ނިއުޒިލެންޑް

ނިއުނޯމަލްގައި ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާގޮތަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރު ހުށަހަޅުއްވައިފި

ކޮވިޑް19 އިން ނިއުޒިލޭންޑް ސަލާމަތްކޮށް ނިއު ނޯމަލް އަކަށް ދަތުރުފަށާފައިވާއިރު މަސައްކަތް ކުރާ ދުވަސްތަކުގެ އަދަދަކީ ހަފުތާއަކު ހަތަރެއް ކަމަށް ހެދުމަށް ބޮޑު ވަޒީރު ޖަސިންދާ އާޑާން ހުށަހަޅުއްވައިފި އެވެ.

ޖަސިންދާ އެކަން ހުށަހެޅުއްވީ ފޭސްބުކްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ނިއުޒިލެންޑުގައި ޑޮމެސްޓިކް ޓުއަރިޒަމް އާލާކުރުމާގުޅޭގޮތުންވެސް ޖަސިންދާ ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

"ވަރަށް ގިނަ މީހުން އެބަ ހިޔާލު ހުށަހަޅާ ހަފްތާގައި މަސައްކަތް ކުރާ ދުވަސްތައް ހަތަރަކަށް ބަދަލުކުރަން. މިއީ އަސްލު ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުގެ ދެމެދުގައި އޮންނަ ކަމެއް" ޖަސިންދާ ވިދާޅުވިއެވެ.

އެގައުމުގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ބަޔަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންކަން ފާހަގަކުރައްވައި ބޮޑުވަޒީރު ވިދާޅުވީ، މަސައްކަތް ކުރާ ދުވަހުގެ އަދަދު މަދުކުރުމުން އެމީހުނަށް ހަފުތާ ބަންދު ދިގުކޮށް ލިބި އެހެން ސިޓީ ތަކަށް ދަތުރުކުރާ މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށެވެ. އޭގެ ސަބަބުން ޑޮމެސްޓިކް ޓުއަރިޒަމް ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ހިޔާލަށް މިހާރު މީސްމީޑިއާގައި ގިނަ ބަޔަކު ވާހަކަދައްކަމުން އަންނައިރު، ބައެއް ކުންފުނިތަކުން ބުނީ މިގޮތަށް ހަތަރު ދުވަހު ބާރުބޮޑުކޮށް މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިނަމަ ކުރާ މަސައްކަތް އިތުރުވެދާނެކަމަށް ބެލެވޭ ކަމަށާއި އެކަމާމެދު ވިސްނަމުންދާ ކަމަށް ބުނެފައެވެ.

2018 އިން ފެށިގެން ނިއުޒިލޭންޑުގެ ގިނަ އެޖެންސީތަކުން އަންނަނީ "ފްލެކްސިބަލް ވޯކް ބައި ޑިފޯލްޓް" ކިޔާ ޕައިލޮޓް ޕްރޮގްރާމެއްގައި ބައިވެރިވަމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން ވަޒީފާ އަދާކުރާ މީހުނަށް މަސައްކަތުގެ މާހައުލުގައި އިތުރު ލުއިތައް ދެއެވެ. މިގޮތަށް ލުއި ދިނުމުގައި އެޖެންސީއެއް ބޭނުންވާ ގޮތް އިހްތިޔާރު ކުރެވޭއިރު ސަރުކާރުން އޮންނަނީ ބައެއް މުހިންމު ނުކުތާތައް ފާހަގަކޮށްފައެވެ. ހާއްސަކޮށް މަސައްކަތް ކުރާ ދުވަސްތައް މަދުކުރުން ހިމެނެއެވެ.

ނިއުޒިލެންޑުގައި 240 މުވައްޒަފުން ގެންގުޅޭ ކުންފުންޏަކުން ބުނި ގޮތުގައި ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ހެދުމުން، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ޕްރޮޑަކްޓިވިޓީ އިތުރުވެ، މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ބެލެންސެއް ލިބި ސްޓްރެސް މަދުވެގެންދިޔަކަން ފާހަގަވެފައި ވެއެވެ.

މިދިޔަ އަހަރު މައިކްރޯސޮފްޓުންވެސް ވަނީ އެކުންފުނީގެ ޖަޕާނު އޮފީސް ކޮންމެ ހުކުރު ދުވަހަކު ބަންދުކޮށް މުވައްޒަފުންނަށް ތިން ދުވަސް ހަފްތާ ބަންދުގެ ގޮތުގައި އެއްމަސް ވަންދެން ދީފައެވެ.

އޭގެ ނަތީޖާ ވަރަށް ފޮނި ކަމަށް އެކުންފުނިން ބުނެއެވެ. މަސައްކަތުގައި ހޭދަކުރާ ދުވަސް މަދުވުމުން ލިބޭ ވަގުތުގައި ކުރާ މަސައްކަތުގެ ޕްރޮޑަކްޓިވިޓީ އިތުރުވެ، މުވައްޒަފުންގެ ސޭލްސް 40 ޕަސެންޓު އިތުރުވި ކަމަށާއި އޭގެ ފަހުން އެކުންފުނީގެ ޖަޕާނު އޮފީސް ވަނީ އެގޮތަށް ބަދަލުކޮށްފަ އެވެ.