ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބައްދަލުވުމެއް އޮންލައިންކޮށް ބާއްވައިފި

އަލީ ޔާމިން

ކޮވިޑު 19 ފެތުރޭތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާ ހާލަތާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކެބިނެޓް މެމްބަރުންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާލެއާއި މުލި ރާއްޖެ ލޮކްޑައުންކޮށްފައިވާ އިރު، އެކަމާ ގުޅިގެން ސަރުކާރުގެ ގިނަ ހިދުމަތްތަކެއް ވަނީ އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސައިފައެވެ. އަދި ސަރުކާރުން ގިނަ މަސައްކަތްތައްވެސް ކުރަނީ އޮންލައިންކޮށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައި މިއަދު ކުރިއަށްގެންދެވި ކެބިނެޓް ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ކޮވިޑުގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، ކޮވިޑުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިސްކޯ ވެބްއެކްސް ޕްލެޓްފޯމް ބޭނުންކޮށްގެނެވެ.

މި ބައްދަލުވުމުގައި ވަޒީރުން ވަނީ މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރުމަށް ފަންނީ މާހިރުންގެ ލަފާގެ މަތިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ރައީސްގެ އިރުޝާދާއެކު އަޅާފައިވާ އަދި އަޅަމުން އަންނަ ފިޔަވަޅުތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.