ރިޕޯޓް

ގުރައިދޫ މަރު: ކަތިވަޅީން ހަމަލާދީ ވައިނޮޅިވަނީ ބުރިކޮށްލާފައި، ރަށުމީހުން ބުނަނީ ފައިސާގެ މައްސަލަ ކަމަށް

މުހައްމަދު ސިމާއު

އާދައިގެ މަތިން މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ތ. ގުރައިދޫ ރައްޔިތުން ތިބީ އަރާމު ނިންޖެއްގައެވެ. އަމާން ހެނދުނަކަށް ހޭލެވޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް މެންދަމުން އަނބުރައި މާގިނައިރެއް ނުވެ މުޅި ރަށް ހޭލައްވައިލީ ބިރުވެރި ހާދިސާއެއްގެ އަޑަށެވެ. ފަހު ތާރީހެއްގައި ވެސް އެރަށުގައި ހިނގާފައި ނުވާ ފަދަ ބިރުވެރި ހަބަރަކާއެކުއެވެ. ރަހުމު ކުޑަކޮށް ވަޅީން ހަމަލާދީ މީހަކު މަރައިލީ އެވެ.

އޭރު ގުރައިދޫ ސިނާއީ ސަރަހައްދު، ކަންޑަރު ކައިރީގައި ޓޭޕު ދަމައި، ފުލުހުން ދިޔައީ ފޯރިމަރަމުންނެވެ. އެއީ އެރަށު ސިއްހީ މަރުކަޒުގައި އޭރު އޮތް ޝާހު އާލަމް ނަމަކަށް ކިޔާ ބަންގްލަދެޝް ފިރިހެން މީހާ ފެނުނު ސަރަހައްދެވެ. އޭނާ ދިރިއުޅޭ ސައިޓު ވެސް ހުންނަނީ އެ ސަރަހައްދުގައެވެ. ރަށު މީހުންގެ ނަމުންނަމަ ޝާލަމްގެ ހަށިގަނޑު އޮތީ ކޮށާލައިފައެވެ.

ވާނުވާ ނޭނގި މުޅި ރަށް ބިރުވެރިކަމެއްގެ ތެރޭގައި އޮއްވައި އަނެއްކާވެސް ޒަހަމްތަކަކާއެކު ބަންގްލަދޭޝް އިތުރު މީހަކު ފެނުނެވެ. ޝާލަމްގެ މަރުގެ ހާދިސާއާ ގުޅިގެން ބިދޭސީން އުޅޭ ތަންތަން ބަލަމުން ދަނިކޮށް އެމީހާ ފެނުނީ ރަށު ތެރޭގައި އޭނާ ނިދާ ގޭގައި ހޭނެތިފައި އޮއްވައެވެ. ވަގުތުން އޭނާ ވެސް ގެންދިޔައީ ސިއްހީ މަރުކަޒަށެވެ. އޭރު ދަންވަރު ތިނެއް ޖަހައި ބޮޑުވެއްޖެއެވެ.

އެއީ ސަތޭކައިގެ މީހެއް، ފެނުނުއިރު ކަރުގެ މައިނާރު ބުރިވެ ގޮހޮރު ވެސް އޮތީ ބޭރުގައި

ގުރައިދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި، ދަނޑުވެރިކަމާއި އެކިކަހަލަ މަސައްކަތްތަކުގައި ޝާލަމް އެރަށުގައި ދިރިއުޅޭތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެދާނެއެވެ. ނަމަވެސް މިފަހުން އޭނާ ގެންގުޅެމުން އައީ އެރަށު އަލި މަނިކެވެ. ކަންޑަރުގައި ހުންނަ އަލިމަނިކުގެ ސައިޓުގެ ގިނަ މަސައްކަތްތައް ކުރަނީ ޝާލަމްއެވެ. ޝާލަމްގެ ނިދުމާއި ކެއުން ބުއިމާއި ފެންވެރުމުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސާފައި ހުންނަނީ ސައިޓުގައި ހުންނަ ވަކި ތަނެއްގައެވެ.

ޝާލަމްގެ ވާހަކަތައް "ވަން"އަށް ކިޔައިދެމުން އަލި މަނިކު ބުނީ ޝާލަމްއަކީ މަސައްކަތަށް ރަނގަޅު، ފައިސާ ހޯދަން ބުރަކޮށް މަސައްކަތްކުރާ "ސަތޭކައިގެ މީހެއް" ކަމަށެވެ. މީގެ ކުރިން އޭނާއާ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ފަހުންވެސް އޭނާއާއި އެހެން ބަޔަކާ މައްސަލައެއް ދިމާވެގެން އުޅޭކަން އެނގިފައި ނެތް ކަމަށް އަލިމަނިކު ބުންޏެވެ.

"(މަރާލި ދުވަހު) އޭނާއާ އެއްކޮށް މެންދުރު ތިނެއް ޖަހަންދެން ސައިޓުގަ މަސައްކަތް ކުރިން. އަދި ފަހުން ފިހާރައިގަ ވެސް މަސައްކަތްކޮށްފަ ރޭގަނޑު ނުވައެއް ޖަހާކަންހާއިރު ސައިޓަށް ދިޔައީ. އަހަރެންނަށް ހޭލެވުނީ މަރުކަޒުން ގުޅީމަ،" އަލި މަނިކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ޝާލަމަށް ހަމަލާދިންކަން އެނގުނީ، ޝާލަމް ދިރިއުޅޭ ސައިޓުން ނުކުމެ ބިދޭސީން ދިރިއުޅޭ އެހެން ސައިޓެއްގެ ދޮރުގައި އޭނާ ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޝާލަމް ސިއްހީ މަރުކަޒަށް ގެންދިޔައީ އެ ސައިޓުގައި ދިރިއުޅޭ ބިދޭސީން ކަމަށެވެ.

ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ޝާލަމް އޮތީ މަރުވެފައެވެ. އޭރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ކަތިވަޅިން ދިން ހަމަލާތަކުގައި މުޅި ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. އަލި މަނިކު ބުނި ގޮތުގައި، ޝާލަމަށް ދިން ހަމަލާތަކުގެ ސަބަބުން ކަރުގެ މައިނާރު ބުރިވެ، ބަނޑުގެ އަރިމަތިން ގޮހޮރުވެސް އޮތީ ނުކުމެފައެވެ. އަދި އޭނާއަށް ލިބިފައި ހުރި ޒަހަމްތައް ރަނގަޅަޑް ބަލަން ވެސް ނުކެރުނު ކަމަށެވެ.

ތުހުމަތުގެ އިނގިލި ޒަހަމްވެފައި އޮއްވާ ފެނުނު ބިދޭސީއަށް!

ޝާލަމްގެ މަރާއެކު އެންމެ ގިނަ ބަޔަކު ތުހުމަތުގެ އިނގިލި ދިއްކުރަނީ ޒަހަމްތަކަކާއެކު ފެނުނު ބިދޭސީ މީހާއަށެވެ. ޝާލަމްގެ މަރުގެ މައްސަލައާ އޭނާއާ ގުޅުން އޮވެދާނެ ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.

ރަށުން ވާހަކަ ދެއްކި މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި، ޒަހަމްތަކަކާއެކު ފެނުނު ބަންގްލަދޭޝް މީހާއަކީ މި ރޯދަމަސް ފެށުމުގެ
ކުޑަދުވަސްކޮޅެއް ކުރީން އެރަށަށް ދިޔަ މީހެކެވެ. އޭނާ ކުރަނީ ކަންޑަރުގައި މަސް ކެއްކުމުގެ މަސައްކަތެވެ. އިއްޔެރޭ ޝާލަމްގެ މަރަށްފަހު މިމީހާ ޒަހަމްތަކަކާއެކު ފެނުނުއިރު، އޭނާ ފަރުވާ ހޯދަން ހެލްތު ސެންޓަރަށް ގޮސްފައި ނުވާ ކަމަށާއި އަދި އެވާހަކަ އިތުރު މީހެއް ކައިރީގައި ބުނެފައިވެސް ނުވާ ކަމަށެވެ.

"ވީގޮތެއް މާރަނގަޅަކަށް ނޭނގެ. އެކަމަކު އޭނާ ބޯ ޒަހަމްވެފަ ހުރީ. ބެލެވެނީ ތޫނު އެއްޗަކުން ޖަހާފަހެން. އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރު ހޭނެތިފަ އޮތް ކަމަށް ބުނަނީ. ފަހުން މީހުންނާ ވާހަކަދައްކައި އުޅުނު ކަމަށްވޭ. ބައެއް މީހުން ބުނި އޭނާ މަކަރު ހަދަނީއޭ ވެސް. އޭނަ އަމިއްލައަށް ބޮލަށް ގެއްލުންދީފައޭ ވެސް ކިޔާ،" ގުރައިދޫން ވަންއާ ވާހަކަދެއްކި އެހެން މީހަކު ބުންޏެވެ.

ޒަހަމްތަކަކާއެކު ފެނުނު މީހާ އިތުރު ފަރުވާއަށް އިއްޔެ ވަނީ ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބޮލަށް ލިބިފައި ހުރި ޒަހަމްތައް ބެލުމަށް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭތަކެއް ނެގިއެވެ. ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީގު އަލީ "ވަން" އަށް ވިދާޅުވި ގޮތުގައި، އެ ޓެސްޓުތަކުން ދައްކާ ގޮތުގައި މާބޮޑު "ގޯހެއް" ނެތެވެ. އެހެންކަމުން އަނބުރާ ރަށަށް ގެންގޮސް މިހާރު އޭނާ ބަހައްޓާފައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ރަށަށް ފައިސާ ނުފޮނުވާތާ ތިން މަސް، ބެލެވެނީ ފައިސާގެ މައްސަލައެއް ކަމަށް

ގުރައިދޫން ވާހަކަ ދެއްކި އެކަކު ބުނި ގޮތުގައި ޝާލަމް މަރާލި ކަމަށް ބެލެވެނީ އޭނާގެ އަތުގައި ފައިސާ ހުރެގެން، އެކަމުގެ ދަހިވެތިކަމުގައެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ސަބަބަކީ ޝާލަމް މަރާލި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، ޒަހަމްތަކަކާއެކު ފެނުނު މީހާއަކީ ވެސް މަސް ކެއްކުމާއި އެކިކަހަލަ މަސައްކަތް ކޮށްގެން ފައިސާ ލިބޭ މީހަކަށްވާތީއެވެ.

ނަމަވެސް ޝާލަމް ގެންގުޅުނު އަލި މަނިކު ބުނި ގޮތުގައި، ޝާލަމްއާ އޭނާ ހަވާލުވީ މީގެ އަހަރެއް ކުރިންނެވެ. އޭނާއަށް ގަވައިދުން މުސާރަ ދެމުން އައިއިރު އެ ފައިސާ ކުރިން ގައުމަށް ފޮނުވާ ކަމަށާއި އެކަން ކުރަނީ އެ ރަށުގައި އުޅޭ ގާތް ރަހުމަތްތެރިޔަކާ ހަވާލުކޮށްގެން ކަމަށެވެ. ނަމަވެސް ޝާލަމް ރަށަށް ފައިސާ ނުފޮނުވާކަން އޭނާ މަރުވިފަހުން އެނގިފައިވާ ކަމަށާއި އެކަމަކު އެއީ ކީއްވެކަން ނޭނގޭ ކަމަށް އަލިމަނިކު ބުންޏެވެ.

"ޝާލަމްއަށް ރަނގަޅަށް ލިޔަން ކިޔަންވެސް ނޭނގޭނެ. ދިވެހިން ވާހަކަދައްކާކަށް ވެސް ރަނގަޅަކަށް ނޭނގެ. އެއީ ދެން އަޅުގަނޑަށް ވެސް ވަރަށް ދަތިކަމެއް. ފޯނު ނަންބަރު ވެސް ގަނޑުކޮޅެއްގަ ލިޔެފަ ދޭންޖެހޭނީ. މަރުގެ ހާދިސާއަށްފަހު އަހަރެން ގޮސް އޭނާއާ (ޝާލަމް ރުފިޔާ ހަވާލުކުރާ މީހާ)އާ ވާހަކަދެއްކިން. ބުނި ތިން މަސް ވެއްޖެޔޭ ފައިސާ ރަށަށް ނުފޮނުވާތާ. އެހެންވީމަ ޝާލަމް އަތުގަ ރުފިޔާ ހުންނާނެ،" އަލި މަނިކު ބުންޏެވެ.

ނަމަވެސް އަލި މަނިކު ބުނި ގޮތުގައި، ޒަހަމްތަކާއެކު ފެނުނު މީހާއާ ޝާލަމްއާ ރައްޓެއްސެވެ. އެ ދެމީހުން މަޖާކޮށް ވާހަކަދައްކައިވެސް އުޅެއެވެ. ނަމަވެސް ވަރަށް މަދުން ނޫނީ އެ ދެމީހުން އެއްކޮށް އުޅޭތަން ނުފެންނަ ކަމަށް އަލިމަނިކު ބުންޏެވެ.

މި މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ. އެކަމަކު ފޮރިންސިކް ފުލުހުންނާއި ލ. ގަމުން ގުރައިދޫއަށް ދިޔަ ފުލުހުންގެ ޓީމެއް މިހާރު ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.