ޚަބަރު

500 މީހަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެންބީއޭއެމް އާއި މަޓާޓޯއިން ފެށި މަސައްކަތަށް ދިރާގުން އެހީވެދީފި

އަލީ ޔާމިން

ހާލުގައި ޖެހިފައިވާ 500 މީހަކަށް އެހީވުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިސްނަގައިގެން ފެށި ހަރަކާތަށް ދިރާގުން އެހީތެރިކަން ފޯރިކޮށްދީފިއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

ދިރާގުން ބުނީ، އެންބީއޭއެމް އާއި މަޓާޓޯއިން ދިރާގު ހިމެނޭހެން އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން މިއަދާ ހަމައަށް 25،000 އަށްވުރެ، ގިނަ މީހުންނަށް މީލް ޕެކޭޖު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ ކުރިން "ވަން" އަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ހާލުގައި ޖެހުމުގެ ސަބަބުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ބިދޭސީންނާއި ދިވެހިންގެ އިތުރުން ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 500 މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މަޓާޓޯގެ އަމާޒަކީ މަހެއްހާ ދުވަސްތެރޭގައި 30،000 އެއްހާ މީލް ޕެކޭޖު އެކި ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެތައް މީހުންނެއްގެ މުސާރަ ކުޑަވެ، ކުލި ދައްކައިގެން ނޫޅެވޭ ހާލަތަށް ވަނީ ގޮސްފައެވެ. މިދުވަސްވަރު ކުލި ނުދެއްކުމުގެ ސަބަބުން މާލޭގެ ބައެއް ގޭގެއިން މީހުން ނެރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.