ވިޔަފާރި

ސޭފް ޓޫރިޒަމް ގައިޑްލައިން ހެދުމަޑް ޔޫއެންޑަބްލިޔުޓީއޯއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި

އަލީ ޔާމިން

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު އަމަލުކުރާނެ ގައިޑްލައިންގެ ފައިނަލް ޑްރާފްޓް އެކުލަވާލުމުގައި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)އިން ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާއިރު އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވޯލްޑް ޓޫރިޒަމް އޯނަގައިޒޭޝްގެ ސެކްރެޓަރީ ޖެނެރަލް، ޒުރަބް ޕޮލޯލިކަޝްވިލި އާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި އެ މަޝްވަރާތުގައި ޔޫއެންޑަބްލިޔުޓީއޯ އިން ވަނީ ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލައިރު އަމަލުކުރަން ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގައިޑްލައިންގެ ފައިނަލް ޑްރާފްޓު އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ދެއްވާފައި ކަމަށެވެ.

ފަތުރުވެރިކަން އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައެވެ. އަދި އެ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް އެފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓްގައިވާ ގޮތުން އަންނަ މަހު ރިސޯޓުތައް ޗާޓާޑް ފްލައިޓްތަކަށް ހުޅުވައިލާނެއެވެ. ނަމަވެސް ގެސްޓު ހައުސްތައް ހުޅުވާލާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފައިނަލް ގައިޑްލައިނެއް އެކުލަވާލާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންނާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާވެސް މަޝްވަރާކުރުމަށް ފަހުކަމަށެވެ. އަދި ވަރަށް އަވަހަށް ފައިނަލް ގައިޑްލައިން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.