނޫނުތައް އޮފިޝަލް ކަންތައްތައް، އެއީ ދޭއް އޮބްލިކް 68, އަޅުގަނޑު ވިހެއީ 67 ގައި އޭގެ އެއް އަހަރު ފަހުން، އަޅުގަނޑުމެންގެ ތެރޭގައި ތައާރަފު ކުރެވިފައިވާ ގާނޫނު މީ ސިޓީބީޓީ ލިޔުމާ ގުޅޭގޮތުން، އަދިވެސް އެގާނޫނު އެބައޮތް، އިންޖީނުގޭ ކުދީންނަށް އެނގެން ޖެހޭ، މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން، މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ ގާނޫނަށް ހަވާލާދެއްވައި މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސަށް އެގޮތަށް ސިޓީ ފޮނުވުމުގެ ބާރު ލިބިދެނީ ހަމައެކަނި ސަރުކާރުގެ ވަޒީރުންނަށް ކަމަށެވެ.

"ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ސިޓީވެސް ލިޔެވޭނެ، އަދި ތިބޭފުޅުން ބޭނުންވެވަޑައިގަންނަވާ އެއްޗެއްވެސް ވިދާޅުވެސް ވެވޭނެ، އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައިސަށް އިންޖީނުގޭ ކުދިން ސިޓީއެއް ނުފޮނުއްވަވާނެ، ދޭއް އޮބްލިކް 68 އެޖާގައެއް ނުދޭ، އެހެންވީމާ އިންޖީނުގޭ ހުރިހާ ކުދިންވެސް އަދި ޖައްރާފުގެ ކުއްޖެއްވިޔަސް އަދި އެހެންތަނެއްގައި މަސައްކަތްކުރި ކުއްޖަކަށްވިޔަސް ހުރިހާ ކުދީންނަށް ރީތިކޮށް އެނގެން ޖެހޭނެ، މިތަނަށް ސިޓީ ފޮނުއްވަން ވާނީ ވަޒީރުންކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ހަވާލާ ދެއްވި އެ ގާނޫނަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހަވާލާދެއްވާފައިވާ އެއްވެސްކަމެއް އެ ގާނޫނޫނުން ފާހަގައެއް ނުވެއެވެ. އެގާނޫނުގައި ވަނީ ރަސްމީ ސިޓީބިޓީ ލިޔަންވާ ގޮތާއި، ދައުލަތުގެ އެއްތަނުން އަނެއް ތަނަށް ސިޓީލިޔާނެ ގޮތްތަކާއި ބެހޭ ކަންތައްތައް ކަނޑައަޅައިފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، މިނިސްޓްރީތަކާއި ޑިޕާޓްމެންޓްތަކާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާބެހޭ ކަންތައްތައް އެ ގާނޫނުގައި ހިމަނާފައި ވެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބެހޭގޮތުން އެގާނޫނުގައި އެއްވެސް އެއްޗެއް ބަޔާންކޮށްފައެ ނުވެއެވެ. އަދި ގާނޫނުގެ އެއްވެސް ތަނެއްގައި ރައްޔިތުންގެ މަޖިލީހުގެ ނަމެއްވެސް އައިސްފައެއް ނުވެއެވެ.

ސްޓެލްކޯގެ ސިޓީ ލީކުކޮށްލާފައިވާއިރު، ދައުލަތުގެ ސިއްރުތަކާބެހޭގޮތުން ވެސް ބައެއް ކަންކަން އެ ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.

އެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ، ދައުލަތުގެ އަމުރަކާނުލައި ދައުލަތުގެ އެއްވެސް ލިޔުމެއް ނުވަތަ އޭގެ ނަކަލެއްވިޔަސް އެ ލިޔުމަކާ ނުބެހޭ ބޭރު މީހަކަށް ދައްކައިގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ވާހަކައެއް އެކަމާ ނުބެހޭ ބޭރުގެ މީހަކަށް އަންގައިގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ނުފޮނުވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވެފައިވާއިރު، ސްކޫލްތަކާއި، އަމިއްލަ ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުންވެސް، އެކި ކަންކަމާގުޅިގެން ރައްޔިތުންގެ މަޖިލީހަށް މީގެކުރިން ފޮނުވި ސިޓީތަކާ ގުޅޭގޮތުން މަޖިލީހުުގެ ކޮމިޓީތަކުގައި ބަހުސްކޮށް ކަންތައްތައް ވަނީ ނިންމައިފައެވެ.

އެގޮތުން ސްކޫލްތަކުން ހުށަހެޅި އިލްތިމާސްތަކަކާ ގުޅިގެން، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކު 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސާވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެފްއައިޔޫ ގެ ހެޑް ގޮތުގައި ވަޒީފާ އަދާކުރި އިރު ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރިގޮތާއި ބެހޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިންނާއި އަދި އޭސީސީން މަޖިލީހުގައި، އިބްރާހީމް އާތިފް ޝަކޫރާމެދު ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި ފޮނުއްވި ސިޓީއާ ގުޅިގެން ކޮމިޓީގައި ކުރިޔަށް ގެންދިޔަ މައްސަލަވެސް ފާހަގަ ކޮށްލެވެއެވެ.

އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް މަދުކުރުމަށްޓަކައި ބޭންކް ލޯން އަދި ބޭންކް އިންޓަރެސްޓް ލޯނާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންވާތީ ބައްދަލުވުމެއް ހަމަޖައްސައިދެއްވުން އެދި ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ސިޓީގެ މައްސަަލައާއި، ފަންނު އެކްސްޕޯއާގުޅޭ ގޮތުން ހ.ޝަފީގުގެ އައިޝަތު ޝަފީޤާ ފޮނުވާފައިވާ ސިޓީގެ މައްސަލަ އާއި އުމުރުން 65 އަހަރަށްވުރެ މަތިވެފައިވާ ފަރާތްތަކުގެ ތެރެއިން ފަރުޟު ހައްޖު ވެފައި ނުވާ ފަރާތްތަކަށް ހައްޖު ވެވޭނެ ގޮތް ހައްދަވައިދެއްވުން އެދި ހުސެއިން އާދަމް ކިޔާ ބޭފުޅަކު ފޮނުއްވި ސިޓީ ފަދަ ކިތަންމެ މައްސަލައެއް މަޖިލިސް ރައީސް ވަނީ މަޖިލީހުގައި އޮންނަ އެކަންކަމާ ބެހޭ ކޮމެޓީތަކަށް ފޮނުއްވައިފަ އެވެ.

ސްޓެލްކޯގެ މައްސަލައިގައި ރައީސް ނަޝީދު ހަވާލާދެއްވި ގާނޫނުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތަށް މަޖިލިސް ރައީސަށް ސިޓީ ފޮނުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތާ ބެހޭ އެއްވެސް ވާހަކައެއް ނެތުމުންނާއި އަދި ކުރީން މަޖިލީހަށް ލިބެމުން ދިޔަ މި ފަދަ ބައެއް ސިޓީތަކާ މެދު އެހެން ގޮތަކަށް އަމަލުކުރައްވާފައި އޮތުމުން މި ކަމުގައި އެމަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ރައީސް ނަޝީދު ކުއްލިއަކަށް އެ ގާނޫނަށް ހަވާލާ ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އޮޅިވަޑައިގަތީކަމެއް ނުވަތަ ގަސްދުގައި ކުރެއްވި ކަމެއް ކަމެއްވެސް ނޭނގެ އެވެ.