ގައުމަށް ކޮންމެ ކަމެއް ދިމާވިޔަސް ފުރާނަ އަތްމައްޗަށް ލައިގެން ގައުމީ ހިދުމަތުގައި ތިބޭ އެއްބަޔަކީ ސިފައިންނެވެ. ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމަށް ކުރާން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ޖާނުން ގުރުބާންވުމަށް ސިފައިން ތިބެނީ މާތްﷲ ގަންދީ ހުވާކޮށްގެންނެވެ. ގައުމީ ރޫހާއި ގައުމީ ޖޯޝާއެކު ސިފައިން ކުރަމުން އަންނަ ބުރަ މަސައްކަތަކީ އޭގެ ބަދަލު ނުދެވޭނެ މަސައްކަތެކެވެ. ރައްޔިތުންނަށްޓަކައި އެމީހުން އެއުފުލާ ބުރަޔަކީ ދުލަކުން ގަލަމަކުން ބަޔާން ކުރެވޭނެ ބުރައެއް ނޫނެވެ.
ކޮވިޑު 19ގެ ހަނގުރާމައިގައިވެސް ސިފައިން ދައްކަމުން އެދަނީ އެނަމޫނާއެވެ. ލޯބިވާ އާއިލާތަކާއި އަނބިދަރީންނާއި ދުރުގައި ރެޔާއި ދުވާލު ސިފައިން އެ މަސައްކަތް ކުރަނީ ނުފެންނަ ދުޝްމަނަކާއި ދެކޮޅަށް ހަނގުރާމަކޮށް، ގައުމު ސަލާމަތުގެ އައްސޭރިޔަކަށް ގެންދިއުމަށެވެ. ކޮވިޑުގެ ނުރައްކާތެރި ހަނގުރާމައިގައި ސިފައިންގެ ގިނަ ބަޔަކު ބަލީގެ ޝިކާރައަކަށްވެފައިވާއިރު، އެތައް ސިފައިންނެއް އެކަމުގެ ސަބަބުން މިއަދުވެސް ތިބީ ކަރަންޓީނުގައެވެ.
ކޮވިޑުގެ އޮޕަރޭޝަންގައި އެކި ދިމަދިމާލުން ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބަލި ޖެހޭ މީހުންނާއި، ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި، ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުންނާއި، މާލެއިން އަތޮޅުތެރެއަށްދާ މީހުން ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ހަމަޖައްސާފައިވާ ފެސިލިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރަނީ ސިފައިންނެވެ. އެ ފެސިލިޓީތަކުގައި ސިފައިން މަސައްކަތް އެކުރަނީ ބަލި ޖެހިދާނެކަން އެނގިތިބެ އެކަމަށްވެސް ރުހިގެންނެވެ.
ސިފައިން މިކޮށްދޭ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެ މަސައްކަތަށް އިހުލާސްތެރި ހިތަކުން ޝުކުރުވެރިވުމެވެ. މިފަހަރު ސިފައިންގެ މިންނެތް މަސައްކަތުގެ އަގުވަޒަން ކޮށްދިނީ ކަރަންޓީން ފެސިލިޓީއެއްގައި ތިބި ދެ ކުޑަކުދިންނެވެ. އެގޮތުން ހެރެތެރެ ކަރަންޓީން ފެސިލިޓީގައި ތިބި ދެކުދިން މިވަނީ އެކުދީންނަށް ލޯތްބާއި އޯގާތެރިކަންދީ، ހިދުމަތްކުރި ސިފައިންނާ މެދު އެކުދީންގެ ހިތުގައި އުފެދުނު ލޯބި ބަންޑުން ކޮށްލައިފަ އެވެ.
އެ ދެކުދިން ވަނީ ކަރަންޓީން ފެސިލިޓީގައި އެކުދިން ތިބި 14 ދުވަހު ސިފައިން ފޯރުކޮށްދިން ފުރިހަމަ ހިދުމަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ. އެކުދިން ބުނިގޮތުގައި ގައުމަށް ބޭނުންވާ ނަޒަރުގައި ހަގީގީ ހީރޯއިންނަކީ އެއީއެވެ.
"އަހަރެމެން އުފަލުގައި ބޭތިއްބުމަށް ބޭބެމެން ތިވާ ގުރުބާނީއަށް ޝުކުރު އަދާކުރަން. ގައުމަށް ބޭނުންވާ ހަގީގީ ހީރޯއިންނަކީ ތިއީ." އެ ދެކުދިން ސިފައިންނަށް ހަދިޔާކުރި ފޮޓޯގައިވާ ލިޔުންކޮޅުގައިވެއެވެ.
ކަރަންޓީނުގައި 14 ދުވަސް ފުރިހަމަކުރުމަށް ފަހުވެސް އެކުދިން ތިބީ އެ ފެސިލިޓީން ދާން ބޭނުން ނުވެފައެވެ. ސިފައިން ފޯރުކޮށްދޭ މީރު ކާއެއްޗެއްސާއި، އޯގާތެރިކަމުން އެކުދިންގެ ހިތްވަނީ ފުރި ބަންޑުންވެފައެވެ.
ތެދެކެވެ. ސިފައިންގެ އެ ގުރުބާނީ ނުހަނު ބޮޑެވެ. ވަކީން ހާއްސަކޮށް ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއްގެ ވަގުތުގައި ގައުމު ކޮނޑުމައްޗަށް ލައިގެން ގުރުބާންވާ އެއްބަޔަކީ ސިފައިންނެވެ. ހިތުގެ އެންމެ ފުންމިނުން ޝިފައިންނަށް ޝުކުރިއްޔާއެވެ.